
އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތަކުގެ މައްސަލަ ފުލުހުންނަށް ހުށައެޅުމަށްފަހު ސަލީމް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ - ފޮޓޯ : ސަން އޮންލައިން
ސާކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ ބިނާތަކުގެ މައްސަލަ ބަލައިދިނުމަށް އެދި ޕީޕީއެމް ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ފުލުހުންނަށް ހުށައަޅައިފި އެވެ.
ސަލީމް ހުށަހެޅި މައްސަލައިގައި، އެބުދުތައް އެތެރެ ކޮށްފައިވަނީ ކަސްޓަމްސްގެ ހުއްދައާއެކުގައި ކަމަށް ވުމުން އެކަން ތަޙްޤީޤްކޮށް، ޝަރީޢަތަށް ހުށަހަޅައިދިނުމަށް އެދިފައި ވެއެވެ.
އެ މައްސަލަ ހުށަހެޅުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ތިން ޤާނޫނަކާ ޚިލާފަށް ރާއްޖެއަށް ބުދު އެތެރެކޮށް ބުދު ބަހައްޓާ ފުލުހުން އެ ބުދު ހިމާޔަތް ކުރުމަކީ ޖިނާއީ މައްސަލައެއްކަމުގައި ބެލެވޭތީ އެކަމުގައި ކަސްޓަމްސް އިހުމާލްވެފައިވާ ކަމަށެވެ. ސަލީމް ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށައެޅި ސިޓީ ޕޮރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށާއި ފުލުހުން ބުދު ހިމާޔަތްކުރުމަށް މަސައްކަތް ކޮށްފައިވަތީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މިއަދު ހުށައަޅާނެ ކަމަށެވެ.
މިމައްސލަ ހުށައަޅަން ސަލީމާއެކު ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު ވިދާޅުވީ ރާއްޖެއަށް ބުދު އެތެރެކޮށްފައި ވަނީ ޤާނޫނު އަސާސީއާ ޤާނޫނުތައް ޚިލާފަށް ކަމަށެވެ. އަދި ބުދު ކަހަލަ މަނާ އެއްޗެހި އެތެރެކޮށްގެން ނުވާނެ ކަމަށާއި، އެފަދަ އެއްޗެހި ހިފަހައްޓަން ޖެހޭނެ ކަމަށް ކަސްޓަމްސްގެ މައްޗަށް ލާޒިމްކުރާ ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ބުދުތައް ޙިމާޔަތްކުރުމަށްޓަކައި ފުލުހުންނާއި ސިފައިން މަސައްކަތްކުރި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. އަދި އޭނާ އުއްމީދުކުރައްވަނީ ފުލުހުންގެ އިދާރާ އިން މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި އަދި ޤާނޫނު އަސާސީގެ ޙުރުމަތަށްޓަކައި މި މައްސަލަ ތަޙްޤީޤް ކުރަން ޖެހޭ ވަރަށް ތަޙްޤީޤް ކޮށްފައި، ޕީޖީ އަށް ފޮނުވާނެ ކަމަށް ކަމުގައި އިލްހާމް ވިދާޅުވިއެވެ.
ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ ބިނާގެ މައްސަލަ ބަލައިދިނުމަށް އެދި ޢަދާލަތު ޕާޓީން ވެސް ވަނީ މިހަފްތާގެ ހޯމަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.
ހިތަދޫގައި ބެހެއްޓި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ ބުދުތަކެއް ކަމަށް ސަރުކާރަށް އަންގަވާފައިވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...