މިސްކިތުގައި ހަމަނުޖެހުން ހިންގުމަކީ މިސްކިތުގެ ހުރުމަތް ކަނޑާލުންކަމަށާއި މިސްކިތުގެ ހުރުމަތްކަނޑާލާ މީހުންނަކީ އަނިޔާވެރިންގެ ގޮތުގައި ޤުރުއާނުގައި ބަޔާންވެގެންވާކަމަށް ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
މާލޭހިޔާ ކޮށީގައި ހުންނަ ވަގުތީ ފުރުޤާން މިސްކިތުގައި ރޭ ދެއްވި ދަރުހުގެ ކުރިން ބަޔަކު ހިންގަން މަސައްކަތް ކުރި ހަމަނުޖެހުމަށް އިޝާރަތް ކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ ދަރުސް ފަށައިގެން ދިހަ ވަރަކަށް މިނެޓް ވަންދެން ބޭރުން އަޑުފަށްގަނޑު އިވުނުކަމަށާއި އަޅުގަނޑު ކުރިއަށް ގެންދިޔައީ ކޮން ވާހަކައެއްކަން ވެސް ބޭރުގައި ތިބި މީހުންނަށް އެނގޭނެކަމަށެވެ. އަދި ޝައިޚް ގެ ދުޢާއަކީ ރޭ ދަރުސަށް ހުރަސްއަޅަން މަސައްކަތް ކުރި މީހުންނަށް ވެސް ތެދު މަގު ދެއްކެވުން ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގެ މިސްކިތެއްގައި ދަރުސް ދިނުމަށް ސިޓީ ކައުންސިލުގެ ހުއްދަ ނުނަންގަވާ އިލްޔާސްގެ ދަރުސް ބާއްވާފައިވާތީ އެކަން ހުއްޓުވާ ދިނުމަށް ފުލުހުންގެ ކިބައިން ކައުންސިލުންވަނީ އެދިފައެވެ. މިކަމާ ގުޅޭގޮތުން ޝައިޚް ވިދާޅުވީ" ޒުވާނުންތަކެއް އިންތިޒާމްކުރި ދަރުސެއް އެއީ. އަޅުގަނޑަށް މިސްކިތްތަކުގައި ދަރުސްދިނުމުގެ ހުއްދަ މިނިސްޓްރީން ދީފައި އޮއްވައި، އިތުރު ހުއްދަ ނަގަން ޖެހޭ ކަމަށް އެހެން ގަވާއިދެއްގައި، ގާނޫނެއްގައި އޮންނަ ކަމެއް އެނގިފައެއް ނެތް. އިތުރު ހުއްދައެއް ނަގާ ނަމަ އެ ހުއްދަ ނަގަން ޖެހޭނީ އިންތިޒާމްކުރާ ފަރާތުން،" ކަމަށެވެ.
ޒުވާނުންކޮޅެއް އިންތިޒާމްކޮށްގެން، “މަޢާފުކުރާށެވެ” މިމައުޟޫއަށް ރޭ ބޭއްވި ދަރުސް ފެށުމަށް ކައިރިވެފައިވަނިކޮށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެ ހަޅޭއްލަވައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައެވެ.
"މަރު" މި މައުޟޫއަށް މިރޭވެސް އިޝާނަމާދަށްފަހު ފުރުޤާން މިސްކިތުގައި ދަރުސެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...