ރާއްޖޭގެ ޚަބަރު އިސްލާމީ އުއްމަތާއި ދެކޮޅައް ކާފަރުން ކުރަމުންދާ ހަނގުރާމަ ތަކަކީ ދާޚިލީ ހަނގުރާމަ ތަކެއް ނޫން: ބަޔާން

އިސްލާމީ އުއްމަތާއި ދެކޮޅައް ކާފަރުން ކުރަމުންދާ ހަނގުރާމަ ތަކަކީ ދާޚިލީ ހަނގުރާމަ ތަކެއް ނޫން: ބަޔާން

އިސްލާމީ އުއްމަތާއި ދެކޮޅައް ކާފަރުން ކުރަމުންދާ ހަނގުރާމަ ތަކަކީ ދާޚިލީ ހަނގުރާމަ ތަކެއް ނޫން: ބަޔާން

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ އުއްމަތާއި ދެކޮޅައް ކާފަރުން ކުރަމުންދާ ހަނގުރާމަ ތަކަކީ ދާޚިލީ ހަނގުރާމަ ތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ސިފަ ކޮށްފައި ވާތީ ޖަމިއްޔަތުލް ބަޔާނުން އެކަން ކުއްވެރި ކޮށްފިއެވެ.
އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާމީ އުއްމަތާއި ދެކޮޅައް ކާފަރުން ކުރަމުންދާ ހަނގުރާމަ ތަކަކީ ދާޚިލީ ހަނގުރާމަ ތަކެއް ކަމުގައި ސިފަ ކުރުމަކީ އެ ޖަމިއްޔާ އެކަމުން ބަރީއަވެގެންވާ ކަމެއް ކަމަށާއި، ޖަމިއްޔަތުލް ބަޔާނުން އެކަން ކުއްވެރިކުރާ ކަމަށެވެ. މިއަދި މިފަދަ ދަނޑިވަޅެއްގައި އެފަދަ ވާހަކަ ދެއްކުމަކީ އުއްމަތަށް ނިކަމެތިކަން ލިބުމުގެ އިތުރުން ޢާއްމުންނަށް މައްސަލަ އޮޅުން އަރާނެ ކަމެއް ކަމަށް ވެސް ބަޔާން ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އިސްލާމުން މިއަދު ބަލިކަށިވެ ނިކަމެތި ވެފައިވަނީ ދީނާއި ދުރުވުމާއި، ޙަރްބީ ކާފަރުންނަކީ ގާތް އެކުވެރިންކަމުގައި ހެދުމުގެ ސަބަބުން ކަމަށެވެ.
އަދި އުއްމަތަށް ކާފަރުން އަތްގަދަކޮށް މުސްލިމުންގެ މުޤައްދަސް ބިންތަކަށް ވެރިވެގަންނަމުންދާ މިފަދަ ވަޤުތެއްގައި ދިވެހި ދީނީ ޢިލްމުވެރިންވެސް ޙައްޤުބަސް ވިދާޅުވެ ވާޤިޢު ގައި ހިނގަމުން މިދާ ކަންތަކަށް ރާއްޖޭގެ ރައްޔިތުން އަހްލުވެރި ކުރުވުމަށާއި، މީސްތަކުންނަށް އެކަމެއްގެ އިލްމު ބޭނުންވާ ވަޤުތު އެކަންތައްތައް ސާފު ކޮއްދިނުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ. އަދި މިފަދަ ނާޒުކު ވަޤުތުތަކުގައި ހަނުހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ދީނީ ޢިލްމުވެރިންނަށް ހަނދުމަފުޅުކޮށް އަރުވާފައެވެ.
މީގެ އިތުރުން އިސްލާމުންގެ ލޭބޮމުންދާ ޔަހޫދީންގެ އެއްއަތް ކަމުގައިވާ އެމެރިކާއަކީ އިސްލާމީ ޤައުމު ތަކުގެ ވަރަށް އިތުބާރުކުރެވޭ ގާތް އެކުވެރިއެއް ކަމުގައި ބުނަމުންދާއިރު ކީރިތި ޤުރްއާނުން މިކަން މަނާ ކުރާ ކަމަށް ވެސް ޖަމިއްޔަތުލް ބަޔާނުން ވަނީ ބުނެފައެވެ.

