ލައިވް ބްލޮގް ރައީސް ނަޝީދު އިސްތިއުފާދެއްވައި އެމްޑީޕީގެ ސަރުކާރު ނިމިއްޖެ!

ރައީސް ނަޝީދު އިސްތިއުފާދެއްވައި އެމްޑީޕީގެ ސަރުކާރު ނިމިއްޖެ!

ރައީސް ނަޝީދު އިސްތިއުފާދެއްވައި އެމްޑީޕީގެ ސަރުކާރު ނިމިއްޖެ!

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

 

ގުޅޭ ފޮޓޯ ގެލެރީ :

16:25 އަލަށް ހުވާކުރެއްވި ރާއްޖޭގެ ރައީސުލްޖުމްހޫރުއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ރައްޔިތުންނާ މުހާތަބުކުރައްވަނީ. ގާނޫނާ ޚިލާފް އެއްވެސް އަމުރެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވަން. ގައުމުގެ ވެރިކަމުގައި ކުރިން ތިއްބެވި އެއްވެސް ބޭފުޅަކަށް ބަދަލުހިފުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރަން. އަދި ސުލްހަމަސަލަސްކަން އިސްކުރުމަށް ގޮވާލަން. ހަސަދަވެރިކަމާއި ރުޅިވެރިކަން އެއްފަރާތްކޮށް އެއްބައިވަންތަވެ އަތުގުޅާލުމަށް ގޮވާލަން. ބޮޑެތި ގުރުބާންތަކެއްވި ސިފައިންނާއި ފުލުހުންގެ މަސައްކަތަށް ޝުކުރުއަދާކުރެއްވި. ކުރީގެ ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް ލިބެންވާ ގާނޫނީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަރުވަން. - ރައީސް ޑރ. ވަހީދު.

15:32 ކުރީގެ ރައީސް ނަޝީދު އުޅުއްވާ މުލިއާގޭތެރޭގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާފުޅިތަކެއް ފުލުހުން ހޯދައިފި ކަމަށް ފުލުހުން މީޑިއާއަށް ކަށަވަރުކޮށްދީފި. އަދި އިރުކޮޅަކުން މީޑިއާއަށްވެސް އެތަކެތި މުލިއާގެއިން ނެރޭތަން ދައްކާނެ ކަމަށް ފުލުހުން ވަނީ ބުނެފައި.

15:19 ޑރ. ވަހީދު ރައީސްކަމުގެ ހުވާކުރައްވައި ނިމިއްޖެ. ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން.

15:16 ނައިބް ރައީސް ޑރ. ވަހީދު ރާއްޖޭގެ ރައީސްކަމުގެ ހުވާކުރައްވަން ތައްޔާރުވަނީ. ހުވައިލައިދެއްވުމަށް އެދި އުއްތަމަފަނޑިޔާރުގެ އަރިހުން އެދިވަޑައިގަތީ މަޖިލީހުގެ ރައީސް ޝާހިދު.

14:40 ގާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސް ނަޝީދު އެމަނިކުފާނު ހުންނެވި މަގާމުން އިސްތިއުފާދެއްވާފައިވާކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއަށް ސިޓީ ހުށަހަޅުއްވައިފި. އެކަން ހާމަކޮށް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ : "ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސަށް ސިޓީ ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމުން ވަކިވީ" ކަމަށެވެ.

14:23 މަހްލޫފް (އެމެރިކާގައި ހުންނަވާ ވީޓީވީން) : ފުލުހުންނާއި ސިފައިންނާއި ރައްޔިތުންނަށް ޙަޤީޤަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރި މިނިވަން މީޑިއާތަކުގެ ދައްކުވައިދިން ހިތްވަރަށް ސާބަސްދީ ޝުކުރުއަދާކުރަން. ދިވެހި އެންމެހާ ރައްޔިތުންނަށް މައާފަށް އެދެން. އެއީ މަޖުބޫރުވެގެން، އުޅެން ބޭނުންނުވާ ގޮތްތަކަށް އުޅެވިފައިވާތީ. އެހުރިހާ ކަމެއްވެސް އަޅުގަނޑުމެން ކުރީ ދީނަށްޓަކައި، ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި. ގާނޫނާ ޚިލާފަށް ކަމެއްކުރާނަމަ އެކަމެއް ތަހްގީގްކުރަން ގޮވާލަން، އެއީ މައުމޫނަކަސް، ޔާމީނަކަސް، އެހެން މީހަކަސް. އެމްޑީޕީ މީހުންވެސް ބާކީކޮށްލައި އެއްވެސް ބަޔަކާ ދިމާކޮށްގެން ނުވާނެ. އެމީހުންގެ ގޯސް ފިކުރެއް ހުރިއްޔާ އެކަން ފިލުވާލައި، އެންމެން ބައިވެރިވެގެން މަސައްކަތްކުރަން ޖެހޭނީ.

