00:37 މުޒާހަރާ ނިންމާލިކަން ރަސްމީކޮށް އިއުލާންކޮށްފި. މިކަން އިއުލާންކުރީ ދެންމެ ދިޓީވީގައި ވާހަކަ ދައްކަވަމުން މުޒާހަރާ ކޮމިޓީގެ މެންބަރު ޕީޕީއެމްގެ ޞިއްދީޤް. މުޒާހަރާ ނިންމާލިކަން އިއުލާންކުރިއިރު އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް މީހުން ވައިވެފައި އެބައުޅޭ. މުޒާހަރާގެ އިސް އެކްޓިވިސްޓެއް މިހާރު ނެތް. ފުލުހުން ވެސް ދާން ފަށައިފި.
00:32 މިހާރު އޮތީ ފުލުހުންގެ ސަފު އެމްޓީސީސީ ބިލްޑިންގާ ހަމައަށް ޖައްސާފައި. މުޒާހަރާގެ ބައިވެރިން އެކިދިމަދިމާގައި އަދިވެސް އެބައުޅޭ. ބައެއް މީހުން މަސްމާރުކޭޓު ހިސާބުގައި. ބައެއް މީހުން ލޯކަލް މާރުކޭޓު ހިސާބުގައި ވެސް އެބައުޅޭ. ދޭތެރެ ދޭތެރެއިން އެމްޑީޕީ އެކްޓިވިސްޓުން އައިސް އެއްޗެހި ގޮވާފައި އެބަދޭ.
00:24 ފުލުހުން އެމްއެމްއާ ވީ ކޮޅަށް ފަހަތަށް ޖެހިއްޖެ.
00:21 މަސްމާރުކޭޓާ ދިމާއިން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
00:13 ފުލުހުންގެ ޝީލްޑު މަސްމާރުކޭޓާ ހިސާބުގައި ޖަހައިފި. އާންމުން ފުލުހުންނާ ދިމާއަށް ހަޅޭއްލަވަމުން ދަނީ. މުޒާހަރާގެ ބައިވެރިން އެކި ދިމަދިމާ އަށް ވިއްސިވިހާލިވެފައި.
00:11 އާންމުން ފަހައި ފުލުހުން ދުވަނީ. ބާޒާރު މަތިން ކުރީގެ ލޯކަލް މާރުކޭޓު ހިސާބުގައި ފުލުހުން ޝީލްޑު ޖަހައިފި. އެއްވެސް މީހަކު ހައްޔަރުކުރި ތަނެއް ނުފެނޭ.
00:09 ފުލުހުން ޗާޖުކޮށްފި. އާންމުން ފަހައި ފުލުހުން ދުވަން ފަށައިފި.
00:08 ފުލުހުންގެ ފަހު އިންޒާރު ދެނީ. ފުލުހުން އަންގަނީ އެސަރަހައްދު ދޫކޮށް ދިއުމަށް.
00:02 އެމްޓީސީސީ ސަރަހައްދަށް މީހުން ދަނީ ގިނަވަމުން. ފުލުހުންގެ ރޯޑު ބްލޮކްތަކާ ދިމާއަށް އާންމުން ދާން ފެށުމުން، ރަޔަޓު ގިޔަރު ފުލުހުންވެސް އަރާމުކުރުމަށް ތިބެފައި، އަނެއްކާވެސް މުގުރާއެކު ތައްޔާރުވާން ފަށައިފި. ފުލުހުންގެ ޝީލްޑެއް ނެތް.
މުޒާހަރާގެ ލީޑަރުންގެ ތެރޭގައި ނިހާނާއި މާލޭ ސިޓީ ކައުންސިލަރު ފުލައި ހަމީދު ހިމެނޭ.
23:59 ގާނޫނާ ޚިލާފު އެއްވެސް އަމުރަކަށް ކިޔަމަން ނުވުމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ހުރިހާ ރޭންކެއްގެ ފުލުހުންނަށް އިލްތިމާސްކުރައްވައިފި. (ވީޓީވީން)
23:52 އެމްއެމްއޭ ސަރަހައްދަށް އެމްޑީޕީގެ 6 ވަރަކަށް އެކްޓިވިސްޓުން ސައިކަލުގައި ގޮސް ނިހާނާއެކު މުޒާހަރާ ކުރާމީހުންނާ ދިމާއަށް އެއްޗެހި ގޮވާފައި ނައްޓާލައިފި.