ތިރީގައި މިވަނީ ޖަމިއްޔަތުލް ބަޔާނުން ނެރެފައިވާ ބަޔާން އެއްވެސް އުނި އިތުރެއް ގެނައުމަކާ ނުލައެވެ.

އިސްލާމްދީނުގެ ޢަދުއްވުން އިސްލާމީ އުއްމަތް ހަލާކުކޮށް ނެތިކޮށްލުމަށްޓަކައި ކެނޑިނޭޅި ދެމުން ގެންދާ އެންމެހާ އުދުވާނުތަކަށް އިންކާރުކޮށް އެކަންތައްތައް ކުއްވެރިކޮށް ނެރޭ ނޫސްބަޔާން
ألحمد لله القائل (( وَلا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا)) والصلاة والسلام على رسول الله، وعلى آله وصحبه ومن والاه،
މިއަދު އިސްލާމީ އުންމަތުގެ އެކި ކަންކޮޅުތަކުގަ މުސްލިމުންނަށް ދެމުންދާ އެންމެހާ ޙަމަލާތަކާއި ގެއްލުންތަކަކީ އެއްވެސް ޙާލެއްގައި ވަކި ޤައުމެއްވެގެން ދެމުންގެންދާ ޙަމަލާތަކެއްނޫނެވެ. މާތްﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް އެކަނި އަޅުކަންކުރާތީ ދެމުންގެންދާ ޙަމަލާތަކެކެވެ. މުސްލިމުން އިސްލާމްދީން ދޫކޮށް ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަން ކޮށްފުމަށް ދާންދެން އަދި އެބައިމީހުންގެ ގޮތާއި މިއްލަތަށް ތަބަޢުވެއްޖައުމަށް ދާންދެން މުސްލިމް އުއްމަތާއި މެދު އޮންނަ ޢަދާވާތެރިކަމަކަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ.
މިއަދު އަޅުގަނޑުމެންނަށް އިވިގެންމިދަނީ ޔަހޫދީން ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން އެއްވެސް ރަޙުމެއްނެތި ރެޔާއި ދުވާލު ޝަހީދުކުރަމުންދާ ވާހަކައެވެ. މިވާހަކަތައް އަޑުއިވޭ ކޮންމެ ފަހަރަކު ކަރުނަ އޮހޮރިގެންދެއެވެ. ހަޤީގަތުގައި މިއީ ހަމައެކަނި އިއްޔައަކު އަދި މިއަދަކު ހިންގަމުންގެންދާ ޢަމަލުތަކެއްނޫނެވެ. މިއީ މާ ކުރީއްސުރެ އިސްލާމީ އުއްމަތް ހަލާކުކުރުމަށްޓަކައި ޔަހޫދީންނާއި އެބައިމީހުންގެ އަޢުވާނުން ދުރާލާ ތައްޔާރުވެގެން އެބައިމީހުންގެ ޗާޓުން 'އިސްލާމް' މިނަމަށް ނިސްބަތްވެގެންވާ އެންމެހާ މީސްތަކުންނާއި އިސްލާމީ އުއްމަތް އެކީއެކަށް ފުހެލުމަށްޓަކައި ކުރަމުންގެންދާ މަސައްކަތެކެވެ. މިޔަހޫދީންނާއި މިބައިމީހުންގެ އަޢުވާނުނަށް އުއްމަތް ބަލިކޮށްލުމައްޓަކައި ލިބުނު އެންމެ ބޮޑު އެއް ހިއްވަރަކީ އިސްލާމީ އުއްމަތުގެ ޤަދަރުވެރި މާތް އަބްޠާލުން މިއުއްމަތާއި އަލްވަދާއުކިޔާ އެބޭކަލުންގެ ދަލާއި ލެއިން އިސްލާމީ އުއްމަތުގެ އެކިކަންކޮޅުތައް ފަތަޙަކޮށް އެބޭކަލުން ދޫކުރެއްވި ރިވެތި ނަމޫނާ ބަލައިގަތުމެއްނެތި ސިންގާތަކެއް ފަދައިންވާ އުއްމަތުގެ ޒުވާނުންގެ ހިއްވަރު އެލުވާ އެވަރުގަދަ ފަހުލަވާނުންތައް ފިނޑިންތަކެއް ގޮތުގައި ތަރުބިއްޔަތުކޮށް އުއްމަތަށް ޣައްދާރުވި ވެރިންނެވެ. ނަތީޖާއެއްގެ ގޮތުން އުއްމަތުގެ ހަފަރާތުން އުއްމަތް ފުނޑުފުނޑުކޮށްލުމަށްޓަކައި އުއްމަތުގެ ދުޝްމަނުން ދިމާކުރިއެވެ.