14:17 ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު : ނަޝީދުގެ ވެރިކަން ނިމުމުގެ ތަހުނިޔާ އެންމެހާ ދިވެހިރައްޔިތުންނަށް ފޮނުވަން. ފުލުހުންނާއި ސިފައިންނަށް މަރުޚަބާ. ﷲ އަށް ފަށްފަށުން ޙަމްދުކުރަން. އަޅުގަނޑުމެން ބަދުނާމުކޮށް ފަޟީޙަތްކޮށް އަޅުގަނޑުމެންގެ ޢާއިލާތަކާއި ދަރިން ރޮއްވާ، ގައުމީ ދުވަހު އެމްއެންބީސީ އިން ހިންގި ކަންކަމަށް އެމްއެންބީސީގެ އެންމެހާ މުވައްޒަފުންނަށް މައާފްކުރަން.

ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވާނެ ކަމަށްބުނެ ޖުމްހޫރީމައިދާނުގައި ގިނަ ޢަދަދެއްގެ ފުލުހުން މުޒާހަރާ ކުރަނީ. ދިއިސްލާމް ފޮޓޯ އިސްމާޢީލް އަފްރާހު

ރައީސް ނަޝީދު ފުލުހުންނަށް : އަޅުގަނޑަށް ފެންނަ ފެނުމުގައި ތިބޭފުޅުންނަށް ތިތިބެއްވުނީ އޮޅުމެއްގެ ތެރޭގައި. އަޅުގަނޑު ޔަގީންކޮށް އަރުވަން ތިބޭފުޅުންނަށް އަޅުގަނޑު ދެރަ ގޮތެއް ވިޔަކަނުދޭނަން. އަޅުގަނޑު އެދެނީ ފުލުހުން ސިފައިންނާއި ޙަވާލުވާން.

ފުލުހުން : ނޯ ސަރ

13:48 ކުރީގެ ސަރުކާރުގެ އެއްވެސް މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ކަށަވަރެއް ނުކޮށްދޭ. ފުލުހުން ބުނީ، ފުލުހުންގެ ކަންތައްތައް މިހާރު ބަލަހައްޓަވަނީ ޗީފް ސުޕްރިންޓެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކަމަށް.

13:44 ޕީޕީއެމްގެ އިންތިގާލީ ރައީސް އުމަރު ނަސީރު (ދިޓީވީގައި) : މިވަގުތު މަގުމައްޗަށް ނުކުމެ އެއްވެސް ބަޔަކު އަނެއްބަޔަކާ ދިމާކޮށް ހަމަނުޖެހުމެއް ނުހިންގުމަށް ގޮވާލަން. އެމްޑީޕީގައި ވެސް ތިބީ އަޅުގަނޑުމެންގެ އަޚުން. ބޭބެއިން. ކޮއްކޮއިން.

13:29 މިދަނޑިވަޅުގައި އިމިގްރޭޝަނުގެ ތެރެއިން ބަޔަކު ވައްކަންކުރަން އުޅެނިކޮށް ފުލުހުން ގޮސް އެތަން ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަކަމަށް މައުލޫމާތު ލިބޭ.

13:24 ކުރީގެ ރައީސް މައުމޫން (މެލޭޝިއާގައި ހުންނަވައި ވީޓީވީއިން) : މިއަދު އެގިގެން ދިޔައީ، އެއްވެސް މީހަކަށް ގާނޫނުގެ މަތީގައި ނުހުރެވޭނެކަން. އިސްލާމްދީނަށް ފުރައްސާރަކޮށް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ މީހަކަށް ރައީސްކަމުގެ މަގާމުގައި ނުހުރެވޭނެކަން. ކުރީގެ ރައީސް ނަޝީދަށް ދޭން ޖެހޭ ގަދަރާއި، އެމަނިކުފާނުގެ އާއިލާއަށް ސަލާމަތްތެރިކަން ދޭންޖެހޭނެ. ނަޝީދަކީވެސް ދިވެހި ރައްޔިތެއް. ދިވެހިންނަކީ ބަދަލުހިފުމުގެ އުސޫލު ގެންގުޅޭ ބަޔަކަށް ވެގެން ނުވާނެ. އެމްޑީޕީގެ މެންބަރުންނަށްވެސް ދޭން ޖެހޭ އިޙްތިރާމް ދޭން ޖެހޭނެ. އިސްލާމީ އުހުއްވަތްތެރިކަން އޮންނަންޖެހޭނެ. ރައްޔިތުންނަށް ހެވާއި ލާބަ އެދެން ޖެހޭ. އިސްލާމްދީނަށާއި ގާނޫނު އަސާސީއަށް ރައްކާތެރިވާންޖެހޭ.

