ދިއިސްލާމް ކުއްލި ޚަބަރު : ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީގައި ބުދުތަކެއް ބަހައްޓައިފި!

ކުއްލި ޚަބަރު : ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީގައި ބުދުތަކެއް ބަހައްޓައިފި!

ކުއްލި ޚަބަރު : ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީގައި ބުދުތަކެއް ބަހައްޓައިފި!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީގެ ހިތަދޫގައި ބެހެއްޓި ބުދު - ފޮޓޯ : ރާއްޖެވިއު

21:00

17 ވަނަ ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ބުދުތަކެއް ބަހައްޓައިފި.

 "ދިއިސްލާމް" އާ ވާހަކަދައްކަމުން ހިތަދޫގައި ހުރި މީހަކު ބުނީ އެ އަވަށު ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ހިތަދޫ ސްކޫލާ ވީ ފަޅީގައި ބުދުތަކެއް ބެހެއްޓުމުން ރައްޔިތުން އެސަރަހައްދަށް އެއްވެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ކަމަށް. އޭނާ ބުނީ މީހުން އެއްވެ އެބުދުގެ މަތީގައި އަޅާފައިވާ ސަތަރި ވީދާލައި ފޮޓޯ ނަގާފައިވާ ކަމަށް. އަދި މިހާރު އެ ބުދުތައް ޙިމާޔަތް ކުރުމަށް ފުލުހުން އެތަނުގައި ތިބި ކަމަށް އޭނާ ބުނި.

"ޕޮލިހުން ހަތަރު ފަރާތުން އެ ޕްރޮޓެކްޓް ކޮށްފަ އަލުން ސަތަރި އަޅާފަ ހުރީ" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެސަރަހައްދަށް ގާތްގަނޑަކަށް 50 މީހުން އެއްވެ ނުރުހުން ފާޅުކުރަމުންދޭ. އެމީހުން ގޮވަމުން ދަނީ އެބުދުތައް ނެގުމުން ނޫނީ އެމީހުން އެސަރަހައްދުން ނުދާނެ ކަމަށް. އަދި ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް އެތަނަށް ގެނައުމަށް ވެސް ގޮވާލަމުންދާ ކަމަށް އޭނާ ބުނި.

އޭނާ ބުނީ ގިނަ ބަޔަކަށް ނޭނގުނު ކަމަށް ވިޔަސް ހިތަދޫގެ އިތުރުން، މަރަދޫ ފޭދޫގެ ބެޑްރޮކް ކައިރީގައި ވެސް ކާފަރުން އަޅުކަންކުރާ ސިންގާގެ ބުދެއް ބަހައްޓާފައިވާ ކަމަށް. އަދި އޭގައި ހުރީ ސަތަރި އަޅާފައި ނޭނގޭ ގޮތަށް ކަމަށް އޭނާ ބުނި.

21:50

ހިތަދޫން މަޢުލޫމާތު ދިން މީހާ ބުނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ހުރި ބުދު ސަރުކާރުން ފޮނުވި ބަޔަކު ވެހިކަލްގައި އައިސް ނަގާފައިވާ ކަމަށް. އެތަނަށް އެއްވި މީހުން ބުނީ ދެން އެއްވެސް ބުދެއް ބަހައްޓައިފިއްޔާ ތަޅައި ތިރިކޮށްލާނެ ކަމަށް.

އެއްވި މީހުން މިހާރު ވަނީ ހިތަދޫ ސްޓޭޑިއަމާ ދިމާއަށް މިސްރާބު ޖަހާފައި. އަދި އެމީހުން ދަނީ އެއްވެސް ސަރަހެއްދެއްގައި ބުދެއް ބަހައްޓާފައިވޭތޯ ބަލައި ޗެކްކުރުމަށްޓަކައި ދަތުރުކުރަމުން.

22:40

ހިތަދޫ އަވަށުގެ އެހެން ސަރަހައްދެއްގައި ބުދެއް ބަހައްޓާފައިވާ ތަން ނުފެނުމާއެކު އެއްވި މީހުން ވަނީ މުޒާހަރާ ނިންމާލަފައި.

