ރާއްޖޭގެ ޚަބަރު ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (3ވަނަ ބައި)

ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (3ވަނަ ބައި)

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޑރ. މަޢުރޫފް ޙުސޭން / އެމް.އެސް، އީ.އެން.ޓީ

އޮނަވިހި ޢަދަދުގެ މައްޗަށް ބިނާކޮށް ޓަސްކަނީން ހިންގާފައިވާ ޖަރީމާތައް:
19 އިގެ ގެއްލޭ ބަހާ ތަކެއް ކީރިތި ޤުރުއާނުގައި ހިސާބަކަށް ވާކަމީ ޙަގީގަތެކެވެ. މިސާލަކަށް ސޫރަތް ތަކުގެ ޢަދަދު ކަމުގައިވާ 114 އަކީ  19 އިގެ 6 ގުނައެވެ. އަދިވެސް މިފަދަ އެތައް ޢަދަދު ތަކެއް ވާކަމުގައި ވެއެވެ. ނަމަވެސް ޤުރުއާނުން އެކި އެކި ޢަދަދު ތައް ނެރެ އެއްކޮށް ކަނޑާ ގުނަކޮށް ގެއްލާ ހެދުމުގައި ރަޝާދު ޚަލީފާ ވަރަށް ބޮޑަށް މަކަރު ހަދާފައި ވެއެވެ. ޓަސްކަނީން މި 19 އެއްގައި ހިފީ ނަރަކައިގެ އަހުލު ވެރިންގެ މައްޗަށް ވަރުގަދަ ޒަބާނިއްޔަ މަލާއިކަތުންގެ 19 ބޭކަލުން ލައްވާފައިވާ ކަމުގައި ސޫރަތުލް މުއްދައްޘިރު ގެ 30 ވަނަ އާޔަތުގައި އޮންނަ ވަހީބަސްފުޅަށް ނިސްބަތް ކޮށް އެ 19 ޔަކީ ހަގީގަތުގައި ޤުރުއާނުގެ މައްޗަށް ފާރަވެރިވުމަށް ލައްވާފައިވާ 19 އިގެ ކޯޑެއް ކަމުގައި ދަޢުވާ ކުރަމުންނެވެ. ޢަދަދު ތައް އޭނާގެ އެޖެންޑާ ފުރިހަމަވާނެހެން ފެއްތުމަށްތަކައި ރަޝާދު ޚަލީފާ ހިންގާފައިވާ ޖަރީމާގެ އެންމެ މިސާލެއް ލިޔެލާނަމެވެ.
ސޫރަތުލް ބަޤަރާގެ 30 ވަނަ އާޔަތުގެ ތަރުޖަމާ ޢަބްދުﷲ ޔޫސުފު ޢަލީގެ އިގިރޭސި ތަރުޖަމާގައި ވަނީ އަންނަނިވި ފަދައިންނެވެ.
(YUSUF ALI -- 2:30)   Behold, thy Lord said to the angels: "I will create a vicegerent on earth." They said: "Wilt Thou place therein one who will make mischief therein and shed blood?- whilst we do celebrate Thy praises and glorify Thy holy (name)?" He said: "I know what ye know not."
" އިނބަގެ ވެރި ރަސްކަލާނގެ މަލާއިކަތުންނަށް ބަސްވަޙީކުރެއްވި އިރު ހަދުމަ ކުރައްވާށެވެ. ތިމަންﷲ ބިންމަތީގައި ޚަލީފާ އެއް އެބަ ލައްވަމެވެ......"
ހަމަ މިއާޔަތް ރަޝާދު ޚަލީފާ ތަރުޖަމާ ކޮށްފައިވަނި މިފަދައިންނެވެ.
(RASHAD KHALIFA -- 2:30) Recall that your Lord said to the angels, "I am placing a representative (a temporary god) on Earth." They said, "Will You place therein one who will spread evil therein and shed blood, while we sing Your praises, glorify You, and uphold Your absolute authority?" He said, "I know what you do not know."
" އިނބަގެ ވެރި ރަސްކަލާނގެ މަލާއިކަތުންނަށް ބަސްވަޙީކުރެއްވި އިރު ހަދުމަ ކުރައްވާށެވެ. ތިމަންﷲ ބިންމަތީގައި މަންދޫބެއް (ވަގުތީ އިލާހެއް) އެބަ ލައްވަމެވެ......"
