ރޮހިންގްޔާގެ މުސްލިމުން ބަރުމާއިން ބޭރުކުރުމަށް އެޤައުމުގެ ރައީސް ތޭން ސޭން ގޮވާލައިފިއެވެ. އަސްކަރީ ސަރުކާރުގެ ކުރީގެ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވާގޮތުގައި ރޮހިންގްޔާގެ މުސްލިމުންނަށް އޮތް ހަމައެކަނި ހައްލަކީ ޤައުމު ދޫކޮށް އދ.ގެ ރެފިއުޖީ ކޭމްޕްތަކަށް ހިޖުރަ ކުރުން ކަމަށެވެ.
"ތިންވަނަ ދުނިޔޭގެ ޤައުމުތަކުން އެއްބަސްވާނަމަ އަހަރެމެން އެމީހުންތައް ފޮނުވާލަން ތައްޔާރަށް މިތިބީ. އަހަރެމެންނަށް ވިސްނެނީ މިކަމަށް އޮތް ހަމައެކަނި ހައްލަކީ މިމީހުން މިޤައުމުން ބޭރުކުރުން،" ރައީސް ސޭން ބުނެފައިވެއެވެ.
ބަރުމާގެ ރޮހިންގްޔާގެ ރައްޔިތުންނަށްޓަކައި ރެފިއުޖީ ކޭމްޕްތައް ޖެހުމަށް އދ.އިން ވަނީ ދެކޮޅު ހަދާފައެވެ. އދ. އިން ހާމަކުރާގޮތުގައި ބަރުމާގެ ސަރުކާރުން އެޤައުމުގެ މުސްލިމް މައިނޯރިޓީ އާއި ދެކޮޅަށް ހިންގަމުން އަންނަ ނަސްލީ ތަފާތުކުރުންތަކަކީ އެއްވެސް ގޮތަަކަށް ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އެގޮތުން ރޮހިންގްޔާގެ މުސްލިމުންވަނީ ގޯތިގެދޮރުންނާއި، ތަޢުލީމުންނާއި އަދި އާންމު ގިނަ ޚިދުމަތްތަކުން މަހްރޫމްކުރެވިފައިވާކަމަށް އދ. އިން ބުނެފައިވެއެވެ.
ބަރުމާގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން މުސްލިމުންގެ ގިނަ ބަޔަކު ވަނީ އެޤައުމު ދޫކޮށް ފިލާފައެވެ. ބަރުމާގެ ސަރުކާރުން ބުނަމުންދަނީ ރޮހިންގްޔާގެ މުސްލިމުން ބަލައިނުގަންނާނެކަމަށާއި އަދި އެމީހުން ބަރުމާގައި ދިރިއުޅެމުންއަންނަތާ ކިތަންމެ ޤަރުނުތަކެއް ވީނަމަވެސް އެމީހުންނަކީ ޤާނޫނާއި ޚިލާފަށް އެޤައުމަށް އެތެރެވެފައިވާ ބައިގަނޑެއް ކަމަށެވެ.
ބަރުމާގެ ބުދިސްޓް ސަރުކާރުން އެޤައުމުގެ މުސްލިމުންނަށް ތަފާތު އެކިގޮތްގޮތުން ދުއްތުރާކޮށް އަނިޔާކޮށް މުސްލިމުން މެރުމަކީ ބަރުމާގައި މިހާރު އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...