ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ރަސްމީ ވާހަކަތައް މެދުކެނޑުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މި ވާހަކަތައް އަލުން ފެށޭނެ ގޮތެއް ހޯދުމަށް ދެ ފަރާތުގެ ސުލްހައިގެ މަންދޫބުން އުރުދުންގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި އޮފިޝަލުން ހާމަކޮށްފިއެވެ.
އުރުދުން އިން ބުނެފައި ވަނީ އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުންގެ އިތުރުން މެދުއިރުމަތީގެ ސުލްހަޔަށް މަސައްކަތްކުރާ ކުއާޓެޓް (އެމެރިކާ، ރަޝިއާ، ޔޫރަޕްގެ އިއްތިހާދު އަދި އދ) ގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތައް މެދުކަނޑާލީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު ފެށުމަށް ފަހު ދެ ތިން ހަފުތާ ފަހުންނެވެ.
ވާހަކަތައް އަލުން ފަށާނެ ގޮތެއް ހޯދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފަލަސްތީނުން މިހާރު ވަނީ މިނިވަންކަމުގެ މައްސަލަ އ.ދ. ގެ ސަލާމަތީ މަޖިލީހަށް ވެސް ވައްދާފައެވެ. އަދި ޔުނެސްކޯ އިން ވަނީ ފަލަސްތީނަށް މެމްބަރުކަން ވެސް ދީފައެވެ.
ފަލަސްތީނުން ތަކުރާރުކޮށް ބުނަމުން ދަނި ޔަހޫދީ އާބާދީތަކުގެ މަސައްކަތް އިސްރާއީލުން މުޅިން ހުއްޓާނުލަނީސް ވާހަކަތަކުގައި އަލުން ބައިވެރިނުވާނެ ކަމަށެވެ. އިސްރާއީލުން އަންނަނީ ފަލަސްތީނުން އެމީހުންގެ ވެރި ރަށަށް ހަދަން މަސައްކަތްކުރާ އިރުމަތީ ގުދުސްގައި ހަލުވިކަމާ އެކު ޔަހޫދީން އާބާދުކުރަމުންނެވެ.
ޔަހޫދީ އާބާދީތައް ހުއްޓާލަން އިސްރާއީލުން ދެކޮޅުހަދާއިރު ސުލްހައިގެ ވާހަކަތައް ވީ އެންމެ އަވަހަކަށް ފެށުމަށް އެމެރިކާ އިން ވެސް އަންނަނީ ބާރު އަޅަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...