އިސްތިއުފާދެއްވިކަމަށްޓަކައި ނަޝީދަށް ޝުކުރުދަންނަވަން.

13:16 ޖުމްހޫރީ މައިދާނުގައި ކޮންމެވެސް ވަރަކަށް ފުލުހުންނާއި އާންމުން އަދިވެސް އެބައުޅޭ. ނަމަވެސް ހުރިހާ ތަނެއް ވެސް މިވަގުތު ފެންނަނީ އަމާންކޮށް. (ހަވީރު ނޫސް)

12:57 ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ. ރާއްޖޭގެ ރައްޔިތުން، އައްސަލާމްއަލައިކުމް. އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެނަމަ ރާއްޖޭއަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދޭނެތީ ވެރިކަމުން އިސްތިއުފާދިނީ.އަޅުގަނޑަކީ އެއްވެސް އިރެއްގައި ބާރުގެ ބޭނުންކޮށްގެން ވެރިކަން ދަމަހައްޓަން ކުރާ މީހެއް ނޫން. ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތްކޮށްފިނަމަ ބޭރުގެ ނުފޫޒުތައް ރާއްޖެއަށް އައުމަކީ ވަރަށް އެކަށީގެންވާކަމެއް. އަޅުގަނޑު ވަރަށް ހެޔޮ ހިތުން އިހްތިރާމާއެކު މިނިންމީ އިސްތިއުފާ ދިނުމަށް. އަޅުގަނޑު މިގޮތަށް ނިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދޭތީ. އަޅުގަނޑު އަބަދުވެސް އެދެނީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރެޓިކް ހަމަތަކާއި އިންސާފު ގާއިމުވެފައި އޮތުން. އަޅުގަނޑު އެދެނީ ރާއްޖޭގެ ތަރައްގީއާ ރާއްޖޭގެ ކުރިއެރުމަށް.  އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން. ވަލްހަމްދުލިﷲ. (ފެންކަޅިވެހުރެ އަސަރާއެކު)

12:24 މި ހަމަނުޖެހުންތަކުގައި އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިފައިނުވާ ކަން އޭޑީކޭ އިން ކަށަވަރުކޮށްދީފި. (ހަވީރު ނޫސް)

12:22 ރައީސް ނަޝީދު އިސްތިއުފާދެއްވިއިރު ރުއިކަމަށް މުއުތަބަރުކޮށް އެނގިފައިވޭ.

12:20 ރައީސް ނަޝީދު ސިފައިން ނެރެގެން ކާރުކޮޅެއްގައި ރައީސް އޮފީހަށް އެބަގެންދޭ. ކާރު ގެންދަނީ ކޮއްޕާފަ. މުޅި ސަރަހައްދު އޮތީ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުގައި (ސަން އޮންލައިން)

12:15  ރައީސް އޮފީހުގައި ޕްރެސް ކޮންފަރެންސް ފަށަނީ 12:30 ގައި (ހަވީރު ނޫސް)

12:14  އަބްދުﷲ ގާޒީ މާލެ ގެނެސްފި (ހަވީރު ނޫސް)

12:14  ހަމަނުޖެހުންތަކުގައި ޒަޚަމްވި މީހަކު މަރުވެއްޖެ ކަމަށް ޖުމްހޫރީ މައިދާނުގައި އިއުލާންކޮށްފި (ހަވީރު ނޫސް)

