ޔަހޫދީ އިޒްރޭލުގެ އަނިޔާވެރިކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުން ތަކުން އަރައިގަތުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހުޅުވި ޣައްޒާ ފަންޑު ހުޅުވިތާ އެންމެ ހަފްތާއެއް ނުވަނީސް ޣައްޒާ ފަންޑަށް ދޮޅު މިލިޔަނާއި ކައިރި ކުރާ ޢަދަދަކަށް ފައިސާ ލިބިއްޖެ އެވެ.
އެގޮތުން އިއްޔެއާއި ހަމައަށް ޣައްޒާ ފަންޑު ކޮމެޓީން ޢާއްމު ކޮށްފައިވާ ހިސާބު ތަކަށް ބަލާއިރު ފަންޑަށް މިހާތަނަށް ވަނީ އެއްމިލިޔަން ހަތަރު ލައްކަ ތިރީސް ހަތަރުހާސް ދުއިސައްތަ ރުފިޔާ އަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ލިބިފައި ވެއެވެ. މީގެ ތެރޭގައި މިހާތަނަށް ޣައްޒާ ފަންޑަށް ލިބިފައިވާ 1،367،403.86 ދިވެހި ރުފިޔާ އާއި، ބޭރު ފައިސާގެ ގޮތުގައިލިބުނު 4334.00 ޑޮލަރު ހިމެނެއެވެ.
އެހެން ކަމުން ޣައްޒާ ފަންޑަށް މިހާތަނަށް ލިބުނު ޖުމްލަ ފައިސާގެ ޢަދަދު ވަނީ 1،434،233.28 ރުފިޔާ އަށް ވަނީ އަރާފައެވެ.
ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހު ވެސް ބޮޑު ތަރުޙީބެއް ލިބިފައި ވަނިކޮށް ފަންޑް ހުޅުވިތާ ދެވަނަ ދުވަހު ވަނީ ރެކޯޑް ޢަދަދަކަށް ފަންޑަށް ފައިސާ ލިބިފައެވެ. އެގޮތުން ދެވަނަ ދުވަހުގެ ނިޔަލަށް ވަނީ މި ފަންޑަށް ތިންލައްކަ ތިރީސް އަށްހާސް އެއް ސަތޭކަ ރުފިޔާ ލިބިފައެވެ. ފަންޑު ހުޅުވިތާ ދެވަނަ ދުވަސް ކަމަށްވާ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޣައްޒާ ފަންޑަށް 259,675.60 ރުފިޔާ ލިބުނު އިރު ބޭރުފައިސާގެ ގޮތުގައި ވެސް 1216 ޑޮލަރު ވަނީ ލިބިފައެވެ.
ޣައްޒާ ފަންޑު ހުޅުވުމާއި އެކު ގިނަ ބަޔަކު ފަންޑަށް ފައިސާ ޖަމާ ކުރަން ފަށާފައި ވާއިރު، ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ފަސްދޮޅަސް ހާހެއްހާ ރުފިޔާ ލިބިފައެވެ. ޣައްޒާ ފަންޑަށް ފުރަތަމަ ދުވަހުގެ ނިޔަލަށް ލިބިފައި ވަނީ 130.00 ޑޮލަރާއި، 57689.00 ރުފިޔާ އެވެ.
ޣައްޒާ ފަންޑަށް ލިބޭ ފައިސާ އިން ކާބޯތަކެއްޗާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރި ކޮށް ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
މިއީ އެއް މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފަންޑަކަށް ވާއިރު ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ވެސް ފަސޭހަ ކަމާއި އެކު މި ފަންޑަށް މިހާރު ފައިސާ ޖަމާކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...