ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ހުށަހަޅައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ބިލުތަކުގެ ތެރޭގައި ހިމެނެނީ ޢިމާރާތްކުރުމުގެ ބިލާއި، ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލާއި، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު އަދި ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކަމަށެވެ.
ޢިމާރާތްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކޮށް، ކަނޑައެޅޭ ހަމަތަކަކާއި މިންގަނޑުތަކެއްގެ މަތިން އެ ދާއިރާ ކުރިއަރުވައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރުމަށާއި؛ ޢިމާރާތްތަކަކީ ރައްކާތެރި، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ، އަދި އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް މަގުފަހިކުރުމަށާއި؛ ޢިމާރާތްކުރުމުގެ މަސައްކަތަކަކީ ރައްކާތެރި، ތަރައްޤީއާއި އުފެއްދުންތެރިކަމަށް މަގުފަހިކުރާ، ތިމާވެއްޓާ ރައްޓެހި މަސައްކަތަކަށް ހެދުމުގެ އިތުރުން ޢިމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ ޤާބިލު، ފަންނުވެރި ބަޔަކަށް ހެދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައެވެ.
ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙް ހުށަހެޅުމުގެ ބޭނުމަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތުން ނަގާ ޓެކްސް، ޓޫރިސްޓުންނެކޭ އެއްފަދައިން ދިވެހިންގެ އަތުންވެސް ނެގެނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނެގޭ ރޭޓުން ކަމުގައިވާތީއާއި، މިހާރު އެ ޤާނޫނު އޮތްގޮތުން، ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތާނގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތްވެސް ބެލެވެނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ގޮތުގައި ކަމަށްވެފައި، އެފަދަ ފިހާރަތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތުން އެ މުވައްޒަފުންގެ އަތުން ޓެކްސް ނެގެނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނެގޭ ރޭޓުން ކަމުގައިވާތީއާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނެގޭ ރޭޓު، މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެން %12 އަށް ބޮޑުވާނެތީ، އެ ތާރީޚުގެ ކުރިން އެކަން އިޞްލާޙުކޮށް، އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ޓެކްސް ނެގޭ ރޭޓު ކަމުގައިވާ %6 އިން ދިވެހިންގެ އަތުން އެ ޓެކްސް ނެގޭނެ ގޮތަށް ހަމަޖެއްސުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު ހުށަހަޅާފައިވަނީ، މީހުންނާއި ކުޑަކުދިން ޓްރެފިކްކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމާއި، ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ކުށްކުށާއި، މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް ފައިސާ ހޯދައިދިނުމާއި، ޓެރަރިޒަމްގެ ކުށްކުށާއި އެނޫންވެސް ބޮޑެތި ޖިނާއީ ކުށްކުށް، ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ޒަމާނެއްގައި، ޖިނާއީ މައްސަލަތަކުގައި ބޭރު ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ނިޒާމެއް އެކަށައެޅުމަކީ މުހިންމު ކަމެއް ކަމުގައިވާތީ، ބޭރު ޤައުމުތަކުގައި ހިންގާ ޖިނާއީ ޝަރީޢަތްތަކަށް ނުވަތަ ތަޙްޤީޤުތަކަށް ބޭނުންވާ ދިވެހިރާއްޖޭގައިވާ ހެއްކާއި އެނޫންވެސް އެއްޗެހި ހޯދައި އެ ޤައުމުތަކަށް ގެންދިޔުމުގައި، އަދި ބޭރު ޤައުމުތަކުގައި ހިނގާ ޝަރީޢަތްތަކުގައި ހެކި ދިނުމަށްޓަކައި ނުވަތަ ތަޙްޤީޤުތަކުގައި އެހީތެރިވުމަށްޓަކައި ދިވެހިރާއްޖޭގައިވާ މީހުން އެ ޤައުމުތަކަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކާގުޅޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށާއި؛ ދިވެހިރާއްޖޭގައި ހިންގާ ޖިނާއީ ޝަރީޢަތްތަކަށް ނުވަތަ ތަޙްޤީޤުތަކަށް ބޭނުންވާ ބޭރު ޤައުމުތަކުގައިވާ ހެއްކާއި އެނޫންވެސް އެއްޗެހި ހޯދައި ދިވެހިރާއްޖެއަށް ގެނައުމުގައި، އަދި ދިވެހިރާއްޖޭގައި ހިންގާ ޝަރީޢަތްތަކުގައި ހެކި ދިނުމަށްޓަކައި ނުވަތަ ތަޙްޤީޤުތަކުގައި އެހީތެރިވުމަށްޓަކައި ބޭރު ޤައުމުތަކުގައިވާ މީހުން ދިވެހިރާއްޖެއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭނުންވާ އެހީ ހޯދުމަށް މަގުފަހިކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ ނިޒާމު އެކަށައެޅުމަށެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވާފައިވާ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގައި މިހާރަކަށް އައިސް ތޫނު އެއްޗެއްސާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީގެ ކުށްތައް އިތުރުވަމުންދާތީ، އެފަދަ ކުށް ކުރުން ހުއްޓުވައި ޢާންމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމާއި ހާސްކަން ފިލުވުމަށްޓަކައި އަދި މުޖުތަމަޢުގެ އަމާންކަމާއި ޞުލްޙަވެރިކަން ޤާއިމުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޤަބޫލުކުރެވޭތީ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑަށް ގެއްލުން ލިބޭގޮތަށް ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ތޫނު އެއްޗެއްސާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށް ކަމުގައި ކަނޑައެޅުމަށާއި، އެ ކުށްކުށާ އެކަށީގެންވާ އަދަބު ކަނޑައެޅުމަށާއި، އެފަދަ ކުށްކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންނަށް ޤާނޫނުއަސާސީން ލިބިދޭ ބައެއް އަސާސީ ޙައްޤުތައް، މުޖުތަމަޢުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން ހަނިކުރުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...