ކޮލަމިސްޓް ރަޙުމަތުގެ ވާރޭ

ރަޙުމަތުގެ ވާރޭ

ރަޙުމަތުގެ ވާރޭ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ހަނަފަސްކަމުގައި އެތަށް ޒަމާނެއް ފާއިތުވެ ދިއުމަށްފަހު ބޯކޮށް ވާރޭ ވެހޭ ދުވަހެއް ކުޑަ ހިނދުކޮޅަކަށް ތަޞައްވަރުކޮށްލާށެވެ! ވާރޭ ފެންތިކިތަކުން ބިންގަނޑު ތެންމަމުން ދާ މަންޒަރެވެ. ގަދަ ހޫނުގެ ސަބަބުން މިލާ މޯޅިވެފައިވާ ގަސްތަކުގެ ފަތްތަކަށް އާރޯކަން ގެނެސްދެމުންދާތަނެވެ. ވާރޭ ވެހޭތަން ބަލަން ތިބާ ތިޔަހުރީ ގެއެއްގެ އެތެރޭގައިކަމުގައި ހީކޮށްލާށެވެ!

އެވަގުތު ތިބާ ކަންތައްކުރާނޭގޮތް ޚިޔާލަށް ގެންނާށެވެ! އެގަޑީގައި ތިބާގެ އަވަށްޓެރިންގެ ކަންކަން ހުންނާނީ ކިހިނެއްހެއްޔެވެ؟ މަގުމައްޗަށް ނިކުމެ ތެމިގެން ނަމަވެސް ފެން ނެގޭތޯ ނުބަލާނަން ހެއްޔެވެ؟ ތާނގީ ތަކާއި ހަންތަކަށް ފެން އަޅާ ރައްކާކުރުމުގެ މަސައްކަތުގައި އަވަދިނެތި ނޫޅޭނަންހެއްޔެވެ؟ ތިބާ ވާރެޔާއި ތެމި ފޯވެގެން އެހާ ބުރަ މަސައްކަތެއް ކުރުމުގެ މަޤްޞަދަކީ ކޮބާހެއްޔެވެ؟ އެއީ ފެނަކީ އަހަރުމެންނަށް އެއާއި ނުލާ ދިރިނުހުރެވޭހާ އަގުބޮޑު އެއްޗަކަށް ވާތީނޫންހެއްޔެވެ؟ އަދި ވާރޭ ފެނަކީ މާތްﷲ އަހަރުމެންގެ މައްޗަށް ވެއްސަވާހިނދު މެނުވީ ނުލިބޭ ތަދު އެއްޗަކަށް ވާތީނޫންހެއްޔެވެ؟

ވެހެމުން އެދާ ވާރެއަކީ މާއްދީ ގޮތުން އަގު ނުކުރެވޭ ފަދަ އެއްޗެއްކަމުގައި ހީކޮށްލާށެވެ! އެއީ ފެނުގެ ވާރޭއެއްނޫނެވެ. ނަމަވެސް ﷲސުބަޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން ވެއްސަވާ، އެކަލާނގެ ދީލަތި ރަޙްމަތްފުޅެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުން ދޭހަވާ ފަދައިން ރަމަޟާން މަސް ބައްދަލުކޮށްފި ނަމަ މާތްﷲގެ ރަޙުމަތްފުޅު އަހަރުމެންގެ ވަށައިގެން ލައްވަވައިފިއެވެ. އެރަޙުމަތްފުޅާއި އެކު އެކަލާނގެ އަހަރުމެންގެ ފާފަތައް ފުއްސަވާ، ދުޢާތައް އިޖާބަކުރައްވައެވެ. ބަދުނަސީބު މީހަކީ މިމައްސަރުގައި ﷲގެ ރަޙްމަތްފުޅުން އެއްކިބާވެގެންވާ މީހާއެވެ.

މިމައްސަރަކީ މުއުމިނުން ނަރަކައިން މުއްތިކުރެއްވިގެންވާ، ޝައިތާނުންގެ ކިބައިން ރައްކާތެރިކުރެއްވިގެންވާ، އަދި ފާފަތަކުން ތާހިރުކުރެއްވިގެންވާ މައްސަރެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. "އީމާންތެރިކަމާއި އިޚްލާސްތެރިކަމާއި އެކު މާތްﷲ ގެ ދަރުމަ އާއި ޘަވާބަށް އެދި ރަމަޟާންމަހުގެ ރޯދަ ހިފައިފިމީހާގެ އިސްވެ ދިޔަހާ ފާފަތައް އެކަލާނގެ ފުއްސަވާދެއްވާނެތެވެ." އަދި ވެސް އެކަލޭގެފާނު  ޙަދީޘްކުރައްވާފައިވެއެވެ. "ރަމަޟާން މަސް ފެށުމާއި އެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަނދުކުރެއްވިގެންދެއެވެ. އަދި ޝައިތާނުން ކަސްތޮޅު އެޅުވިގެންވެއެވެ."(އަލް ބުޚާރީ)

މިމައްސަރަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދްރި ވިލޭރޭ އެމައްސަރެއްގައި ބައްދަލްކުރާ މަހެވެ. މާތްﷲ ވަޙީކުރެއްވިއެވެ."إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ‌" މާނައީ، "ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."(97:1-5).   ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް އުންމަތަށް އުނގަންނަވައިދެއްވާފައިވާގޮތުގައި އެމަހަކީ ނަރަކައިން މުއްތިކުރެއްވިގެންވާ މައްސަރެވެ. އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އެންމެ މަދުވެގެން 70ގުނައަށް އިތުރުކުރެއްވިގެންވެއެވެ. އަދި ފާފަތަކުން ނަފްސު ތާހިރުވުމުގެ އިޚްތިޔާރުލިބިގެންވެއެވެ. އެހެންކަމަށް ވީހިނދު، ރަޙުމަތުން ފުރިގެންވާ މިވާރޭގެ ތެރޭގައި، މާތްﷲގެ ރަޙްމަތްފުޅު ހޯދުމުން އެއްކިބާވެގެން ވުމަށްވުރެ ބޮޑު ބަދުނަސީބެއް ވާނެތޯއެވެ؟

ބަރަކާތުން ފުރިގެންވާ މިމައްސަރުގައި ﷲގެ ރަޙުމަތްފުޅު މެދުކެނޑުމެއްނެތި ލިބެމުން ދާއިރު، މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ އެފަދަ އެހެން އެއްވެސް ދުވަހަކަށް އިރުނާރާހާ ހެޔޮކަން ބޮޑު ދުވަސްތަކެކެވެ. ޢާއިޝަތުގެފާނު ރިވާކުރައްވާފައިވާގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފެށުމާއި އެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޅުކަންކުރެއްވުމުގައި އިތުރު ހިތްވަރުފުޅެއްލައްވާ މަސައްކަތްކުރައްވައެވެ. އަދި މުޅި ރޭގަނޑު އެއްކޮށް އަޅުކަމުގައި ހޭދަކުރައްވާ، އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުންނަށް ނަމާދަށް ގޮވާލައްވައެވެ. (އަލް ބުޚާރީ)

އެންމެ ފުރިހަމަ ގޮތުގައި މިމަހުގެ ފައިދާ އަހަރުމެންނަށް ލިބިގަނެވޭނީ ކިހިނެއްކަމާއި މެދު ވިސްނާލަމާހެއްޔެވެ؟ މިގޮތުން ޚާއްޞަކޮށް ފަހުދިހައިގެ ޘަވާބު ލިބިގަތުމަށްޓަކައި ތަބާވާނޭ ބައެއް ކަންކަން ތިރީގައި ބަޔާންކޮށްލާނަމެވެ.

ދުނިޔަވީ އެދުންތަކާއި ދުރުހެލިވެ، ﷲތަޢާލާ އާއި އެކު އެކަހެރިކޮށް ބައްދަލްކުރުމަށްޓަކައި ވަޤުތުކޮޅެއް ކަނޑައަޅާށެވެ!

ކޮންމެ ރެއެއްގެ ހާރުކެއުމުގެ ކުރިން، ނުވަތަ ހާރުކެއުމަށްފަހުގައި، އެކަލާނގެ ޙަޟުރަތާއި ކުއްތަންވުމަށް ތައްޔާރުވާށެވެ! މިވަޤުތުކޮޅަކީ މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއި އެކު އެކަލާނގެއަށް ނަމާދުކޮށް، ދުޢާ ދެންނެވުމުގައި، ނުވަތަ ޤުރުއާންކިޔެވުމުގައި ހޭދަކުރާ ވަޤުތެއްކަމުގައި ހަދާށެވެ! އެކަލާނގެ ކިބަފުޅާއި ބައްދަލްކުރުމަށްޓަކައި މިއަށްވުރެ އެކަށޭނަ ވަޤުތެއްނުވާކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިބަސްފުޅުން ހާމަވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. "ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ފާއިތުވެދިއުމުން ﷲސުބަޙާނަހޫ ވަތަޢާލާ ދުނިޔޭގެ ބިމަށް ތަޖައްލީވެ ވޮޑިގަންނަވެއެވެ. އަދި ސުވާލުކުރައްވައެވެ. ތިމަންރަސްކަލާނގެ އަށް ދުޢާ ދަންނަވާ އެއްވެސް އަޅަކު އެބަހުރިހެއްޔެވެ؟ ތިމަންރަސްކަލާނގެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. އެއްވެސް ކަމަކަށް އެދި ތިމަން ރަސްކަލާނގެ ޙަޟްރަތުގައި އާދޭސް ދަންނަވާ މީހަކު އެބަހުރި ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެމީހެއްގެ އެދުން ފުއްދަވާދެއްވާހުށީމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވާ މީހަކު އެބަހުރިހެއްޔެވެ؟ ތިމަންރަސްކަލާނގެ އެމީހެއްގެ ފާފަ ފުއްސަވާދެއްވާހުށީމެވެ."(އަލް ބުޚާރީ އަދި މުސްލިމް)

ނަފްސު މުރާޖަޢާކުރުމަށްޓަކައި ވަޤުތެއް ހަމަޖައްސާށެވެ!

