ރާއްޖޭގެ ޚަބަރު އަންނަ މަހުން ފެށިގެން މިންގަނޑަށް ނުފެތޭ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާޠިލް ކުރަން ފަށަނީ

އަންނަ މަހުން ފެށިގެން މިންގަނޑަށް ނުފެތޭ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާޠިލް ކުރަން ފަށަނީ

އަންނަ މަހުން ފެށިގެން މިންގަނޑަށް ނުފެތޭ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާޠިލް ކުރަން ފަށަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންނަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ހިންގޭ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން ރޯޑްވާދިނަސް މިންގަނޑަށް ނުފެތޭ މަގުމަތީގައި ދުއްވުމަށް ރައްކާތެރިނޫން އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއްގެ ޙާލަތު ރަނގަޅުކޮށް، އަލުން ރޯދްވާދިނަސް ހައްދައިގެން މެނުވީ އެ އުޅަނދެއް ޢާއްމު ދަތުރުފަތުރުގެ ނިޒާމް ތެރޭގައި ބޭނުންނުކުރެވޭ ގޮތަށް ރޯދް ވާދިނަސް ބާޠިލް ކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަށާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނަކީ އެއްގަމު ދަތުރުފަތުރުގެ ޤާނުނު ނަމްބަރު: 2009 / 05 (އެއްގަމު ދަތުރުފަތުރު ކުރުމާ ބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ހެދިފައިވާ “އެއްގަމު އުޅަނދުތަކުގެ ރޯދްވާދިނަސް ޓެސްޓު ހެދުމުގެ ޤާވާއިދު” ގެ 12 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޯޑްވާދިނަސް ބާޠިލް ކުރުމުގެ ޤަވާއިދުގެ ދަށުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެކެވެ.

2104 ޖެނުއަރީ 1 ވަނަ ދުވަހުންފެށިގެން މި އޮޕަރޭޝަން ފުލުހުން ފަށާއިރު ރޯޑްވާދިނަސް ބާޠިލް ކުރުމުގައި، ބެލެވޭ ކަންތައްތަކުގެ ތެރޭގައި ބުރެކި ރަނގަޅަށް ނުޖެހުމާއި، ސައިލަންސަރުގައި ލޯވަޅު އަޅާފައިހުރުމާއި، ސައިލަންސަރަށް ބަދަލު ގެނެސްގެން އަޑުގަދަވާގޮތަށް ބަހައްޓައިގެން ދުއްވުމާއި، ފަހަތުން އަންނަ ވެހިކަލްތައް ފެންނަގޮތަށް ލޯގަނޑު ހަރުކޮށްފައި ނެތުމާއި، ވެހިކަލްގެ ލައިޓްތައް ފުރިހަމައަށް މަސައްކަތް ނުކުރުން ހިމެނެއެވެ. މީގެއިތުރުން އިންޖީނުން ކަޅުދުން ބުރުމާއި، އެކަށީގެންނުވާ ބާރު އަޑެއްއިވޭ އާލާތެއް ހަރުކޮށްގެން މަގުމަތީގައި ދުއްވުމާއި، ރަޖިސްޓްރީބޯޑަށް އެއްވެސް ބަދަލެއް ގެނައުމާއި، އުޅަނދު އުފެއްދުމުގައި ހުންނަ އެކިއެކި ބައްތިތައްފިޔަވައި އިތުރު ބައްތިތައް ނުވަތަ އަލިތައް ބޭނުންކުރުމާއި ވަކި ކުލައަކުން ދިއްލުމަށް ފާހަގަކޮށްފައިހުންނަ އަލިތަކުގެ ކުލައަށް ބަދަލުގެނައުމާއި އުޅަނދުން ތެޔޮލީކުވުން ހިމެނެއެވެ.

ރޯޑްވާދިނަސްގެ މުއްދަތު ހަމަނުވިނަމަވެސް، ރޯޑްވާދިނަސް މިންގަނޑުތަކަށް ނުފެތޭ ވެހިކަލްތަކުގެ ރޯޑްވާދިނަސް ބާޠިލް ކުރެވޭނެތީ، ރޯޑްވާދިނަސް މިންގަނޑުތަކަށް މިހާރު ނުފެތޭ ހުރިހާ ވެހިކަލްތަކެއްގެ ހާލަތު ރަނގަޅުކޮށް، ރޯޑްވާދިނަސް މިންގަނޑުތަކާއި އެއްގޮތަށް ބެހެއްޓުމަށް، އެންމެހާ ފަރާތްތަކަށް ޓްރެފިކު ފުލުހުންގެ ފަރާތުން ހަނދާންކޮށްދެމެވެ. އަދި ޓްރެފިކު ފުލުހުން މިހާރު ޗެކުކުރާ ވެހިކަލްތަކުގެ އިތުރުން ރޯދްވާދިނަސް މިންގަނޑުތަކަށް ނުފެތޭކަމަށް ފާހަގަ ކުރެވޭ ވެހިކަލްތަކުގެ ޑްރައިވަރުންނަށް މިކަމުގެ މަޢުލޫމާތުދީ މިކަންކަން ރަނގަޅުކުރުމަށް ފުލުހުން ގެންދަނީ ހަނދާންކޮށްދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރިއަށްގެންދާ މި ޚާއްސަ އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ސިލްސިލާ ޕްރޮގްރާމް ތަކުގެ ތެރެއިން ޕްރޮގްރާމެއް ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި އެންމެހާ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުޞަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމުގައި އެންމެހާ ރައްޔިތުންނަށް ޝުކުރުދަންނަވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.