ނުބަލައި ޚުޠުބާ ދެއްވުމުގެ ހުއްދަ ދެއްވާފައިވާ ހުރިހާ ބޭފުޅުންގެ ހުއްދަތައް ބާޠިލް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކުރައްވާގޮތުގައި ނުބަލައި ޚުޠުބާ ދެއްވުމުގެ ހުއްދަ ދެއްވާފައިވާ ހުރިހާ ބޭފުޅުންގެ ހުއްދަތައް ބާޠިލްކޮށްފައިވަނީ 'ވަގުތީ ގޮތުން'ނެވެ. ހުއްދަތައް ބާތިލް ކުރެވުނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެދަށުން ހެދޭ ޤަވާޢިދުގެ ދަށުން އަލުން ހުއްދަ ދިނުމުގެ ގޮތުންކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ހާމަކުރެއެވެ. އެގޮތުން އެޤަވައިދުގެ ދަށުން އެކުލަވާލެވޭ ބޯޑުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ނުބަލައި ޚުޠުބާ ދެއްވުމުގެ ހުއްދަ ދެއްވާފައިވާ އަލުން ދެއްވާނެކަމަށް ހަބަރު ލިބެއެވެ.
ނުބަލައި ޚުޠުބާ ދެއްވުމުގެ ހުއްދަ ވަގުތީގޮތުން ބާތިލް ކުރިނަމަވެސް ޢިލްމުވެރިން ބޭނުންފުޅުވާ ނަމަ އެބޭފުޅަކު ދެއްވަން ބޭނުންފުޅުވާ ޚާއްޞަ ޚުޠުބާއެއްވާނަމަ، އެޚުޠުބާއެއް ލިޔުއްވައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް ހުށައަޅުއްވައި ފާސްކުރައްވައިގެން އެޚުޠުބާއެއް ވިދާޅުވުމުގެ ފުރްޞަތު ދީފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީންގެ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ.
ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު އަދިވެސް ވަނީ ފާސްނުވެއެވެ. ރައްޔިތުންގެ މަޖިލީހުންދަނީ އިސްލާމިކް މިނިސްޓްރީއިން ފޮނުވި ބިލަށް އިސްލާހުތަށް ހުށައަޅަމުންނެވެ. އެގޮތުން އިޞްލާޙު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ރާއްޖޭގެ ބައެއް ޢިލްމުވެރިން ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތައް ހިމެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...