ދިއިސްލާމް ބަނގުރަލާއި އޫރުމަހުގެ ޤަވާއިދު ދިވެހި ސަރުކާރުން ގެޒެޓްކޮށް ޢަމަލުކުރަން ފަށައިފި!

ބަނގުރަލާއި އޫރުމަހުގެ ޤަވާއިދު ދިވެހި ސަރުކާރުން ގެޒެޓްކޮށް ޢަމަލުކުރަން ފަށައިފި!

ބަނގުރަލާއި އޫރުމަހުގެ ޤަވާއިދު ދިވެހި ސަރުކާރުން ގެޒެޓްކޮށް ޢަމަލުކުރަން ފަށައިފި!

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

 

ބަނގުރަލާ ދެކޮޅަށް 26 ފެބްރުއަރީ 2010 ގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން

ބަނގުރަލާއި އޫރުމަހުގެ ޤަވާއިދެއް ހަދައި އެޤަވާއިދު ދިވެހި ސަރުކާރުން ގެޒެޓްކޮށް އެއަށް ޢަމަލުކުރަން ފަށައިފިއެވެ.

މިދިޔަ މަހު 23 ގައި ގެޒެޓްކޮށް، އެދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ އެ ޤަވާއިދުގެ ތަޢާރަފްގައި ބުނެފައި ވަނީ އެއީ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެ އަށް ގެނައުމާއި، އިމްޕޯޓް ކުރުމާއި، ރާއްޖޭގައި ވިއްކުމާއި، ގެންގުޅުމާއި ބޭނުންކުރުމާއި، ބަނގުރަލާއި އޫރުމަހާ ގުޅޭ ގޮތުން ކުރަން ޖެހޭ އެނޫނަސް ކަންކަމާ ބެހޭ ގޮތުން ބަޔާންކުރާ ޤަވާއިދު ކަމަށެވެ. އަދި އެޤަވާއިދަކީ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެ އަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤަވާއިދެއް ކަމަށް ބުނެފައި ވެއެވެ.

ޤަވާއިދުގެ ދެވަނަ މާއްދާގައިވާ ގޮތުގައި، އެ ޤަވާއިދުގެ މަޤްޞަދަކީ، ބަނގުރަލާއި،  ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެ އަށް ގެނައުމާއި، އިމްޕޯޓް ކުރުމާއި، ރާއްޖޭގައި ވިއްކުމާއި، ގެންގުޅުމާއި ބޭނުންކުރުމާއި،މިކަންތައްތައް ކުރުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ނަގައިގެން، ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރާ ކަމެއްގެ ގޮތުގައި ހަމެޖެއްސުމެވެ.

ޤަވާއިދުގެ 3 ވަނަ މާއްދާގައި ވަނީ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެ އަށް ގެނައުމަށް ނުވަތަ ހުއްދަ ދެވޭ ފަރާތްތައް ބަޔާންކޮށްފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ލައިސަންސް ދީފައިވާ ސަފާރީތަކާއި ޔޮޓްތައް، އިކޮނޮމިކް މިނސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޑިއުޓީ ހިލޭ ފިހާރަތައް، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް، ރާއްޖޭގެ ބަނދަރަށް އަންނަ ބޭރުގެ ޕަސެންޖަރ ލައިންތަކާއި ޓޫރިސްޓް ޔޮޓްތަކުގެ އެޖެންޓުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ އެޖެންޓުން ހިމެނެއެވެ.

އަދި ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބައިވެރިވާ ބިދޭސީ ޕަސެންޖަރުންނަށާއި، ޓޫރިސްޓް ރިސޯޓް ފިޔަވައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާ ޕިކްނިކް އައިލެންޑް ފަދަ ރަށްރަށް އޮޕަރޭޓް ކުރާ ފަރާތްތައް ހިމެނެއެވެ.

"ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ގެންގުޅެވޭނީ، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބޭ ބިދޭސީ މުވައްޒަފުންގެ ތެރެއިން އެ ޑިޕްލޮމެޓިކް މިޝަނަކުން ކަނޑައަޅާ ބަޔަކަށް، އެ މިޝަނަކުން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑއަޅާ ތަންތަނަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ދީފައިވާ ތަންތަން ކަމަށް ވާންޖެހޭނެއެވެ." ޤަވާއިދުގެ 10 ވަނަ މާއްދާގައި ބުނެފައި ވެއެވެ.