12:00 ސިފައިންގެ އިން ވަކިކުރި ކާނަލް ނާޒިމް މީގެ ކުޑައިރުކޮޅެއް ކުރިން ވިދާޅުވީ ސިފައިންގެ ކޮމާންޑަރަކީ މިހާރު އޭނާ ކަމަށާއި ރައީސް ނަޝީދު ކުޑައިރުކޮޅެއް ތެރޭ ރައީސް އޮފީހަށް ވަޑައިގެން މީޑިއާގެ ކުރިމަތީގައި އިސްތިއުފާ އިއުލާންކުރައްވާނެ ކަމަށް. ރައީސް ވަޑައިގަންނަވަން ވާއިރަށް ރައީސް އޮފީހުގެ މަގު އޮތީ ހުސްކޮށްލާފައި. އަދި ރައީސް ނަޝީދު ސިފައިންގެ އިން ނުކުމެވަޑައިގަންނަވާ ވަގުތު އެއްވެސް ކަހަލަ ހަމަލާއެއް ނުދިނުމަށް ޖުމްހޫރީ މައިދާނުގައި ގޮވާލައިފި (ހަވީރު ނޫސް)

11:59 ގައުމުގެ ހާލަތާމެދު ރައީސް އޮފީހުގެ ރަސްމީ ބަޔާން :

"ދިވެހި ޤައުމަށް މިދަނޑިވަޅު ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމަށް ޙައްލެއް ގެނެސް، ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމްކުރުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މި ދަންނަވާލަނީ އެ ބަޔާނެވެ.

"ދިވެހި ޤައުމަށް މިދަނޑިވަޅު ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމަށް ޙައްލެއް ގެނެސް، ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމްކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ވާހަކަ ދަންނަވަމެވެ.

ރައްޔިތުންގެ ހިމާޔަތުގައްޔާއި އަމަންއަމާންކަން ޤާއިމްކުރުމަށް ދިވެހި ދައުލަތުގެ މުއައްސަސާތަކާއި، ސިޔާސީ އެކި ފަރާތްތަކާ މަޝްވަރާ ކުރެވިގެން ސަރުކާރުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ފުރުސަތެއްގައި އަޅާނެ ވާހަކަ ދަންނަވަމެވެ. އަދި ދިވެހި ރައްޔިތުން ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ރާއްޖޭގައި ސުލްހަމަސަލަސްކަން ޤާއިމުކުރުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މިދަނޑިވަޅުގައި ޝުކުރު ދަންނަވަމެވެ."

11:55 ސިޔާސީ އިސްވެރިންނާއި މަދަނީ އިއްތިހާދު ބޭފުޅުން ފުލުހުންގެ މައިމަރުކަޒުގައި ފުލުސް އޮފިސަރުންނާއެކު އެބަތިއްބެވި. ބައެއް އިސްވެރިން ދަނީ އުފާފާޅުކޮށް ރޮމުން. އޭގެ ތެރޭގައި، ގާސިމް، ޝައިޚް މުޙައްމަދު ދީދީ، ޑރ. ޖަމީލްފަދަ ބޭފުޅުން ހިމެނޭ.

11:50 ފުލުސް ކޮމިޝަނަރު އިސްތިއުފާ ދެއްވާފައިވާ ކަމަށް ސުޕްރިންޓެންޑެންޓް ފައިރޫޝް ވިދާޅުވެއްޖެ.

11:45 ގިނަ ޢަދަދެއްގެ ބަޔަކު އެސަރަހައްދުގައި ދަނީ ވަރަށް ބޮޑަށް އުފާވެރިކަމުގެ ޝުއޫރުފާޅުކުރަމުން.

11:43 ޖުމްހޫރީ މައިދާނުގައި ބައެއް މީހުން ޝުކުރުގެ ސަޖިދަ ކުރި މަންޒަރު ފެންނަމުންދޭ.

11:40 ރައީސް ނޝީދު އިސްތިއުފާ ދެއްވައިފިކަމަށް ފުލުހުންގެ އިސްއޮފިސަރުން އެބަވިދާޅުވޭ.