23:49 ޗާންދަނީ މައިދާނާ ދިމާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި 2 އަންހެނުންވެސް ހިމެނޭ.
23:47 ނިހާނާއެކު އައި މީހުން ތިބީ އެމްއެމްއޭ ކައިރީގައި މަޑުކޮށްގެން އެސަރަހައްދަށް އަނެއްކާވެސް ވެސް މީހުން ގިނަވާން ފަށައިފި.
23:36 ނިހާނާއެކު އައި މީހުން މިހާރު ތިބީ އެމްއެމްއާ ދިމާ އެމްޓީސީސީ ބިލްޑިންގ ކައިރީގައި. މުޒާހަރާގެ މާގިނަ މީހުންނެއް ނެތް. އަދި އެތަނުގައި ތިބީ ވަރަށް މަދު ފުލުހުން.
23:34 ނިހާނާއެކު ބައެއް މީހުން ޗާންދަނީ މަގަށް ނުކުމެ އެމްއެމްއާ ދިމާއަށް ދާން ދުއްވައިގެންފި.
މަޖީދީ މަގުގައި ކުރާ މުޒާހަރާގެ ތެރެއިން އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ. އެމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދޭ. ފުލުހުން ދަނީ ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް އިންޒާރު ދެމުން. މިހާރު ވެސް މީހުން ހައްޔަރު ކުރަމުން އެބަދޭ. ޒަހަމްވި އަންހެން މީހާ ގޮވައިގެން ފުލުހުން ނައްޓައިލީ ހައްޔަރުކޮށްފައިވާ މީހުން އަރުވާ ވެހިކަލްގައި.
23:32 މުޒާހަރަގައި އިސްކޮށް ހަރަކާތްތެރިވި ނިހާނާއެކު ބައެއް މީހުން މިހާރު ތިބީ ސަލްޓަންޕާކް ކުރިމަތީގައި.
މަޖީދީ މަގުގައި ކުރާ މުޒާހަރާގެ ތެރެއަށް ވަރަށް ގިނަ އަދަދެއްގެ މީހުންނާއި އިތުރު ވެހިކަލްތައް އަތުވެއްޖެ. މުޒާހަރާގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފައި. މުޒާހަރާ ރޫޅާލުމަށް ދާދިދެންމެއަކު ވަނީ ވަރަށް ގިނަ އަދަދަކަށް ޕެޕާސުޕްރޭ ޖަހާފައި. މީހުންތައް މިހާރު އެކި ދިމަދިމާއަށް ދުވަމުން ދާއިރު ސަރަހައްދަށް ފުލުހުންގެ ޖަމާވަމުންދާ މިންވަރު ވަނީ އިތުރުކޮށްފައި.
23:28 މުޒާހަރާ ލޮރީ އަތުލައި ފުލުހަކު ދުއްވަމުން ގެންގޮސްފި. މުޒާހަރާގެ ބައިވެރިންވެސް ވަނީ ފަހަތަށް ޖައްސާލާފައި. މުޒާހަރާގެ އިސްހަރަކާތްތެރިން މިހާރު އެސަރަހައްދުން ފެންނާކަށް ނެތް.
23:26 ފުލުހުން އިންޒާރު ދޭން ފަށައިފި. އެސަރަހައްދު ސުލްހަވެރި ކަމާއެކު ދޫކޮށްލުމަށް އިންޒާރު ދެނީ.
23:25 މުޒާހަރާ ލޮރީގެ ޑްރައިވަރާއި އޭގައި ތބި މީހުން ބާލުވައި ލޮރީ ހުއްޓުވައިފި.