ޤަވާއިދުގެ 11 ވަނަ މާއްދާގައި ވަނީ ބަނގުރާ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ވިއްކަން ވާނީ، އިކޮނޮމިކް މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށެވެ. އަދި އެކަމަށް ހުއްދަ ދެވޭނެ ފަރާތްތައް އެމާއްދާގައި ބަޔާންކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ރިޒޯޓްތަކުގެ ކެފޭ، ރެސްޓޯރަންޓް، ބާރތައް، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ސަފާރީތަކާއި ޔޮޓްތައް، ފަތުރުވެރިންނަށް ޚާއްޞަކޮށް ޚިދުމަތް ދިނުމަށް ހަދާފައި ހުންނަ ޕިކްނިކް އައިލެންޑްތައް ހިންގާ ފަރާތްތައް ހިމެނެއެވެ. އަދި ރާއްޖޭގެ ބައިނަލްއަޤްވާމީ އެއާޕޯޓްތަކުން ފުރާ ބިދޭސީ ޕަސެންޖަރުންނަށް ޚާއްޞަކޮށް ޚިދުމަތް ދިނުމަށް ޑިޕާޗަރ ޓާމިނަލްގައި ހަދައި، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ބާރތަކުގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށާއި ސަރަޙައްދުތައް ފިޔަވައި އެހެން ރަށްރަށާއި ސަރަޙައްދުތަކުގައި، ފަތުރުވެރިންނަށް ޚާއްޞަކޮށް ޚިދުމަތް ދިނުމަށް ހަދާފައި ހުންނަ ހޮޓާތައް ހިމެނޭ ކަމަށް އެޤައވާއިދުގައި ވެއެވެ.

މިޤަވާއިދާ ޚިލާފަށް ރާއްޖެ އަށް މިތަކެތި ގެނެސް ނުވަތަ އިމްޕޯޓްކޮށް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ނުވަތަ ވިއްކާ ހަދައިފި މީހެއް ނުވަތަ ބައެއްގެ އަދަބަކީ 1000 ރުފިޔާ އާއި 5000 ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރީމަނާ ކުރުން ކަމަށް ޤަވާއިދުގެ 21 ވަނަ މާއްދާގައި ބުނެފައި ވެއެވެ. އަދި އެފަދަ ޢަމަލެއް ހިންގި ފަރާތަކީ އިކޮނޮމޮކް މިނިސްޓްރީ އިން ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަންސް، 6 މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހިފެހެއްޓޭނެ ކަމަށް އެ މާއްދާގައި ވެއެވެ.

ޤަވާއިދުގެ 22 ވަނަ މާއްދާގައި ބުނެފައިވަނީ މި ޤަވާއިދު ހަދައި ހިންގާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށެވެ. އަދި މި ޤަވާއިދަށް ޢަމަލުކުރަން ފެއްޓުމާއެކު، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން 15 އޮކްޓޯބަރ 1995 ގައި ނެރެފައިވާ "ބަނގުރަލާއި، އޫރުމަހާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެ އަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމާއި ވިއްކުމުގެ ޤަވާއިދު" ބާޠިލްވީ ކަމަށެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމަށްވާތީ، ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ.

ރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަށް ހުއްދަދީ ސަރުކާރުން ކުރިން ހަދާފައިވާ ގަވާއިދަކީ އިސްލާމްދީނާއި ގާނޫނު އަސާސީއާ ހިލާފު އެއްޗަކަށް ވާތީ، އެ ގަވާއިދު ބާތިލް ކޮށްދިނުމަށް އެދި 11 އޭޕްރީލް 2010 ގައި ހ. ކޮޔާ އިބްރާހީމް ޝަމީމް ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ.

އެ ދައުވާގައި ބުނެފައި ވަނީ ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ވިއްކުމުގެ ހުއްދަ ދީފައިވާ ގަވާއިދަކީ ގާނޫނު އަސާސީގެ އަސްލު މަސްދަރު ކަމަށްވާ އިސްލާމްދީނާ ތައާރަޒްވާ އެއްޗެއް ކަމަށެވެ. އަދި ބަނގުރަލަކީ ކަނޑައެޅިގެން އިސްލާމްދީނުގައި މުޅި އުއްމަތަށް ހަރާމް ކުރައްވާފައިވާ އެއްޗަކަށްވީ ހިނދު އަދި ބަނގުރާ ވިއްކާ މީހާ އާއި ގަންނަ މީހާ އާއި އުފުލާ މީހާ އާއި ވިއްކުމުގެ ހުއްދަ ދޭ މީހާގެ އިތުރުން ބަނގުރަލާއި ގުޅިގެން ދިހަ ފަރާތަކަށް އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވާތީ އިސްލާމް ދީނުގެ ހައިބަތު ދިފާއު ކުރުމުގެ ގޮތުން މުސްލިމުންގެ މައްޗަށް މުސްލިމް ގައުމަކުން ކޮށްގެންނުވާނެ ކަމެއްކަން އިސްލާމްދީނުގެ އަސްލުތަކުން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަށް އެ ދައުވާގައި ވެއެވެ.

