ދިއިސްލާމް ކުއްލިއްޔާގެ ދަރިވަރަށް މޫނު ބުރުގާ އަޅައިގެން ކިޔަވަން އައުން މަނާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

ކުއްލިއްޔާގެ ދަރިވަރަށް މޫނު ބުރުގާ އަޅައިގެން ކިޔަވަން އައުން މަނާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

ކުއްލިއްޔާގެ ދަރިވަރަށް މޫނު ބުރުގާ އަޅައިގެން ކިޔަވަން އައުން މަނާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ – ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް

ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން ޝަރީއަތާއި ޤާނޫނުގެ ކޯސް ހަދަމުންދާ ގއ. ދާންދޫ، ބީޗްވިލާ، މެހެނާޒް ޙުސައިން އަށް މޫނު ބުރުގާ ނަގައިގެން ކިޔަވަން އައުމަށް އަންގާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މެހެނާޒް ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ މޫނުބުރުގާ އަޅައިގެން ކިޔަވަން ދިއުމަކީ ދީނީ އަދި ޤާނޫނީ ހަމަތަކުގެ މަތިން މަނާކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

މެހެނާޒްގެ ކޯސް ސްޕޮންސާކޮށްފައިވާ މީނާޒް ލޯ ފާމުން މީޑިއާ އަށް ހާމަކޮށްފައި ވާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ކޯޓަށް ވައްދާފައިވާ  އެ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވަނީ  މިއަދު އެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ކުއްލިއްޔާގެ ޤަވާއިދުގައި މޫނުބުރުގާ އެޅުމަށް ހުރަސްއެޅޭ ފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށާއި، އެކަމަކީ ޤާނޫނު އަސާސީގައި ވެސް މަނާކޮށްފައިވާ ކަމެއް ވެސް ނޫންކަމަށެވެ. އެހެން ކަމުން އެކަމަކީ މަނާކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން އެދައުވާގައި ވަނީ މެހެނާޒް އެ ކޯހަށް ކުރިމަތިލީ މޫނު ބުރުގާ އަޅައިގެން ކިޔަވަން އައުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުއްލިއްޔާ އިން ބުނުމުން ކަމަށާއި، ކޯހަށް ހޮވުމުގެ އިންޓަވިއުގެ ތެރޭގައި ވެސް އެ ކަމާ ބެހޭ ގޮތުން ކުއްލިއްޔާގެ އިސް ވެރިންނާ މަޝްވަރާކުރުމުން، މޫނު ބުރުގާ އަޅައިގެން ކިޔަވަން އައުމަކީ މައްސަލައެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނަ ކޯހަށް ހޮވިގެން  20 ސެޕްޓެމްބަރު 2011  އާ ހަމައަށް، ހަތަރު މަސްދުވަސް ވަންދެން ކިޔަވަން ގޮސްފައިވަނީ މޫނު ބުރުގާ އަޅައިގެން ކަމަށެވެ.

އެކަމަކު، އެ ދުވަހުން ފެށިގެން އެކަން މަނާކޮށްފައިވާ ކަމަށާއި، އެކަން މަނާކުރީ، ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ކަމަށް އެ ދައުވާގައި ބުނެއެވެ. އެގޮތުން 21 ސެޕްޓެމްބަރ 2011 ން ފެށިގެން "ކުއްލިއްޔާގެ ގޭޓުން އެތެރެވާންޖެހޭނީ މޫނުބުރުގާ ނަގައިގެން" ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވެ އިންޒާރު ކުރައްވާފައިވާ ކަމަށެވެ.

މެހެނާޒްގެ ޤާނޫނީ ވަކީލު އަދި އޭނާގެ ފިރިކަލުން ޒުންނަވާރު ސަލީމް މީޑިއާ އަށް ހާމަކޮށްފައިވާ ގޮތުގައި ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅީ، އެ ކަމާ ބެހޭ ގޮތުން ގޮތެއް ނިންމަން ކޯޓަށް ދިއުމަށް، ޑރ. ޒަކަރިއްޔާ ވެސް ވިދާޅުވެފައިވާތީ ކަމަށެވެ. މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުމަށް  ކުއްލިއްޔާ އިން މަނާކޮށްފައި ވިޔަސް، މެހެނާޒް މިހާރު ވެސް ކުއްލިއްޔާ އަށް ކިޔަވަން ދަނީ މޫނުބުރުގާ އަޅައިގެން ކަމަށް ޒުންނަވާރު ވިދާޅުވެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ކުއްލިއްޔާ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ތަނަކަށް ވާތީ، އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުޙައްމަދު އާއި ބައްދަލުކުރެއްވުމުން، ކުއްލިއްޔާގައި މޫނު ބުރުގާ އަޅައިގެން ކިޔެވުން މަނާކޮށްފައިނުވާނެ ކަމަށް ޝިފާ ވެސް ވިދާޅުވެފައިވާ ކަމަށެވެ.

މެހެނާޒް ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ބައެއް މަދަނީ ޖަމްޢިއްޔާތަކުން ވެސް ދަނީ އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކޮށް އެމައްސަލަ އަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަމުންނެވެ.

ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ 21 ސެޕްޓެމްބަރ 2011 ގައި  މީޑިއާ އަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ ކުއްލިއްޔާ ގައި ކިޔަވަމުން އަންނަ ދަރިވަރަކު މޫނުބުރުގާ އަޅައިގެން އަންނަކަން އެބޭފުޅާ އަށް އެނގުނީ ވަރަށް ފަހުން ކަމަށާއި، މޫނުބުރުގާ އަޅައިގެން އަންނަ ދަރިވަރު މޫނުބުރުގާ ނަގައިގެން އައުމަށް "ނަސޭހަތްތެރިވެފައި ވާނެ" ކަމަށެވެ.  އަދި އަންނަ 2012 ވަނަ އަހަރުން ފެށިގެން އެކަމާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ކުއްލިއްޔާގެ ޤަވާއިދު ތަންފީޛް ކުރާނެ ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން ޑރ. ޒަކަރިއްޔާ ވިދާޅުވެފައި ވަނީ ކުއްލިއްޔާގެ ދަރިވަރުންގެ ޑްރެސް ކޯޑަކީ ސިވިލް ސާވިސް ކޮމިޝަނުން ހުއްދަ ކުރާ ޤަވާއިދާއި އުސޫލު ކަމަށެވެ.

ކުއްލިއްޔާ އަށް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދަނީ އެންމެ ދަރިވަރަކެވެ. ކުއްލިއްޔާ އަށް ކިޔަވަންދާ ބައެއް އަންހެން ދަރިވަރުން ދީނީ މިންގަނޑުތަކަށް ނުފެތޭ ގަޔަށް ބާރު ކުރު ހެދުން ލައިގެން ކިޔަވަން ދާ ކަމަށާއި، އެކަމާމެދު އެތަނުގެ ވެރިން ފިޔަވަޅެއް އަޅަމުން ނުދާ ކަމަށް އެތަނުގެ ބައެއް ދަރިވަރުން ދަނީ ބުނަމުންނެވެ.

ޓެގް

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ކުއްލިއްޔާ މޫނު ބުރުގާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.