ދިވެހިންނާ މެދު ބެލެވެމުން އައިސްފައިވަނީ އިސްލާންދީނާ ގުޅުން ހުންނަ ކަންކަމުގައި އާދަޔާޚިލާފު ޖޯޝެއް ހުންނަ ބައެއްގެ ގޮތުގައެވެ. އެކަން ރީތިކޮށް ސާބިތުކޮށްދެވެން ވެސް އެބައޮތް މެއެވެ. ވަކިން ޚާއްސަކޮށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އިސްލާންދީނުގެ ސައްޙަ މަޢުލޫމާތު ފެތުރި، ހޭލުންތެރިކަން އިތުރުވެ، ދީނީ ކަންކަމުގައި އަމިއްލަ ޖީބުން 'ހެސްކިޔާފަ' ޚަރަދުކުރާ މީހުންނާއި 'ހޭވައްޓާލާފަ' މަސައްކަތްކުރާ މީހުން އެތައް ގުނަޔަކަށް ގިނަވުމާއި ދީނީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ނުކުޅެދުމުގެ ސަބަބުން ސަރުކާރަކަށްފަހު ސަރުކާރެއް ވެއްޓެމުންއައި މާޒީއޮތީ ހަނދާންނެތޭ ވަރަށްވުރެ ކައިރީގައެވެ.
އޮނަވިހި ސަތޭކަ ނުވަދިހާގެ ފަހު އަހަރުތަކުން ފެށިގެން މިއަދާހަމަޔަށް އިސްލާންދީނާ ގުޅުންހުރި ކަންކަމުގައި ދިވެހި މުޖުތަމަޢަށް ގެނެވިފައި މިއޮތް ބޮޑުބަދަލަކީ އެތައް ބަޔަކު ދަލާއި ލޭ ޤުރުބާން ކޮށްގެން ކުޅަ މިންނެތް މަސައްކަތުގެ ނަތީޖާއެވެ. އިސްލާންދީނުގެ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ދަންނަބޭކަލުން މިމަސައްކަތުގައި ވެވަޑައިގެންނެވި ޤުރުބާނީ ވަކިން ޚާއްސަކޮށް ފާހަނގަ ކުރަން ޖެހޭއެވެ.
އިސްލާންދީނަށް ގޮންޖެހުންތައް ކުރިމަތިވެގެން އަންނަ ދަނޑިވަޅުތަކުގައި ދިވެހިންގެ ޖަޒުބާތާއި ޖޯޝު ކެކިގެން އަންނަ މަންޒަރު ވަޒަންކޮށްލަން އެންމެ އެކަށީގެންވާ މިސާލަކީ ނިމިދިޔަ ދެހާސް ބާރަ ވަނައަހަރު ޑިސެމްބަރު މަހުގެ ތޭވީސް ވަނދުވަހު، އޭރުގެ ސަރުކާރުން އިސްލާންދީނާ ދިމާ އިދިކޮޅަށް ކުރަމުންގެންދިޔަ ކަންކަމާ ދެކޮޅަށް އެތައްހާސް ދިވެހިން ނަސްރުގެ މައިދާނަށް އެއްވެ، ކުޅަ އިޙްތިޖާޖެވެ. އެދުވަހު ދިވެހި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައްހާސް ބަޔަކުވަނީ އެންމެ ފަހުލޭތިއްކާ ޖެހެންދެން އިސްލާންދީން މިލޮބުވެތި ފަސްގަނޑުގައި ދެމެހެއްޓުމައްޓަކައި ކުރަންޖެހުނު ކޮންމެކަމެއް ކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްފައެވެ. އެ ބަރަކާތްތެރި ދުވަހުގެ އެބަރަކާތްތެރި ވަގުތުގައި ހުވާކުޅަ އެންމެން އެޖަޒުބާތީ ވަގުތުކޮޅު ރީތިކޮށް ހަނދާން ހުންނާނެއެވެ.