ކިތަންމެ ބުރަކޮށް އުޅުން ނަމަވެސް ދުވަހުގެ މަސައްކަތް ހުއްޓާ އަރާމުކުރާނޭ ވަޤުތު އަހަރުމެން ހޯދަމުއެވެ. އެހެންކަމަށް ވީހިނދު، ދިރިއުޅުމާއި މެދު ވިސްނާލާނޭ ކުޑަ ހިނދުކޮޅެއް ހޯދާ ނުލެވޭނީ ކީއްވެހެއްޔެވެ؟ ދުވަހުގެ ތާވަލުގެ ތެރެއިން ކުޑަ ވަޤުތުކޮޅެއް ހޯދާ،

ތިބާގެ މިހާރުގެ މަޤާމާއި އަމާޒާއި މެދު ވިސްނާލާށެވެ! ވަށައިގެންވާ ވެއްޓާއި މެދު ސިކުނޑި ހިންގާލާ، ދިރިއުޅުމުގެ ޙަޤީޤަތާއި، މަރާއި، ޚާލިޤްވަންތަ ﷲއާއި ބައްދަލްވުމާއި މެދު ފިކުރުކޮށްލާށެވެ! ރޭގަނޑުގެ ދަންވަރު ފަދަ ހަމަހިމޭން ވަޤުތެއް މިކަމަށްޓަކައި އިޚްތިޔާރުކުރާށެވެ!

ﷲގެ ޙަޟުރަތަށް ދަތުރެއްކުރާށެވެ!

އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުމެ ހިނދުކޮޅަކަށް ނަމަވެސް އެކަހެރިވެ، ދުރަށް ޖެހިލުމަށް ބޭނުންވެއެވެ. މިގޮތުން ތިބާގެ މިތުރެއްގެ ގޮތުގައި ﷲސުބަޙާނަހޫ ވަތަޢާލާ އާއި އެކު އެކަހެރިވެލުމަށްވާ ރަނގަޅު ފުރުސަތެއްކަމުގައި ރަމަޟާން މަސް ޤަބޫލުކުރާށެވެ!  ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އިޢްތިކާފްގައި އިންނަވަމުން ޙަދީޘްކުރައްވައެވެ. "ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ލައިލަތުލް ޤަދްރިވިލޭރެއަށް އިންތިޒާރުކުރާށެވެ!"(އަލް ބުޚާރީ)

ހެޔޮކަމުގެ ރޭ ގެއްލިގެން ދިޔަ ނުދޭށެވެ!

އެއީ އިންސާނެއްގެ ޢުމުރުދުވަހަށްވުރެ (1000މައްސަރު ނުވަތަ 83އަހަރަށްވުރެ) ހެޔޮކަމުގެ މީޒާނުގައި ބަރުވެގެންވާ ލައިލަތުލް ޤަދްރިވިލޭރެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "ލައިލަތުލް ޤަދްރި ވިލޭރޭގައި އީމާންތެރިކަމާއި އެކު، އެރޭގެ ހެޔޮކަމަށް އެދި ﷲގެ ޙަޟުރަތުގައި ކުއްތައްވެހުރެއްޖެ މީހާގެ އިސްވެ ދިޔަހާ ފާފަތަށް ފުއްސަވާހުއްޓެވެ!" (އަލްބުޚާރީ އަދި މުސްލިމް)

ﷲރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމްގެ އަރިހުގައި ތިމަންކަމަނާ ސުވާލުދެންނެވީމުއެވެ. "އޭﷲގެ ރަސޫލާއެވެ! ލައިލަތުލް ޤަދްރި ވިލޭރެއާއި ބައްދަލުވެއްޖެ ނަމަ ތިމަން ކަމަނާ އެރޭގައި ވިދާޅުވާނީ ކޮން ދުޢާއެއްތޯއެވެ؟" އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ވިދާޅުވާށެވެ! "اللهم إنك عفو تحب العفو فاعف عني" މާނައީ، "ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ފާފަފުއްސެވުމަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ ތިމަންކަމަނާގެ ފާފަ ފުއްސަވާނދޭވެ!" ( އަޙްމަދު، އިބްން މާޖާ، އައްތިރްމިޛީ)

ޓެގް

ވާރޭ އިޢްތިކާފް އަޅުކަން ރަޙްމަތް ރަމަޟާން މަސް ރޫޙާނިއްޔަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.