މިގޮތަށް އެއާޔަތް "ތަރުޖަމާކޮށްފައި" އިތުރު ތަފްސިލެއްގެ ގޮތުގައި ރަޝާދު ޚަލީފާ ލިޔެފައި ވެއެވެ.
[The word "Rashad" occurs in 40:29 & 38. The word "Khalifa" occurs in 2:30 and 38:26. The first "Khalifa", namely, Satan, while the second occurence (Sura 38), refers to a human "Khalifa". If we add the numbers of suras and verses of "Rashad" (40:29,38) and "Khalifa" (38:26) we get 40+29+38+38+26=171=19x9]
)" ޤުރުއާނުގައި "ރަޝާދު" މިބަސް އައިސްފައިވަނީ 40 ވަނަ ސޫރަތުގެ 29 އަދި 38 ވަނަ އާޔަތުގައެވެ. އަދި "ޚަލީފާ" މިބަސް އައިސްފައިވަނީ 2 ވަނަ ސޫރަތުގެ 30 ވަނަ އާޔަތުގައްޔާއި އަދި 38 ވަނަ ސޫރަތުގެ 26 ވަނަ އާޔަތުގައެވެ. ނަމަވެސް މިތަނުން ފުރަތަމަޔަށް ބަޤަރާ ސުރަތުގެ 30 ވަނަ އާޔަތުގައި  އެއަންނަ ޚަލީފާ ނިސްބަތް ވަނީ އިބިލީހަށެވެ. އިންސާނީ ޚަލީފާ އަކީ ދެވަނައަށް އެނަންގަނެވުނު ޚަލީފާއެވެ. ވީމާ "ރަޝާދު" އަދި "ޚަލީފާ" މިދެލަފްޒު އައިސްފައިވާ ސޫރަތް ތަކާއި އާޔަތް ތަކުގެ ޢަދަދު އެއްކުރުމުން ވަނީ (171=26+38+38+29+40) 171 އެވެ. އެ ޢަދަދަކީ 19 × 9 އެވެ."( - ރަޝާދު ޚަލީފާގެ "ތަރުޖަމާ"
އޭނާގެ އަމިއްލަ ނަން 19 އިގެ ކޯޑަށް ފެއްތުމަށްތަކައި މި ނުބައި މީހާ ހިންގި ޖަރީމާ ދެކޭށެވެ.  ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައިވާ "ޚަލީފާ" މިބަހުން އިޝާރަތްކުރެވެނީ  އާދަމުގެ ފާނާއި އަދި އާދަމުގެ ދަރީންނަށް ކަމީ ކުޑަކުދީންވެސް ދަންނަ ކަމެކެވެ. ނަމަވެސް  މި އާޔަތުގެ ޢަދަދު ލައިގެން ހިސާބު ހަދާނަމަ އެނާގެ އަމިއްލަ ނަން 19 އިން ނުގެއްލެއެވެ. ވީމާ އެބުނީ އެތާގައި އެވަޙީ ކުރައްވަނީ އަސްލުގައި އިބިލީސް ގެ ވާހަކަ ކަމުގައެވެ. އަދި ބްރެކެޓެއްގައި ލިޔެފައި އެވަނީ އެއީ "ވަގުތީ ކަލާނގެ" އެއް ކަމަށެވެ. އެހެން ކަމުން ރަޝާދު ޚަލީފާ ޙަގީގަތުގައި އެބުނަނީ އިބިލީހަކީ ވަގުތީ އިލާހެއްގެ ގޮތުގައި ބިންމައްޗަށް ﷲ ފޮނުއްވި މަންދޫބެކެވެ!! މީހަކު ނުވަތަ ކުފުރު ވިޔަސް މިވަރު ތަންކޮޅެއް ބޮޑު ނޫންހެއްޔެވެ؟
އެހެންކަމުން  19 ޔަކީ މިބައިމީހުންނަށް އޮތް ބޮޑުވެގެންވާ ފިތުނައެއްކަމުގައި ނުވޭ ހެއްޔެވެ؟ ސޫރަތުލް މުއްދައްޘިރުގެ 31 ވަނަ އާޔަތުގެ ތަރުޖަމާ ބައްލަވާށެވެ. އެ ޢަދަދަށް (19) ޒަބާނިއްޔަ މަލާއިކަތުން ލައްވާފައިވަނީ ކާފަރުންނަށް އޮތް ފިތުނައެއްގެ ގޮތުން ކަމުގައި އެ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. މިޢަދަދާއިކުޅެން ހަދައިގެން އޭނަޔާއި އަދި އެތައް ބަޔަކު މަގުފުރެދި އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެއްޖެއެވެ. އިގިރޭސި މުޙަވިރާގައި ބުނާ ގޮތުން އެއީ އެމީހުން އަމިއްލަޔަށް ދަންޖެހެން ދެއްވާފައިވާ ވާގަނޑެކެވެ! މި 19 އިގެ މައްޗަށް ބިނާކޮށް ޓަސްކަނީން ކޮށްފައިވާ ބައެއް ކަންތައް:
(1)    ﷲ ގެ ފޮތުން 2 އާޔަތެއް އުނިކުރުން. މިއީ އެމީހުން ބޭނުންވާ ގޮތެކެވެ. ނަމަވެސް ހަމަހިލާ އެކަމެއް ނުވާނެއެވެ. ސަބަބަކީ އެފޮތް ރައްކާތެރި ކުރެއްވުމަށް އެފޮތް ބާވައިލެއްވި ފަރާތުން ވަނީ ޖާމިނު ވެ ވޮޑިގެންފައެވެ.