މިހުރިހާ ކަމަކާއެކު މިއަދު ދުނިޔެ ކުރިމަތިލާން މަޖުބޫރުވެފައި މިވަނީ ކާއިނާތު ދެކޭނޭ އެންމެ ހިތާމަވެރި އެއްހާލަތާއެވެ. އާދޭހެވެ. ޙާލިޤުވަންތަ އިލާހުގެ ޙަބީބު އަދި އެއިލާހު ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ކައުކުރެއްވި މާތް ސާހިބާގެ ޝަޚްސިއްޔަތަށް ޙަމަލާ ދެވެމުންދަނީ އެވެ. އެންމެ މާތް އަޚްލާޤުގެ ވެރިޔާގެ ޛާތުފުޅަށް ނިސްބަތްކޮށް ހުތުރުކަންބޮޑު ތަސްވީރުތައް ކުރަހާ އެތަކެތި ބަހާ ޢާންމު ކުރުމުގެ މޫސުމެއް ބިމުގެ ބައެއް ކަންކޮޅުތަކަށް ވަނި އައިސްފައެވެ. އެންމެ ތެދުވެރި އަދި އެންމެ މުރުއްވަތްތެރި ޝަޚްސު ކަތިލުމަށްޓަކައި ޛާތީ ޙަސަދަ އާއި ކާފިރުކަމުގައި ހައްދު ފަހަނައަޅާފައިވާ ފިލްމުތައް ކުޅެ ސިނަމާތަކާއި އިސްކިރީނުތަކުގައި އެޅުވުމުގެ ފިނޑި ޙަރަކާތް ފަތުރަމުން ދަނީއެވެ. އަދި އެކަންކަމުގެ ރައްދުގައި ބައިބައިވެ ވިއްސި ވިހާލިވެފައިވާ އިސްލާމި އުންމަތް މަޑުމަޑުން އެކަތިގަނޑަކަށްވެ އުތުރިއަރަމުން ދަނީއެވެ.
އަޅުގަނޑުމެން ދިވެހިންނޭ ތޯއެވެ؟ ނުލަފާ ކަމުގައި ހައްދުފަހަނައަޅާފައިވާ މި ބޮޑު މައްސަލާގައި، ކުރު ނޫސް ބަޔާނަކާއި ފިނި ޖަލްސާއަކުން އަޅުގަނޑުމެން ފުއްދާލައިފީމުއެވެ. އެހެނެއްކަމަކު ކާފިރުން، އަލްއަމީނުގެ ޝަޚްސިއްޔަތަށް ހުށަހޮޅިގަންނަ ކޮންމެ ފަހަރަކު އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ އެކަމާ ކުރިމަތިލުމުގެ ނަތީޖާއެއްގެ ގޮތުން އެއްބައިވަންތަކަން އާލާވެ، އުންމަތުގެ ހަޤީޤީ ވަޙުދަތުގެ މިންވަރެއް ފާޅުވެ، އީމާންކަން އާލާވެ އާރޯވެދެއެވެ. މިއަދު ހިނގަމުން މިދާ މައްސަލާގައިވެސް ޢަރަބި އިސްލާމީ ދުނިޔޭގެ ޤާއުމުތަކުން ފެނި ހާމަވަމުން ދަނީ ހަމައެމަންޒަރެވެ. އިސްލާމީ ބިންތަކަށް އަންނަމުންދާ ސިޔާސީ ހެޔޮބަދަލުތަކާއެކު އުންމަތުގެ އެއްބައިވަންތަކަަން އާލާވެ ޤަދަރުވެރިކަމާއި އިސްތިޤުލާލު އުފުލި، ކައުސާހިބާގެ ޙައްޤުގައި ފިދާވަމުންދާ މަންޒަރެވެ.
އިސްލާންދީނުގެ ނަބިއްޔާ ކުޑައިމީސްކޮށް ނިކަމެތިކޮށްލުމާ ދެކޮޅަށް އިސްލާމި އުންމަތުގައި ކުރެވެމުން އަންނަ އިޙްތިޖާޖުތަކުގައި ދިވެހި އިސްލާމުން ބައިވެރިވެ އަޑުއުފުލަން ޖެހޭއެވެ. ނަބިއްޔާ ދެކެވާ ލޯތްބާއި އެމާތް ޝަޚްޞިއްޔަތަށް ކުރާ އިޙްތިރާމް ދުނިޔޭގެ ލޯތަކަށް ދެއްކުމައްޓަކައި ޝުޢޫރު ފާޅުކުރަން ޖެހެއެވެ. ދުނިޔޭގެ ޢިއްޒަތާއި އާޚިރަތުގެ ކާމިޔާބަށްޓަކައި ވެސް މެއެވެ. މިމަޤާމުގައި ވަކާލާތު މިކުރަނީ، ކަމާނުބެހޭ އިންސާނުން ޤަތުލުކުރުމާއި ސަފީރުންގެ އޮފީސްތަކުގައި ހުޅުޖެހުމަކަށް ނޫނެވެ. ސުލްޙަވެރިކަމާއެކު އަލްމުޞްޠަފާޔަށް ހިތުގައި ދެވިފައިވާ ޤަދަރު ފާޅުކޮށް އެމާތް އިންސާނާގެ ރިސާލަތުގެ ދިފާޢުގައި އަޑުއުފުލުމުގެ މައްޗަށެވެ. އެކަމަކީ ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމަށްޓަކައި ވެސް ކޮންމެހެނެ ކުރުން ލާޒިމު ކަމެއް މެއެވެ. އެހެނީ މިޤައުމުގެ އެއްބައިވަންތަކަމާއި ވަޙުދަތު އުފުލިގެންވަނީ މާތް ނަބިއްޔާގެ ރިސާލަތުގެ މަތީގައި ކަމަށްވާތީއެވެ.
