ރާއްޖޭގެ ޚަބަރު ބައިނަލްއަޤްޥާމީ ކޯޓުތަކުގައި ރާއްޖެއިން ބައިވެރިވާން ނިންމުމީ ޣައިރު ދީންތަކާއި ހުރިހާ ބާވަތެއްގެ ފަސާދައެއް ވެއްދުމަށް ހުޅުވާލި މަގެއް : ޖަމްޢިއްޔަތުއްސަލަފްގެ ރައީސް

ބައިނަލްއަޤްޥާމީ ކޯޓުތަކުގައި ރާއްޖެއިން ބައިވެރިވާން ނިންމުމީ ޣައިރު ދީންތަކާއި ހުރިހާ ބާވަތެއްގެ ފަސާދައެއް ވެއްދުމަށް ހުޅުވާލި މަގެއް : ޖަމްޢިއްޔަތުއްސަލަފްގެ ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ފަރުމާ ކުރެވިފައިވަނީ އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތް ކުރާގޮތަށް ކަމަށްވީއިރު ބައިނަލްއަޤްޥާމީ ކޯޓުތަކުގައި އެއްވެސް ޝަރުޢީ ޙައްދެއް، އިސްލާމީ އިސްތިޘްނާއެއް ނެތި ރާއްޖެއިން ބައިވެރިވާން ނިންމުމީ ދިވެހި ރާއްޖެއަށް ޣައިރު ދީންތަކާއި ހުރިހާ ބާވަތެއްގެ ފަސާދައެއް ވެއްދުމަށް ހުޅުވާލި މަގެއް ކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިސްލާމް އޮންލައިން ނޫހަށް މިއަދު ޝައިޚް ދެއްވާފައިވާ އިންޓަވުއެއްގައި ވިދާޅުވެފައި ވަނީ ވަކި ދީނަކަށް އުޅެމުން ނުދާ ތިމާމެންނަށް އެއިރަކު ފެންނަ ރަނގަޅު ގޮތަކީ ޤާނޫނު ކަމުގައި ހަދައިގެން އުޅޭ އަޚްލާޤީގޮތުން ހަމައެއް ލަމައެއްނެތް، ޢަބުރުވެރިކަމެއް ވެސް ނޯންނަ ބައެއްގެ ދުސްތޫރުގެ މައްޗަށް އިސްލާމީ ޤައުމަކުން އިސްލާމުންގެ ޙުކުމް ހުށައެޅުމަށް ރުހި ބައިވެރިވުމަކީ ﷲ ގެ ޙުކުމް ދޫކޮށް ޠާޣޫތުގެ (ﷲ ފިޔަވައި އެހެން ފަރާތްތަކުގެ) ޙުކުމަށް މީސްތަކުންގެ ޙުކުމް ހުށައެޅުން ކަމަށެވެ. އަދި ޙާކިމުލް މުޠްލަޤް އަކީ އިންސާނުން ކަމުގައި ހެދުން ކަމަށާއި އެއީ އިންސާނުން ކުރެ ވެސް އެންމެ ގޮތްކުޑަ، ވިޔާނުދާ މީސްތަކުން ދިރިއުޅެމުން ގެންދާ މުޖްތަމަޢު ތަކުން ކަމަށެވެ.

"ޝައްކެއްނެތް މިއީ ކުރިމަގުގައި ރާއްޖެއަށް ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ޢަލާމާތެއް. އަދި މިއީ ޣައިރުދީންތަކަށް ރާއްޖޭގައި ޙިމާޔަތް ދިނުމަށްހެދި ވިއްސާރައެއް" ޝައިޚް ވިދާޅުވެފައި ވެއެވެ.

ބައިނަލް އަޤްވާމީ ޖިނާއީ ކޯޓު (ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހު 14 ވަނަ ދުވަހު އެވެ. އެމައްސަލަ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ބަހުސް ކުރުމަށްފަހު އެ ކޯޓުގައި ބައިވެރި ވުމަށް ފެންނަ ކަމަށް އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގައި އެދުވަހު އޮތް ޖަލްސާއަށް ރިޕޯޓް ހުށަހެޅުމާއެކު ކޯޓުގައި ބައިވެރިވުމަށް މަޖިލީހަށް ފެނޭތޯ ވޯޓަށް އެއްސެވިއެވެ. އެވަޤުތު ޖަލްސާގައި ތިއްބެވި 68 މެމްބަރުންގެ ތެރެއިން 61 މެމްބަރުން އެކަމަށް ތާޢީދު ކުރައްވާ ވޯޓު ދެއްވާފައި ވެއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 3 މެމްބަރުންނެވެ.

ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ އަބުދުﷲ ޔާމީން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓެއް އޮތުމުގެ އެންމެ ބޮޑު ސަބަބެއްކަމަށް އެ ކޯޓުގައި ބައިވެރިވެފައިވާ ޤައުމުތަކުން ދެކެނީ، ޤައުމުތަކުގެ ކޯޓުތަކުގެ އިހްތިސާސުން ބޭރުގައި ހިނގާ، ބައިނަލްއަޤްވާމީ ކަންބޮޑުވުންތައް ހިމެނޭ ކަންކަން އެ ކޯޓަކުން ބެލެންޖެހޭނެ ކަމަށް ދުށުން ކަމަށެވެ. އަދި އެ ކޯޓުން ބަލަނީ އެންމެ ބޮޑެތި ޖަރީމާތައް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ޤަތުލު އާއްމުތައް، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ކުށްތައް، ހަނގުރާމައިގެ ޖަރީމާތައް، އެކި ޤައުމުތަކަށްދޭ އުދުވާނީ ހަމަލާތައް ފަދަ ކަންތައްތައް ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީން ވިދާޅުވެފައި ވަނީ އެކަމުގައި ބައިވެރި ވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކެއް އޮންނާނެ ކަމަށާއި، އެގޮތުން ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި އިންސާނީ ޙައްޤުތަކާބެހޭ ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ.

ޓެގް

ޖަރީމާ އިންސާފް ބައިނަލްއަޤްޗާމީ ކޯޓް ޖަމްޢިއްޔަތުއްސަލަފް ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.