އަޅުގަނޑުމެން އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ އެއްކަމަކީ، އިސްލާމީ އުއްމަތް މިހާ ނިކަމެތި ދަރަޖައަކަށް ދާހިނދުގަވެސް މުސްލިމުންނަށް ދެރަ ލިބޭގޮތަށް ކާފަރުންނަށް އެހީތެރިވެ ވާގިވެރިވުމެވެ. ބައެއްފަހަރު ޢަމަލުންނެވެ. އަނެއްބައިފަހަރު ދުލާއި ގަލަމުންނެވެ. އިސްލާމުންގެ ލޭބޮމުންދާ ޔަހޫދީންގެ އެއްއަތް ކަމުގައިވާ އެމެރިކާއަކީ ވަރަށް އިތުބާރުކުރެވޭ ގާތް އެކުވެރިއެއް ކަމުގައި ބުނަމުންދާއިރު ކީރިތި ޤުރްއާނުގެ ދެލިގަނޑު ސާފުކޮށް މިކަން މަނާކުރެއެވެ. ވީމާ، މިފަދަ ބަސްތައް ބުނެފައިވާ ފަރާތްތަކަށް މިކަމަށް ތަޢުބާވެ، މިފަދަ ބަސްތައް ނުބުނުމަށް ހަނދުމަކޮށްދެމެވެ. އަޅުގަނޑުމެންނަށް ގާތް އެކުވެރިއެއްކަމަށް ހީވެފައި އޮންނަ މިއެމެރިކާއަކީ ޔަޙޫދީންނަށްވުރެ ވަކި ރަނގަޅުބައެއް ނޫނެވެ. މިބައިމީހުންވަނީ ތަޙުޤީގު ކުރުމުގެ ނަމުގައި ގުއަންޓަނާމޯބޭ ޖަލުގައި މުސްލިމުން ވަލުޖަނަވާރުން ފަދައިން ކޮށިކޮށްޓަށްލާ ކަރަނޓު ޖައްސާ، ޖިންސީ އަނިޔާކޮށް ހަދާފައެވެ. އަދި އެންމެފަހުން ޔަހޫދީން ފަލަސްޠީނަށް ދިން ހަމަލާތަކަށް ތާޢީދުކުރީވެސް ހަމަ މިގާތް އެކުވެރި އެމެރިކާއެވެ. އިރާޤާއި އަފްޣާނިސްތާނުގެ އަންހެނުންނާއި ކުޑަކުދިން އެއްވެސް ބެލުމެއްނެތި އަނިޔާވެރިގޮތުގައި ޝަހީދުކުރީވެސް ހަމަ މިގާތް އެކުވެރި އެމެރިކާއެވެ.