އަދި އެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ހުކުމް ކުރަންދެން ގަވާއިދުން ހުއްދަ ދީފައިވާ ކަންކަން ކުރުން މަނާކޮށް އެ ޤަވާއިދަށް އަމަލު ނުކުރުމަށް އެންގުމަށް ވެސް އެ ދައުވާގައި އެދިފައި ވެއެވެ. އެ މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި ރަލުގެ ހުކުމް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ޖަވާބެއް ހުށައަޅާފައިވެ އެވެ. އަދި ރައީސް ނަޝީދުގެ 26 ފެބްރުއަރީ 2010 ގެ ރޭޑިއޯ ހިތާބު ވެސް ދައުވާއާ އެކު ހުށައަޅާފައިވެ އެވެ. އެއީ  ރާއްޖޭގައި ހިންގާފައިވާ ހުރިހާ މާރާމާރީއަކީ ރާބޮއެ މަސްތުވެގެން ހިންގާފައިވާ މާރާމާރީތަކެއް ކަމަށް ރައީސް ނަޝީދު އެހިތާބުގައި ވިދާޅުވެފައިވާތީ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން 2 މެއި 2011 ގައި ބާއްވާފައި ވެއެވެ.

އެ އަޑުއެހުމުގައި ކޮމިޓީގެ އިސްޤާޟީ ޢަބްދުﷲ ޙަމީދު ތަކުރާރުކޮށް އެޤަޥާޢިދަކީ އިސްލާމްދީނާއި ތައާރަޒް ނުވާ އެއްޗެއްތޯ އެއްސެވުމުން ދައުލަތުގެ ވަކީލުން ބުނެފައި ވަނީ ފުށުއަރާކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި އެއީ ޤާނޫނުން ބާރު ލިބިދީގެން ހެދިފައިވާ ޤަޥާޢިދެއްކަމާއި، އެހެންކަމުން ވަޤުތީ އަމުރެއް ނެރުއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައި ދައުލަތުގެ ވަކީލުން ބުނެފައި ވެއެވެ.

ހައިކޯޓުން މި މައްސަލައިގައި މިއަދާ ހަމައަށް ވަކި ގޮތަކަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތެއް ނުލިބެއެވެ.

މިދިޔަ އަހަރު ކުރީކޮޅު ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ޤަވާއިދެއް ހަދާފައެވެ. އެ ހުއްދަ ދިނުމަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށް ސަރުކާރުން އެ ނިންމުން އަނބުރާ  ގެންގޮސްފައި ވަނީ އެކަމާ ދެކޮޅަށް 26 ފެބްރުއަރީ 2010 އެތައްހާސް ބަޔަކު މުޒާހަރާ ކުރުމުންނެވެ.

ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ކުރިން ބޭނުންކުރި އައްޑޫ ސިޓީ ގަމުގެ ދޫގަސް ވަނީ 5 ނޮވެމްބަރ 2011 އިން ފެށިގެން ބަނގުރަލުގެ ހިދުމަތް ލިބޭ ގޮތަށް “ރިސޯޓަކަށް” ހަދާ ހުޅުވާފައެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް “ފަޅު ކުރުމަށް” ސަރުކާރުން ހިންގާ އާދައާއި ޚިލާފް މަޝްރޫޢަކީ ބަނގުރާ ވިއްކުން ހުއްދަ ކުރުމަށް މަގުފަހިކުރުމަށް ހިންގާ ކަމެއް ކަމުގައި ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

ފުވައްމުލަކުގެ އެއާޕޯޓް ހަދާފައިވާ ބިޅިފޭށި ސަރަހައްދާއި އެ ރަށުގެ ސިޓީ ހޮޓާ ހެދުމަށް ކަނޑައެޅި ތޫނޑު ސަރަހައްދަކީ ދެ ފަޅު ރަށް ކަމުގައި ރައީސް ނަޝީދު ވަނީ 2 ސެޕްޓެމްބަރ 2011 ގައި ކަނޑައަޅުއްވައި، ޤަރާރު ކުރައްވާފައެވެ. އަދި އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރ ހުރި ހިސާބާއި އަދި ހަންކެޑެ ސަރަޙައްދަކީ ދެ ފަޅުރަށް ކަމުގައި 29 ނޮވެމްބަރ 2011 ގައި ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

ސަރުކާރުން ގެޒެޓްކޮށްފައިވާ ބަނގުރަލާއި އޫރުމަހުގެ ޤަވާއިދު

ޓެގް

ބަނގުރާ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.