*********************

ސާކް ޤައުމުތަކަށް ނިސްބަތްވާ މޮނިއުމަންޓްތަކެއް އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މާދަމާ އިން ފެށިގެން އެ މޮނިއުމަންޓްތައް ރަސްމީކޮށް ހުޅުވަން ފަށާނެ ކަމަށެވެ.

ހިތަދޫގެ އެކި ސަރަހައްދުތަކުގައި 5 މޮނިއުމަންޓް، މަރަދޫގައި 2 މޮނިއުމަންޓް، ފޭދޫގައި 2 މޮނިއުމަންޓް އަދި ހުޅުމީދޫގައި 1 މޮނިއުމަންޓް ބަހައްޓާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި މޮނިއުމަންޓްތަކާ ބެހޭގޮތުން، އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް މީގެ ކުރިން އެމްއެންބީސީ ވަން ގެ ޚަބަރަށް ވިދާޅުވެފައިވަނީ އެއްވެސް ލާދީނީ އެއްޗެއް އަދި ބުދެއް ނުބަހައްޓާނެ ކަމަށެވެ.

ޞާދިޤް މިރޭ "ހަވީރު" ނޫހަށް ވިދާޅުވީ ސާކް ސަމިޓާ ދިމާކޮށް ޕާކިސްތާނުން ބެހެއްޓި އެ މޮނިއުމަންޓް މިރޭ ނެގި ނަމަވެސް އަދި ފަހުން އެ ބަހައްޓާނެ ކަމަށެވެ.

"ކޮންމެ ގައުމަކުން ވެސް ދޭ މޮނިއުމަންޓެއް މި ބަހައްޓަނީ. އެހެންވީމަ އެ ގައުމެއްގެ ރުހުމެއް ނެތި އަޅުގަނޑުމެން މޮނިއުމަންޓެއް ބަދަލެއް ނުކުރާނެ. ދެން ބަޔަކު މައްސަލަ ޖައްސަންޏާ އެކަން ރަނގަޅު ކޮށްފައި އަޅުގަނޑުމެން މޮނިއުމަންޓް ބަހައްޓާނީ. އެހެން ނަމަވެސް އެ ގައުމެއްގެ ރުހުން ނެތި އަޅުގަނޑުމެން އެކަމެއް ނުކުރާނަން،" ޞާދިޤް އެނޫހަށް ވިދާޅުވި އެވެ.

އެ މޮނިއުމަންޓްގައި ކަނޑާނަގާފައި ހަދާފައި ހުރި ބުދުތަކާމެދު އެއީ ބުދުތަކަށް ވާނެތޯ ޞާދިޤް ވަނީ ސުވާލު އުފައްދަވާފައެވެ.

"ފުރަތަމަ ކަނޑައަޅަންވީ ކުރެހުމެއް ބުދަކަށް ވާނެތޯ؟ އެ މޮނިއުމަންޓުގައި ހުރި ފޮތެއްގެ ސިފަ ވެސް ފެންނަން. ހަނދުފަޅިއެއް ހުންނާނެ. ހަނދުފަޅި ރަމްޒުކޮށްދެނީ އިސްލާމްދީން. ވެދާނެ ނޫންތޯ އެ މޮނިއުމަންޓުން ދައްކަނީ ބުދު ދީނުގައި ތިބި ބަޔަކު އިސްލާމްދީނަށް ބަދަލުވި ވާހަކަ ކަމަށް ވެސް؟" ޞާދިޤް ވިދާޅުވިއެވެ.

އެ މޮނިއުމަންޓްގެ މަތީގައި ހުރި ބޮޑު ބުދުން ދައްކުވަނީ ޕާކިސްތާނަށް މިނިވަންކަން ހޯއްދަވައިދެއްވި މުހައްމަދު އަލީ ޖިނާހުގެ ބުދު ކަމަށް ވެއެވެ. އަދި ތިރީގައި ކާފަރުން އަޅުކަންކުރާ ތަފާތު ވައްތަރުގެ ބުދުތައް ހަދާފައިވެއެވެ.

ހިތަދޫގައި ބެހެއްޓި ބުދު - ފޮޓޯ : ރާއްޖެވިއު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.