ކޮލަމިސްޓް މިޞްރުގެ ރައްޔިތުންނަކީ ޓެރަރިސްޓުނެއް ނޫން

މިޞްރުގެ ރައްޔިތުންނަކީ ޓެރަރިސްޓުނެއް ނޫން

މިޞްރުގެ ރައްޔިތުންނަކީ ޓެރަރިސްޓުނެއް ނޫން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ ކުރީގެ ރައީސްގެ ޙުސްނީ މުބާރަކުގެ 30 އަހަރުވީ ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބުގައި މިޞްރުގެ ރައްޔިތުން ބޭނުންވީ އިސްލާމީ އުސޫލުތަކުން ގައުމުގެ ކަންތައް ހިންގުމަށް މަސައްކަތް ކުރާނެ ބަޔަކާއި ގައުމުގެ ވެރިކަން ޙަވާލު ކުރުމަށެވެ.

އިސްތިޢުމާރީ ވަކިތަކުން ގައުމު ސަލާމަތް ކޮށް، މުސްލިމުން ބާރުވެރި ކުރުވައި، ﷲ ގެ މަތިވެރި ޝަރީޢަތް ބިންމަތީގައި ގާއިމް ކުރުމަށްޓަކައި ޝަހީދު ޙަސަނުލް ބަންނާ (ރަޙިމަހުﷲ ޢަލައިހި) 1928 ވަނަ އަހަރު އުފެއްދެވި އަދި އޭރުއްސުރެ މިޞްރުގައި މެދުކެނޑުމެއްނެތި ދީނީ އަދި އިޖުތިމާޢީ ޙަރަކާތްތައް ހިންގަމުން އަންނަ އިޚުވާނުލް މުސްލިމޫންއާއި ވެރިކަމާއި އަދި ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ޙަވާލު ކުރިއެވެ. މިކަމަކީ ލާދީނީ ނުވަތަ ސެކިއުލަރ މީހުންނަށް ކެތް ކުރެވުނު ކަމަކަށް ނުވިއެވެ. ލާދީނީ މީހުންނާއި، ކުރީގެ ދިގު ވެރިކަމުގައި ފައިދާ ނަގަމުން އައި މީހުނާއި އަދި ލާދީނިއްޔަތާއި ޒަޔަނިސްޓު ނުފޫޒު ވެރިވެފައިވާ ޢަސްކަރިއްޔާ އެއްބައިވެގެން މިޞްރުގެ ރައްޔިތުން ގެނައި ސަރުކާރު ވަނީ 3 ޖުލައި 2013 ވީދުވަހު ވައްޓާލާފައެވެ.

މިކަމާއި ދެކޮޅަށް ސުލްޙަވެރި އިހުތިޖާޖު ކުރަމުން އަންނަ އެތައް މިލިއަން މުސްލިމް ރައްޔަތުންގެ ތެރެއިން އެތައް ހާސް ބަޔަކު ޢަސްކަރިއްޔާ އިންނާއި އަދި ލާދީނީ އަދި މުބާރަކަށް ތާއީދު ކުރާ ގޭންގުތަކުން ދަނީ ޝަހީދު ކުރަމުންނެވެ. އެންމެ 3 ދުވަސް ތެރޭގައި 5000 މުސްލިމުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ އިސްލާމީ ޢިލްމު ވެރިންނާއި ދާޢީން ހިމެނެއެވެ. އިޚުވާނުލް މުސްލިމޫން ގެ މުރުޝިދުލް ޢާއްމު މުޙައްމަދު ބަދީޢުގެ ދަރިކަލުންނާއި އަދި ޝަހީދު ޙަސަނުލް ބަންނާގެ ކާފަ ދަރިކަލުންވެސް ހިމެނެއެވެ. ގާހިރާގެ މަސްޖިދުލް ފާތިޙު ގައި ތިބި އެތައްބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކަށް ދުވަހަކުވެސް ހެވެއް ނޭދޭ ހުޅަގުގެ ޤައުމު ތަކާއި އަދި މީޑިއާ ތަކުންވެސް ދަނީ މިޞްރުގެ ސިފައިންގެ އަނިޔާވެރިކަން ކުށްވެރި ކޮށްފައެވެ. މަޖުބޫރު ވެގެންނެވެ.