23:23 ޗާންދަނީ މައިދާނާ އަރާ ހަމަވެއްޖެ. ސްޓާރ ފޯސް ފުލުހުންގެ ޓީމެއް މުޒާހަރާގެ ބައިވެރިންގެ ފަހަތުން ދުވެފައި އެބައާދޭ.
23:22 މިހާރު ބައިވެރިން ތިބީ މަޖީދީމަގު ލެކިއުޓު ހިސާބުގައި.
23:19 މިސްރާބު ބަދަލުވެއްޖެ. މުލިއާގެއާ ދިމާއަށް ނުގޮސް އަނެއްކާވެސް ޗާންދަނީ މައިދާނަށް ދިއުމަށް އިއުލާންކޮށްފި. މިހާރު ބައިވެރިން ތިބީ މަޖީދީމަގު މާލޭ ސިޓީ ކައުންސިލް އިދާރާ ހިސާބުގައި.
23:12 މިހާރު ބައިވެރިން ތިބީ މަޖީދީމަގު އިބްރާހީމީ މިސްކިތާ ހިސާބުގައި. މިސްރާބު ހުރީ މުލިއާގެއާ ދިމާއަށް ކަމަށް ބުނޭ.
23:07 ލޮރީ މުލިއާގެ އާ ދިމާއަށް މިސްރާބު ޖެހި ކަމަށް އިއުލާންކޮށްފި. އިސްކޮށްތިބީ ސަންދާނު އަހައްމައިދީ، ނިހާން، އިލްހާމް އަދި ރިޔާޒް ރަޝީދު.
23:05 ލޮނުޒިޔާރަތްމަގު އަމީރުއަހްމަދު ސްކޫލާ ހިސާބުގައި. ގޮވަމުންދަނީ ލާދީނީ ސަރުކާރޭ ވެސް ކިޔާނަމޭ.
23:00 އެމްއެންބީސީ ކައިރިން ފުލުހުން ހުރަސްއެޅުމުން، މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރީ ލޮނުޒިޔާރަތްމަގުން ހެންވޭރާވީ ކޮޅަށް.
22:57 އަމީނީމަގު ސަރަހައްދުން އެމްއެންބީސީއާވީ ހިސާބުގައި ފުލުހުންގެ ސަފެއް ފޯރިމަރަން ފަށައިފި.
22:55 ޗާންދަނީ މަގުގައި ތިބެފައި އެމްއެންބީސީއާ ދިމާއަށް މިސްރާބު ޖަހައިފި.
22:49 މުޒާހަރާގެ ބައިވެރިން ޗާންދަނީ މައިދާނުގައި އިށީނދެގެން އެބަތިބި. ލޮރީވެސް އެތަނުގައި އެބައޮތް. ރަޔަޓު ގިޔަރު ފުލުހުން ތިބީ މަޖީދީމަގު ލެކިއުޓާ ދިމާގައި
22:28 މުޒާހަރާގެ ބައިވެރިން ޗާންދަނީ މައިދާނަށް ދެވުނު ގޮތަކަށް ދާނެ ކަމަށް ބުނެ އެދިމާއަށް ދާން ލޮރީއާއެކު ނައްޓާލައިފި.
22:25 ސަންދާނު އަހައްމައިދީ މުޒާހާރާގެ އިސްސަފާ ގުޅި މިހާރު ވާހަކަދައްކަވަނީ.
ސިފައިންނާ ފުލުހުން ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރާ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި.
22:18 ފުލުހުންގެ އިތުރުން އާލާތްތައް ހިފައިގެން ތިބި ސިފައިންވެސް މުޒާހަރާކުރާ ސަރަހައްދުގައި އެބަތިބި. އެގޮތުން ހަވީރީ ގޯޅީގައި ވެސް ސިފައިންގެ ސަފުތައް ހަރަކާތްތެރިވޭ.
22:11 މިހާރު ވާހަކަ ދައްކަވަނީ މަޖިލީސް މެންބަރު ޑރ. އަފްރާޝީމް.
