ސީރިއާގައި ކުރިއަށްދާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ބެހޭގޮތުން ޢަރަބި ލީގުން ހުށަހެޅި ޤަރާރު ރަޝިޔާއިން ވީޓޯ ކުރުމާއި ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވި ގޮތުގައި ރަޝިޔާއިން ސީރިއާއަށް އިސްލާހީ ބަދަލުތައް ގެނައުމާއި ބެހޭގޮތުން ރައީސް ބައްޝާރުލް އަސަދު އާއި މަޝްވަރާ ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެމެރިކާ އާއި ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތުންވެސް ރަޝިޔާއަށް ވަރަށްބޮޑަށް ފާޑުކިޔުންތައް އަމާޒު ކޮށްފައިވެއެވެ. ރަޝިޔާއިން މަސައްކަތް ކުރަމުން އަންނަނީ ހަމަނުޖެހުންތައް ކުރިއަށް ގެންދިއުމަށް ސީރިއާ ސަރުކާރަށް ހިތްވަރު ލިބޭގޮތަށް ކަމުގައި އެޤައުމުތަކުން ހާމަކޮށްފައިވެއެވެ.
ލަވްރޯވް ވިދާޅުވި ގޮތުގައި ރަޝިޔާގެ އަމާޒަކީ މިމައްސަލައަށް ދާއިމީ އަދި ޞުލްހަވެރި ހައްލެއް ހޯދުން ކަމަށެވެ. އަދި މިކަމުގައި ސީރިއާގެ ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައިވެއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭގޮތުގައި މިހާތަނަށް ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާއިރު، ކުރިމަގުގައި އަވަސް މުއްދަތެއްގެ ތެރޭގައި އެކަން ފެނިގެން ދިއުމަކީ ދުރުގައިވާ ކަމެކެވެ.
އެހެންނަމަވެސް، ރަޝިޔާއިން ދެކޭގޮތުގައި މިހާރުވެސް ސަރުކާރުން އަންނަނީ އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނެވެ. މައްސަލައަކީ މަސައްކަތުގެ ސްޕީޑްކަމަށް ރަޝިޔާއިން ދެކެއެވެ. އަދި އެކަން އަވަސް ކުރުމަށްޓަކައި ރަޝިޔާގެ އިސް ވަފްދެއް ވަރަށް އަވަހަށް ސީރިއާއަށް ދާނެކަމަށް ލަވްރޯވް ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...