ދިއިސްލާމް ބުދުތައް ހިމެނޭ ބިނާގެ މައްސަލަ ޕީޖީ އަށް ހުށަހަޅައިފި

ބުދުތައް ހިމެނޭ ބިނާގެ މައްސަލަ ޕީޖީ އަށް ހުށަހަޅައިފި

ބުދުތައް ހިމެނޭ ބިނާގެ މައްސަލަ ޕީޖީ އަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ ބިނާގެ އެކި ދުވަސްތަކުގެ ފޮޓޯތައް

ސާކް ސަމިޓާ ގުޅިގެން ކަމަށް ބުނެ އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ ބިނާގެ މައްސަލަ ބަލައިދިނުމަށް އެދި ޢަދާލަތު ޕާޓީން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

ޢަދާލަތުން އިއްޔެ ޕީޖީ އަށް ފޮނުވި ސިޓީގައި ވަނީ މި މައްސަލަ ތަޙްޤީޤްކޮށް ކޯޓަށް ހުށަހަޅައިދިނުމަށް ޕީޖީ އަށް އެދިފައެވެ. އަދި މި މައްސަލައާ ގުޅިގެން ޤާނޫނީގޮތުން ކުރެވެންހުރި އެހެނިހެން ކަންކަން ބަލާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޢަދާލަތުން ބުންޏެވެ.

ޢަދާލަތުން މިމައްސަލާގައި ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިސްލާމްދީނާ ޚިލާފް ކަންކަމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ އަޅުކަންކުރާ ތަކެތި ރަމްޒުކޮށްދޭ ބައިތަކެއް ހިމެނޭ އެ ބިނާ ރާއްޖެ އެތެރެކުރުމާއި، ބަހައްޓަން މަސައްކަތްކުރުމާއި، ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، އެތައް ޤާނޫނަކާއި ޤަވާއިދަކާ ޚިލާފަށް ހިންގާފައިވާ ކަންކަން ކަމުގައެވެ.

ހިތަދޫގައި ބެހެއްޓި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ ބުދުތަކެއް ކަމަށް ސަރުކާރަށް އަންގަވާފައިވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.

މިދިޔަ އަންގާރަ ދުވަހު ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތަކާ ދެކޮޅަށް އެރޭ ރައްޔިތުން ނުކުތުމުން ސަރުކާރުން އެ ބުދުތައް އެތަނުން އެރޭ ނެގިއެވެ. ނަމަވެސް ސަރުކާރުން ވަނީ އަނެއް ދުވަހުގެ ފަތިހު އަލުން ބުދުތައް ބަހައްޓާފައެވެ. ބުދުތައް ވައްޓާލައި، އޭގެ މަތީގެ ބައެއް ހަލާކުކޮށްލާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. ނަމަވެސް، ފުލުހުން ވަނީ އޭގެ އިރުކޮޅެއް ފަހުން އެބުދުތައް އަލުން ހަދައި އިހުހުރި ގޮތަށް ބަހައްޓައި، ބުދުތުކަށް އެރޭ ޙިމާޔަތްދީފައެވެ.

ފުލުހުން މީޑިއާ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދެ މީހަކު ހައްޔަރުކުރީ ބުދުތައް ހިމެނޭ ބިނާއަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްޗަކަށްވާތީ އެ ޢަމަލަކީ ސަރުކާރުގެ އެއްޗަކަށް ގެއްލުން ދިނުން ކަމަށްވާތީ އެވެ.

ފުލުހުންގެ މި ބުނުމަށް ރައްދު ދެމުން، ޢަދާލަތުން ބުނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަޥާއިދުތަކާ ޚިލާފަށް އެތެރެކޮށް ރައްކައުތެރިކުރަމުންދާ ބުދުތައް ހިމެނޭ އެ ބިނާ އަކީ ސަރުކާރުގެ "މުދަލަކަށް" ދެކުމަކީ ޢަދާލަތުން ނުހަނު ކަންބޮޑުވެ، އެންމެ ހަރުކަށި ޢިބާރާތުން ދެކޮޅުހަދާ ކަމެއް ކަމަށެވެ.

ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން މިދިޔަ ހުކުރު ދުވަހު ވަނީ 7 ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ދެޒުވާނުން ދޫކޮށްލުމަށް ޢަދާލަތާއި އެހެން ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އިއްޔެ ރޭ ދަންވަރު ބަޔަކު އެ ބިނާގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އޭގެ އެއްފަޅި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އަދި ރޭގެ ވަގުތެއްގައި އެ ބިނާގެ މަތީ ބައި ބަޔަކު ވަނީ ނަގައިގެން ގެންގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.