ޙަގީގަތަކީ މިއީ ކަމުގައި ވީނަމަވެސް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމް (17 އޮގަސްޓު 2013) ގައި އޮތް ޖަލްސާއެއްގައި ވަނީ މިޞްރުގެ ސިފައިން މަރަމުން ގެންދަނީ ޓެރަރިސްޓުން ކަމުގައި ސިފަ ކުރައްވައި ވާހަކަ ފުޅު ދައްކަވާފައެވެ. ކަންތައް އޮތީ މިހެން ނޫން ކަމުގައި އިސްލާމުންނާއި މެދު އަބަދުވެސް ދޮގު ޚަބަރުތައް ފަތުރާ ހުޅަގުގެ މީޑިއާ ތަކުންވެސް ބުނަމުން ދަނިކޮށެވެ.
މިޞްރުގައި ހިގަމުން މިހާރު އެދަނީ އެގައުމުން އިސްލާމް ދީނުގެ ބާރު ފޮހެލައި ތުރުކީ ވިލާތަށް މުސްޠަފާ ކަމާލް ގެނައި ފަދަ ލާދީނީ ސެކިއުލަރ ނިޒާމެއް ގެނައުމަށްޓަކައި ހުޅަގުގެ ބާރުތަކުގެ އެހީގައި ލާދީނީ މީހުންނާއި ދީނަށް ލޯބި ކުރާ މުސްލިމުންނާއި ދެމެދުގެ ކުރިމަތި ލުމެކެވެ. އެއީ ޙައްގާއި ބާޠިލްގެ ކުރިމަތި ލުމެކެވެ. ތުރުކީގެ އިސްލާމީ ޕާޓީގެ ބޮޑުވަޒީރު ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ ތެދުފުޅެކެވެ: "މިޞްރުގައި މިއަދު މިފެންނަނީ ދެބައެކެވެ. އެއް ބަޔަކީ ފިރުޢަވްނު ގެ ފިޔަވަޅުތަކަށް ތަބާވާ ބައެކެވެ. އަނެއް ބަޔަކީ ސަލާމް ލެއްވި މޫސާގެ ފާނުގެ ފިޔަވަޅު ފުޅަށް ތަބާވާ ބައެކެވެ." ޔަޢުނީ، އެއްބަޔަކީ އަނިޔާވެރި ކަމާއި އެކު ލާދީނިއްޔަތަށް މަސައްކަތް ކުރާ ބައެކެވެ. އަނެއް ބަޔަކީ ﷲ ގެ ދީނަށްޓަކައި މަސައްކަތް ކުރާ ބައެކެވެ.

މިޞްރުގެ ރައީސް ޑރ. މުޙައްމަދު މުރުސީ ވައްޓާލެވުނީ އިސްލާމީ ޤައުމެއްގައި އިސްލާމީ އުސޫލު ތައް ކުރިއަރުއްވަން އުޅުއްވުމުންނެވެ. މިއާއި ޚިލާފަށް ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވެއްޓުނީ މުސްލިމް ގައުމެއްގައި އިސްލާމް ދީނާއި ދެކޮޅަށް ކަންތައް ކުރައްވަން އުޅުއްވުމުގެ ސަބަބުންނެވެ. ބޭރުގެ މިޝަނަރީންގެ އެޖެންޓެއްގެ ރޯލު ކުޅުއްވުމުގެ ސަބަބުންނެވެ. މި ދެބޭފުޅުންގެ ތަފާތާއި އަދި ދެބޭފުޅުންނާއިމެދު ހުޅަގާއި އަދި ބައިނަލްއަގުވާމީ މުޖުތަމަޢުން ޢަމަލު ކުރަމުން ގެންދާ ތަފާތު ގޮތް މިއަދު ދިވެހި ރައްޔަތުން ވިސްނަން ޖެހޭނެއެވެ. ނަޝީދު އަލުން ވެރިކަމަށް ގެނައުމުގެ ކެމްޕޭނަށް ބޭރުގެ މިޝަނަރީންނާއި އަދި އެހެނިހެން ފަރާތްތަކުން މިލިއަނުން ކުރަމުން ގެންދާ ބޮޑެތި ހޭދަ ތައް ކޮންމެ ރައްޔަތަކަށްވެސް މިއަދު މިހުރީ ފެންނާށެވެ.

މިޞްރުގައި ހިގަމުންދާ ކަންތަކުގެ ޙަގީގަތް ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ރައީސް މައުމޫން ވިދާޅުވެފައިވާ ބަސްތައް އަބުރާ ގެންދަވައި ކަމުގެ ޙަގީގަތް ހާމަކޮށްދެއްވުމަށް އިލްތިމާސް ކުރަމެވެ.

މިޞްރާއި އަދި އެހެނިހެން އިސްލާމީ ބިންތަކުގައި އިސްލާމް ދީނާއި އަދި ވަޒަނުގެ ދިފާޢުގައި އިޚުލާސް ތެރިކަމާއި އެކު މަސައްކަތް ކުރައްވާ އެންމެހައި ފަރާތް ތަކަށް ނަސްރު ދެއްވާށިއެވެ.
ޙަސްބުނަﷲ ވަނިޢުމަލް ވަކީލް!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.