11:30 ބޮޑު ޓްރަކެއްގައި ސިފައިން ކްލިޕް ބިޑި ހިފައިގެން ސިފައިންގެއިން ނުކުމެގެން ޗާންދަނީމަގުން ދަނީ. (ހަވީރު ނޫސް)

11:29 ދެންމެ "ޓީވީއެމް" ގެ ސްޓޫޑީއޯގައި ޝައިޚް އިމްރާނާއި އިތުރު ބޭފުޅަކު ސްޓޭޓްމަންޓެއް ދެއްވި

11:28 އެމްއެންބީސީ ވަންގެ ނަން މިއަދު ޓީވީއެމްއަށް ރަސްމީގޮތުން ބަދަލުކުރާނެ ކަމަށް އެތަނުގެ މުވައްޒަފަކު ދެންމެ ސްޓޫޑިއޯގައި ވިދާޅުވެއްޖެ. މިހާރު އަރުވާފައި އިނީ "ޓީވީއެމް"

11:25 ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަވާލުކުރުމަށް ސިފައިން ނާއިބު ރައީސް ބަލާ ދިއުމުން ނާއިބު ރައީސް ވިދާޅުވީ މި ވަގުތު އެ މަނިކުފާނު ވަޑައިގަތުމުން މަސްލަހަތު ރަނގަޅެއް ނުވާނެ ކަމަށް. މިހާރު ސިފައިން ތިބީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ބަލާ ގޮސް. ސުޕްރީމް ކޯޓު ތެރޭގައި ސިފައިން އުއްތަމަ ފަނޑިޔާރާ މަޝްވަރާކުރަނީ. (ހަވީރު ނޫސް)

11:22 މީގެ ކުޑައިރުކޮޅެއް ކުރިން އިއުލާންކުރި ގޮތުގައި ސިފައިންގެ ކޮމާންޑް ސެންޓަރަކާއި، ފުލުހުންގެ ކޮމާންޑް ސެންޓަރެއް ޖުމްހޫރީ މައިދާން ސަރަހައްދުގައި ގާއިމްކޮށް، ފުލުހުންނާއި ސިފައިންގެ ޑިއުޓީ ހަމަޖައްސައި ކޮމާންޑްކުރަމުންދާނީ އެ ދެ ތަނުން. އަދި ފުލުހުންގެ އިސް ކޮމާންޑަރަކަށް ވާނީ ފައިރޫޝް ކަމަށް ވަނީ ބުނެފައި. ހިލާލީގެއަށް ވަތް ސިފައިންގެ މީހުންނާ ނާއިބު ރައީސް މަޝްވަރާކުރައްވަނީ. (ހަވީރު ނޫސް)

11:13 ފުލުސް އޮފިސަރު ފައިރޫޝް ރަސްމީ ހެދުންކޮޅުގައި މުޒާހަރާގެ ތެރެއަށް ވަޑައިގަތް ފުލުހުންނާ ހަވާލުވެވަޑައިގެންފި.

11:09 ނައިބް ރައީސް ޑރ. ވަހީދާއި އުއްތަމަ ފަނޑިޔާރވެސް ޖުމްހޫރީ މައިދާނަށް ހާޒިރުކުރާ ކަމަށް މައުލޫމާތުލިބޭ. ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ރިޝްވާންވެސް މުޒާހަރާއާއި ގުޅިއްޖެ.

11:07 ސިފައިންނާއި ފުލުހުން އެމްޑީޕީ ހަރުގެވެސް ހިފައިފި.

11:05 ކުރީގެ ސިފައިންގޭގައި އުޅުއްވި ނާޒިމް އެއްވެފައި ވިދާޅުވީ ދެންމެ ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލުކުރައްވާފައި 3 ޝަރުތެއް ހުށަހެޅުއްވި ކަމަށް. އެއީ މިއަދު މެންދުރު 1:30 ގެ ކުރިން ރައީސް އިސްތިއުފާ ދެއްވުމަށާއި ފަސީހާއި އޭނާގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންވެސް އިސްތިއުފާދެއްވުމަށް އަދި އެކަންކަމަކީ މަޝްވަރާ ކުރެވޭނެ ކަންކަމެއް ނޫން ކަމަށް.

ސިފައިންގެ ތެރެއަށް ވަނުމުން ވަރަށް އުފާވެރި މަންޒަރެއް ފެނުނު. ﷲ އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ މަންޒަރު ފެންނާނެ.

11:02 އެމްއެންބީސީ ވަންއިން މިހާރު ދައްކަމުންދަނީ "ކޯޓެސީ ވީޓީވީ" ޖަހާފައި، ވީޓީވީން ނަގާފައިވާ މަންޒަރުތަކެއް. އަޑެއް ނުގެނޭ.

11:00 ސިފައިންގެ އިސްވެރިޔަކު ދެންމެ އެއްވުމުގައި ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަޔަކު ހިފައިހައްޔަރުކުރާނެ ކަމަށް. އަދި އެމްއެންބީސީ އާއި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުވެސް ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބޭ.

<p d

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.