ފަހަރެއްގައިވެސް ޤާނޫނާ ޚިލާފަށް ފޭރިގަންނާކަށް ނޫން. ލޭ އޮހޮރުވާކަށް ނޫން. ޝަރުޢީ ނިޒާމް ޙިމާޔަތްކުރަން ކަމަށް. ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ހޯދަން. ފަނޑިޔާރުންގެ މިނިވަންކަމަށް. އިސްލާމްދީން ދިފާއުގައި. ސިފައިން ހައްޔަރުކޮށްފައިވާ ޢަބްދުﷲ ގާޒީ އާއި ފުލުހުން ހައްޔަރުކޮށްފައިވާ ސިޔާސީ އިސްވެރިން މިނިވަންކުރުމަށްވެސް ގޮވާލެއްވި.
ވެރިންނަށް ކިޔަމަންވުމުގައި އިސްލާމްދީނާ ޚިލާފު އަދި ޤާނޫނާ ޚިލާފު ކަންތައްތަކަށް އަމުރުކުރިޔަސް ކިޔަމަންވާން ނުޖެހޭނެ. ސިފައިންނާއި ފުލުހުންނަށް ވެސް ގޮވާލަނީ އިސްލާމްދީނާ ޤާނޫނާ ޚިލާފު ކަންތައްތަކަށް ވެރިން އަމުރުކުރިޔަސް ކިޔަމަން ނުވުމަށް ގޮވާލެއްވި.
22:11 މިހާރު ވާހަކަ ދައްކަވަނީ މަޖިލީސް މެންބަރު ޑރ. އަފްރާޝީމް.
22:06 މިހާރު ވާހަކަ ދައްކަވަނީ މަޖިލީސް މެންބަރު ނިހާން.
22:03 ޕީޕީއެމްގެ ޑރ. އަފްރާޝީމް ވެސް މުޒާހަރާގެ އިސްސަފާ ގުޅިއްޖެ.
21:55 އިލްހާމް ދަނީ ފުލުހުންނާއި ސިފައިންނާ މުހާތަބުކުރަމުން. އަދި އެމްއެންބީސީ ވަކިކޮޅަކަށް ޖެހިފައިވާތީ ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަދޭ.
މާލޭ ސިޓީގެ ކައުންސިލަރު އަޙްމަދު ހަމީދު (ފުލައި) ވެސް މުޒާހަރާގައި އިސްސަފުގައި އެބަހަރަކާތްތެރިވޭ.
21:52 މިހާރު ވާހަކަ ދައްކަވަނީ މަޖިލީސް މެންބަރު އިލްހާމް އަޙްމަދު.
މުޒާހަރާ ލީޑުކުރަމުން ދަނީ ނިހާން އިލްހާމްގެ އިތުރުން ރިޔާޒް ރަޝީދާއި، މަޖިލީސް މެންބަރު ނިހާން.
21:40 ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިދިކޮޅު 8 ޕާޓީއާއި ތޭވީސް ޑިސެމްބަރު އިއްތިހާދު ގުޅިގެން ސިލްސިލާކޮށް ބާއްވާ މުޒާހަރާ މިރޭވެސް އެމްއެމްއޭ ސަރަހައްދުގައި ފަށައިގެން ކުރިއަށް އެބަދޭ.

ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި މިރޭވެސް މުޒާހަރާ ކުރިއަށްދަނީ | ދިއިސްލާމް ފޮޓޯ އިސްމާއިލް އަފްރާހް
މިހާރު ވާހަކަ ދައްކަވަނީ މަޖިލީސް މެންބަރު ރިޔާޒް ރަޝީދު.
އެހެންރޭތަކެކޭ ޚިލާފަށް ފުލުހުން ވަނީ އެސަރަހައްދުގެ ބޮޑުބައެއް ފުލުހުންގެ ސަފުތައް އަތުރައި ހިފާލާފައި. އެމްއެމްއޭ ކުރިމަތި ވަނީ ފުލުހުން ހިފާލާފައި. ފުލުހުންގެ ކޯޑަން ބަހައްޓާފައި ހުރީ އެމްޓީސީސީ ބިލްޑިންގާ ހިސާބުގައި.
ކޮމެންޓް (0)
ލޯޑް ކުރަމުން...