ކޮންމެއަކަސް އިސްލާންދީނުގެ ކަންކަމުގައި ދިވެހި މުޖުތަމަޢަށް މަގުދައްކަން ޖެހޭ ފަރާތްތައް މިކަމުގައި އިޙުމާލުވެފައިވާ ކަމުގެ އިޙްސާސް ކުރެވެންފަށައިފިއެވެ. އިސްނަގަން ޖެހޭ ފަރާތްތައް ފަސްޖެހުމުގެ ސަބަބުން އަމިނިމަގަށް ކުދިބަޔަކު އެއްވެ ނުރަގަޅުމަންޒަރެއް ދެއްކީމާ ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ؟ ނުރަގަޅު ކަންކަން ހުއްޓުވަން އޮންނަ ފުރަތަމަ މަގަކީ ކަންކުރަންވާ ރަގަޅުގޮތް ޢަމަލީ ގޮތުން ދެއްކުމަށް ފަހު މީސްތަކުންނަށް އެމަގަށް ދަޢުވަތުދިނުމެވެ. ދޮންދަގަނޑު ޖެއްސުމާއި އޮބިއެޅުވުމާއި ޙައިސިއްޔަތުން ބާރުލިބިގެން ބަހުން ޙަމަލާދިނުމެއްނޫނެވެ. ވީމާ ނިމިދިޔަ އަހަރުގެ ޑިސެންބަރު ތޭވީސް ވަނަދުވަހު ދިވެހިން ލައްވާ ހުވާކުރުވި ފަރާތްތަކަށް މިކަމުގައި ފަސްނުޖެހި ތެދުވުމަށް ގޮވާލަމެވެ. ސީދާ ދިވެހި ރައްޔިތުންގެ ޢަމަލީ ޙަރަކާތެއް ޤައުމީ ފެންވަރެއްގައި އިންތިޒާމުކުރުމަށް އިޚްލާސްތެރިކަމާއެކު އިލްތިމާސް ކުރަމެވެ. މާތް ﷲ ގެ އިޒުނަފުޅާއެކު، ދިވެހިން އަބަދުވެސް ތިބޭނީ ﷲ އާއި އެކަލާނގެ ނަބިއްޔާއަށް ނަޞްރުދިނުން މަތީގައެވެ. ހިތްތަކުގެ ތަސައްލީއާއި ދުނިޔޭގެ ޢިއްޒަތާއި އާޚިރަތުގެ ކާމިޔާބު ލިބުންވަނީ އެހެން ކޮންކަމެއްގައި ތޯއެވެ؟ މިއީ ބައިބައިވެފައިވާ ދިވެހި އުންމަތް އެއްބައިވަންތަކޮށް އެކަތިގަނޑަކަށް ހަދާ އީމާންކަން ހަރުދަނާކޮށް، ތާޒާކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. މިފުރުސަތު ނަގާލެވިއްޖެ ނަމަ އެއީ ހަމަގައިމުވެސް ބޮޑުވެގެންވާ ނިކަމެތިކަމެކެވެ.
މިމަޤާމުގައި ޝުޢޫރުތައް މިޢިބާރާތުން ފާޅުމިކުރީ، ނަސްރުގެ މައިދާނުގައި ﷲ ގަންދީ ހުވާކުޅަ ދިވެއްސެއްގެ ޙައިސިއްޔަތުން، މާތް ރަސްކަލާނގެ ހަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭގޮތަށް، އަމިއްލަ ކޮނޑުގައި އެޅިފައިވާ ޒިންމާ އިން ތަންފުކެއްވިޔަސް ލުއިކޮށްލުމުގެ ނިޔަތުގައެވެ. އަދި އިންސާނީ ތާރީޚުދުށް އެންމެ މަތިވެރި އިންސާނާއާ މެދު ހިތުގައި އުތުރި ބަންޑުންވަމުންދާ ޝުޢޫރުތަކާއި މިރާއްޖޭގެ ޙާލަތަށް ރިޢާޔަތް ކުރާހިނދު ތަމްސީލުވާ ފިނޑި އަދި ނިކަމެތި މަންޒަރާ ހެދި އުފެދޭ، ބަރުދާސްތުކުރަން ދަތި އިޙްސާސްތަކަށް ފިނިކަމެއް ލިބިގަތުމުގެ ނިޔަތުގައެވެ. މިމައްސަލާގައި ޒިންމާ އުފުލުމުގައި އެންމެހައި އިސްލާމުން އެއްފަދަ ކަމުގައި ދަޢުވާކުރެވިދާނެއެވެ. ނަމަވެސް އެޒިންމާ އަދާކުޅައުމުގެ ޤާބިލުކަން އެކިމީހުންނަށް ލިބިގެންވަނީ އެކިމިންވަރަށް ކަމީ ދެބަސްވެވޭނޭ ކަމެއްނޫނެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...