އިސްލާމީ އުއްމަތް އެކަމެއްގެ މައްޗަށް އެއްބަސްވެފައިވާ އެއްވެސްކަމެއް އަޅުގަނޑުމެންނަށް ބަދަލެއްނުކުރެވޭނެއެވެ. އަދި، އަނިޔާވެރިކަން އެއީ އަދުލުވެރިކަން ކަމުގަ ކިތަންމެ ފަށުވި އިބާރާތުން ބުނެދޭން އުޅުނުކަމުގައިވިޔަސް އެއި ތެދެއްކަމުގައި ނުވާނެއެވެ. ސީރިޔާގައި ބައްޝާރުލް އަސަދުގެ އަނިޔާވެރިކަމުގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުން ދަނީ ދާޚިލީ ހަނގުރާމައެއްގައެއް ނޫނެވެ. އުއްމަތުގެ ރައްބާނީ ޢިލްމުވެރިންވަނީ ސީރިޔާގައި މުސްލިމުން މަރަމުންދާ މިހާރު ވެރިކަން ކުރަމުންގެންދާ ތޯޣޫތު ބައްޝާރުލް އަސަދާއި އޭނަގެ އަޢުވާނުންނަކީ ބާޠިލުފިރުޤާ އެއްކަމުގައި ކަނޑައަޅާ އެއީ ނުޞައިރީން ކަމުގައި ފަތުވާ ދެއްވާ ފައެވެ. އަހްލުއްސުންނަ ވަލްޖަމާއަތުގެ އަހްލުވެރިންގެ އަރިހުގައި ނުޞައިރީންނަކީ އިސްލާމްދީނުން ބޭރުވެފައިވާ ކާފަރުންނެވެ. އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގެ ލޮބުވެތި ޢިލްމުވެރިންވެސް ވަނީ ތަފާތު އެކިފަހަރުމަތިން މިކަމަށް ވަރަށް ތަފްސީލް ކޮށް އަލިއަޅުވާ ވާހަކަ ދައްކަވާފައެވެ. މިގޮތުން އައްޝައިޚް އާދަމް ޝަމީމް، އައްޝައިޚް އާދަމް ނަޝީދު، އައްޝައިޚް އާދަމް ނިޝާން، އައްޝައިޚް ޖައުފަރު ފާއިޒް، އަދި މިނޫނަސް އެތަށް ޢިލްމުވެރިންނެއް ވަނީ މިގޮތަށް ފަތުވާދެއްވާ ފައެވެ. މީގެ އިތުރުން ދާދިފަހުން ދިސަލަފިއްޔާ ވެބްސައިޓް ގައި އައްޝައިޚް މުހައްމަދު ސިނާން މިކަމަށް އަލިއަޅުވާލައްވާ ލިއުއްވާފައިވާ 'އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ' މި ލިޔުން ހިމެނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް މިތަފްސީލީ ލިޔުން ކިޔާލުން ވަރަށް މުހިއްމެވެ. ނަމަވެސް ހިތާމަޔަކީ މިހާ ސާފު މައްސަލަ އެއްގައިވެސް ރަސްމީ ފަރާތް ތަކުން މިމައްސަލާގައި އާއްމު ރައްޔިތުންނަށް މައްސަލަ އޮޅޭ ގޮތަށް ވާހަކަ ދައްކާ ފައިވާތީއެވެ. މިގޮތުން ދާދި ފަހުން ސީރިޔާގެ މައްސަލާގައި ބޭއްވުނު އިލްމުވެރިންގެ މަހާސިންތާ އަށްފަހު އިސްލާމިކް މިނިސްޓްރީން ވަނީ "އިސްލާމީ ގައުމުތަކުގައި ކުރާ ދާޚިލީ ހަނގުރާމަތަކަކީ ޖިހާދެއް ނޫން" ކަމުގައި ބުނެފައެވެ. ނަމަވެސް މިމަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ޢިލްމުވެރިން މިކަމަށް ދެކޮޅު ހެއްދެވިއެވެ. އަދި މިނިންމުމުން ބަރީއަވެގެންވާ ކަމުގައި ވިދާޅުވެ ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި މިކަން ހާމަ ކޮއްފައިވެއެވެ. މިކަމަށް އިންކާރު ކުރައްވާ މިމައްސަލާގައި އެބޭފުޅެއްގެ ރަޢުޔު ހާމަ ކުރައްވާ ކަރުދާސް ހުށަހެޅުއްވި އައްޝައިޚް އާދަމް ނިޝާން ކުރައްވާފައިވާ ބުރަމަސައްކަތަށް ﷲ ހެޔޮ ދަރުމަ ދެއްވާ ޝެއިޚަށް ޘާބިތުކަން ދެއްވުމަށް އެދި ދުޢާ ކުރަމެވެ. އިސްލާމީ އުއްމަތާއި ދެކޮޅައް ކާފަރުން ކުރަމުންދާ ހަނގުރާމަ ތަކަކީ ދާޚިލީ ހަނގުރާމަ ތަކެއް ކަމުގައި ސިފަ ކުރެއްވުމަކީ އަޅުގަނޑުމެން އެކަމުން ބަރީއަވެގެންވާ އަދި އެކަން ކުއްވެރިކުރާ ކަމެކެވެ. އެފަދަ ވާހަކަ ދެއްކުމަކީ އުއްމަތަށް ނިކަމެތިކަން ލިބުމުގެ އިތުރުން ޢާއްމުންނަށް މައްސަލަ އޮޅުން އަރާނެ ކަމެކެވެ.
