އަރަބިދުނިޔެ ޢަރަބި ލީގުގެ ވަފްދެއް އަނެއްކާވެސް ސީރިއާއަށް ފޮނުވަނީ

ޢަރަބި ލީގުގެ ވަފްދެއް އަނެއްކާވެސް ސީރިއާއަށް ފޮނުވަނީ

ޢަރަބި ލީގުގެ ވަފްދެއް އަނެއްކާވެސް ސީރިއާއަށް ފޮނުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގައި ކުރިއަށްދާ ހަމަނުޖެހުންތައް މިހާރު ކޮންޓްރޯލުން ނައްޓާލާފައިވާއިރު، އަދިވެސް ސަރުކާރުން އެދެވޭ ގޮތެއްގައި އެއްބާރުލުން ދެމުން ނާންނަ ކަމަށާއި އެޤައުމުގެ ކަންތައް ކައިރިން ބެލުމަށްޓަކައި ޢަރަބި ލީގުގެ ވަފްދެއް އަނެއްކާވެސް ވެރިރަށް ދިމިޝްޤަށް ފޮނުވާގޮތަށް ހަމަޖެހިފައިވާ ކަމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ވިދާޅުވެއްޖެއެވެ.

ބަން ވިދާޅުވެފައިވާ ގޮތުގައި ސީރިއާ މައްސަލައަކީ މިހާރު ބައިނަލްއަޤްވާމީ މަސްރަހުގައި އެންމެ ނާޒުކު ފައްތަރެއްގައިވާ މައްސަލަ ކަމަށާއި، އެކަމަށް އަވަސް ހައްލެއް ނުފެނި ލަސްވެގެންދާނަމަ، އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ގޯސްވެގެންދާނެ ކަމަށެވެ.

 ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އެންމެފަހުން ވިދާޅުވެފައިވާ ގޮތުގައި އެޤައުމުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި ހަހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދެކެވޭ ވާހަކަތަކުގައި ވަރަށްބޮޑު އޮޅުވާލުންތައް ހިމެނޭ ކަމަށެވެ.

 އަދި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ އެތައް ކަންތަކެއް ހިމެނޭ ކަމަށާއި ޤައުމަށް އިސްލާހީ ބަދަލުތައް ފުރިހަމަ ގޮތުގައި ގެނައުމަށްޓަކައި ސަރުކާރަށް ފުރުޞަތު ދޭންޖެހޭނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އ.ދ.ގެ ފަރާތުން ސީރިއާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދަނީ ޗައިނާ އާއި ރަޝިޔާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ތަޅުމުން ބޭރުކޮށް މިމައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރުމަށް ގޮވާލުމުންނެވެ. ސީރިއާ އާއި ބެހޭގޮތުން ދިރާސާ ކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި ސީރިއާއަށް ހަމަޖެހުން ގެނައުމަށްޓަކައި އިންސާފުވެރިކަމާއެކު ހުރިހާ ފަރާތެއްވެސް ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.