ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގި އޮޕަރޭޝަން ބްލޫވޭވް، ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވަމުން ފުލުހުން ބުނީ މިއަހަރު ނިމިގެން މިދިޔަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިދިޔަ އޮގަސްޓް މަހުގެ ފަނަރަ ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަން އޮޕަރޭޝަން ބްލޫވޭވް ކާމިޔާބު ކަމާއެކު ނިންމާލައި ޑީބްރީފިންގ ބާއްވާފައިވާކަމަށެވެ.
ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އޮޕަރޭޝަން ބްލޫވޭވްގެ މަސައްކަތްތައް ނިންމާލާފައި ވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުލައި ނިމި ނަތީޖާ އިޢުލާނު ކުރުމަށްފަހު އިންތިޚާބުވެ ވަޑައިގެންނެވި ރައީސުލް ޖުމްހޫރިއްޔާ ހުވާކުރެއްވުމުން ކަމަށާއި، މި އޮޕަރޭޝަނަކީ މިއަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ އޮޕަރޭޝަނަލް ޕްރަޔޯރިޓީޒްގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ އޮޕަރޭޝަން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި މެނުވީ، އާންމުކޮށް ފުލުހުންނަށް ދެމުން އައި ޗުއްޓީވެސް މެދުކަނޑާލާފައިވާކަމަށާއި، އޮޕަރޭޝަން ބްލޫވޭވް ރަސްމީކޮށް ނިމުމާއެކު ފުލުހުންގެ ޑިއުޓީތައް މިހާރު އާންމު ހާލަތަށް ބަދަލުކޮށް، އަތޮޅުތަކަށް ދިޔަ ފުލުހުންވެސް މިހާރު އެނބުރި އަންނަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބާ ގުޅުންހުރި އެންމެހާ ކަންކަމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދިޔަ މިއޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު މާލޭގައި ހަރަކާތްތެރިވި ފުލުހުންނަށް ޑީބްރީފިންގ ދެއްވީ އޮޕަރޭޝަންސްގެ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއާއި ޑެޕިއުޓީ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޮޕަރޭޝަން ބްލޫވޭވް ނިންމަވާލެއްވިކަން އިޢުލާނު ކުރެއްވިތާ މާގިނަ އިރެއް ނުވަނީސް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވަނީ މަޤާމުން އިސްއތިއުފާ ދެއްވާފަ އެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވީ ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގަތުމަށް ކަމަށް ދިއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...