އިސްލާމުން މިއަދު ބަލިކަށިވެ ނިކަމެތިވެފައިވަނީ އެބައިމީހުން އެބައިމީހުންގެ ދީނާއި ދުރުވުމުގެ ސަބަބުންނެވެ. ޙަރްބީ ކާފަރުންނަކީ ގާތް އެކުވެރިންކަމުގައި ހެދުމުގެ ސަބަބުންނެވެ. އުއްމަތަށް ކާފަރުން އަތްގަދަކޮށް މުސްލިމުންގެ މުޤައްދަސް ބިންތަކަށް ވެރިވެގަންނަމުންދާ މިފަދަ ވަޤުތެއްގައި އަޅުގަނޑުމެންގެ ލޮބުވެތި ޢިލްމުވެރިންގެ ކިބައިން އަޅުގަނޑުމެން އެދެނީ ޙައްޤުބަސް ވިދާޅުވެ ވާޤިޢު ގައި ހިނގަމުން މިދާ ކަންތަކަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަހްލުވެރި ކުރުމެވެ. މީސްތަކުންނަށް އެކަމެއްގެ އިލްމު ބޭނުންވާ ވަޤުތު އެކަންތައްތައް ސާފު ކޮއްދިނުމެވެ. އަދި މިފަދަ ނާޒުކު ވަޤުތުތަކުގައި ހަނުހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ޝަރުޢީ ޤާޢިދާ އެއް ކަމުގައިވާ ޝަރުޢުގެ މިޤާޢިދާގެ لا يجوز تأخير البيان عن وقت الحاجة ދަށުންނެވެ.
ދުޢާ އަކީ ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ﷲގެ މަގުގާ ޖިހާދު ކުރާ މުޖާހިދުންނަށް ނަސްރު ދެއްވުމެވެ. އަދި އެބައިމީހުންގެ ފާތިލަސާބިތު ކޮއްދެއްވުމެވެ. އުއްމަތުގެ އެކިކަން ކޮޅުތަކުގައި އަނިޔާލިބެމުންދާ އެންމެހާ މުސްލިމުންނަށް ކެތްތެރިކަން ދެއްވާ އެއަނިޔާވެރިކަމުން ސަލާމަތް ކުރެއްވުމެވެ. ފަލަސްތީނުގެ ލޮބުވެތި މުސްލިމުން އެނުބައި ޔަހޫދީންގެ އަތްދަށުން ސަލާމަތް ކޮއްދެއްވާ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވުމެވެ.
وما علينا إلا البلاغ
16 رمضان 1435
14 ޖުލައި 2014
ކޮޕީ؛
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް. وكتبه
މިނިސްޓްރީ އޮފް ހޯމް އެފެއާޒް.
މޯލްޑިވްސް މީޑިއާ ކައުންސިލް. محمد مزيد
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. (ޖަމްޢިއްޔަތުލް ބަޔާންގެ ރައީސް)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.