ރާއްޖޭގެ ޚަބަރު ރައީސް ޔާމީން ފުލުހުންގެ އިސް އޮފިސަރުންނާއި ބައްދަލު ކުރައްވައިފި

ރައީސް ޔާމީން ފުލުހުންގެ އިސް އޮފިސަރުންނާއި ބައްދަލު ކުރައްވައިފި

ރައީސް ޔާމީން ފުލުހުންގެ އިސް އޮފިސަރުންނާއި ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާާއި ރައީސުލް ޖުމުހޫރިއްޔާގެ ނައިބް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު މިރޭ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަޑައިގެން ފުލުހުންގެ އިސް އޮފިސަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މިރޭ އިސްކަންދަރު ބިލްޑިންގއަށް ރައީސުލްޖުމުހޫރިއްޔާ އާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަކީ ޝަރަފުވެރި މުއައްސަސާއެއް ނަމަވެސް ޤާނޫނު ތަންފީޒު ކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތުގައި ޙަރަކާތްތެރިވާއިރު ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނަފްރަތު ލިބުމަކީ ވާނެކަމެއް ކަމަށް ކޮންމެ ފުލުހަކުވެސް ޤަބޫލު ކުރައްވަން ޖެހޭނެކަމަށެވެ.

އެހެން ނަމަވެސް ދިވެހި ފުލުހުންނަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާ ބައެއްކަން ޤަބޫލުކުރައްވާ ކަމަށްވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލް ޖުމުހޫރިއްޔާ ވަނީ މިބައްދަލުވުމުގައި ކޮންމެ ފުލުހަކުވެސް ޤާނޫނާ އެއްގޮތަށް މަސައްކަތްކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހަމައެއާއެކު ފުލުހުންގެ ކިބައިން ފެނިގެންދާ ފުރިހަމަ ސުލޫކާއި ރީތީ އަޚްލާޤް އަބަދުވެސް ދައްކައި ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ފުލުހުން ވުމަށްވެސް ރައީސުލްޖުމުހޫރިއްޔާ އެދިވަޑައިގަތެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފުލުހުންގެ މުއައްސަސާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކޮށްދެއްވަންހުރި ކަންތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުން މިހާރަށްވުރެ އަވަސްކޮށް ހަލުވި ކަމާއެކު ކުރިޔަށް ގެންގޮސްދެއްވައި ޒުވާނުން ވަޒީފާތަކަށް ނުކުތުމަށްޓަކައި ބޭނުންވާ ކުށުގެ ރެކޯޑުގެ ކަންތައް ވީއެންމެ އަވަހަކަށް ނިމޭތޯ މަސައްކަތް ކޮށްދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާގެ ނައިބް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ފުލުހުން މަސައްކަތް ކޮށްފައިވަނީ ވަރަށް ޗެލެންޖިންގ އެންވަޔަރަމަންޓެއްގައި ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން މަސައްކަތް ކޮށްފައިވަނީ ކުރިމަތިވި ގޮންޖެހުންތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ކެތްތެރިކަން އިސްކޮށްގެންކަމަށްވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކޮށްދެއްވެންހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމަށާއި ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދީ ފުލުހުންނަށް ދެވޭ ޙަމަލާތަކަށް ދެވޭ އަދަބުތައް އިތުރަށް މުރާޖިޢާ ކޮށްދެއްވާނެ ކަމަށެވެ.

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވަނީ ދިވެހި ފުލުހުންގެ ކިބައިން ރައީސް އާއި ނައިބްރައީސް އެދިވަޑައިގެންނެވި ކަންކަން ފުރިހަމަކޮށްދިނުމުގައި ދިވެހި ފުލުހުން ސާބިތު ކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.

މީގެ އިތުރުން ސަރުކާރަށް ފުރިހަމަ އެއްބާރުލުންދީ ޤައުމުގައި ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުން މަސައްކަތްތައް ކުރުމުގައި ހުރި ބޮޑެތި ދަތިތައް ރައީސުލްޖުމުހޫރިއްޔާ އާއި ނައިބްރައީސާއި ޙިއްސާ ކުރައްވާފައެވެ.

ޚާއްޞަ ގޮތެއްގައި އަތޮޅުތަކުގައި ފުލުހުން އުޅެމުންދާ ދަތިޙާލު ބަޔާންކޮށްދެއްވައި އެކަންކަން ރައީސުލްޖުމުހޫރިއްޔާގެ ސަމާލުކަމަށް ގެންނެވިއެވެ.

މިރޭ އޮތް މިބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި ޤާއިމް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން އެދެމުންދާ ކަމަށާއި އެހެންނަމަވެސް ބަޖެޓުގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން އެކަންކަން ނުކުރެވި ހުރިކަމަށެވެ.

މިހެންކަމުން މިކަމަށް ސަރުކާރުން ވިސްނާވަޑައިގެންދެއްވުމަށް އެދިވަޑައިގަތެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ޑިވިޜަން ކޮމާންޑަރުން ވީޑިއޯ ކޮންފަރެންސްގެ އެހީގައި ބައިވެރިވެ ރައީސުލްޖުމުހޫރިއްޔާއަށް އެބޭފުޅެއްގެ މަސައްކަތުގެ ދާއިރާގެ ތަޢާރަފެއް އެރުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.