(2)     އާ "ރަސޫލަކަށް" އެމީހުން އީމާން ވެއެވެ.
(3)     މުޅިން އާ ދީނެއް އެމީހުން ވަނީ އުފައްދާފައެވެ.

އެމީހުންގެ ދީން:
•    އެމީހުން އަމިއްލަޔަށް އެމީހުންނަށް ކިޔަނީ މުސްލިމުން މި ނަމަކުން ނޫނެވެ. ނަމަވެސް މުސްލިމް މި ބަހުގެ އިގިރޭސި ތަރުޖަމާ އެއް ކަމުގައިވާ "ސަބްމިޓަރސް" މި ނަމުންނެވެ. އެމީހުންގެ "އުންމަތަށް" ކިޔަނީ "އިންޓަރނޭޝަނަލް ކޮމިއުނިޓީ އޮފް ސަބްމިޓަރސް" އެވެ.
•    އެމީހުން ދަޢުވާ ކުރާ ގޮތުގައި ޙަގީގީ މުސްލިމުންނަކީ އެމީހުންނެވެ. އަސްޙާބުންގެ ޒަމާނުންފެށިގެން މިހާތަނަށް މިއުޅުނު އެތައް ސަތޭކަ ޖީލުގެ މުސްލިމުންނަކީ މަގުފުރެދިފައިވާ ބައެކެވެ. ޙަގީގީ އިސްލާމް ދީން ވަނީ ރަސޫލާ ސުވަރުގެ ވަޑައިގަތުމާއިއެކު ބަދަލު ކޮށްފައެވެ.
•    ޙަދީސް ގަބޫލު ކޮށް ސުންނަތަށް ޢަމަލު ކުރުމަކީ އެއްގޮތަކަށްވެސް ކުރަން ޖެހޭ ކަމެއް ނޫނެވެ. ސުންނަތަކީ ޢަރަބީންގެ އާދަކާދަ އެވެ.  ޤުރުއާން "ޤަބޫލު" ކުރުމުން ފުދެއެވެ.
•    މުޙައްމަދުގެފާނުންގެ ނަންފުޅު:
(1)     ޝަހާދަތުގެ ދެކަލިމައިގައިވެސް،
(2)     ބަންގީގައި ވެސް،
(3)     އައްތަޙިއްޔާތުގައި ވެސް، މިފަދަ އެއްވެސް ތަނެއްގައި ކިޔައިގެން ނުވާނެއެވެ. އެއީ ޝިރުކެއް ކަމުގައި ބުނެއެވެ.
•    އެމީހުން ބުނާ ގޮތުގައި، މުޙައްމަދުގެ ފާނަކީ އެންމެ ފަހުގެ ނަބީކަލޭގެފާނެވެ. ނަމަވެސް އެންމެ ފަހުގެ ރަސޫލާ އެއް ނޫނެވެ. ސޫރަތު އާލަޢިމްރާނުގެ 81 ވަނަ އާޔަތުގައި އެބޭކަލެއްގެ ރަސޫލުކަމަށް ހެކިވެވަޑައިގަތުމަށް އެންމެހައި ނަބީބޭކަލުންގެ ކިބައިން މީޘާޤު ނުވަތަ ޢަހުދު ކަށަވަރު ހިއްޕަވާފައިވާ ރަސޫލަކީ ނުވަތަ "މެސެންޖަރ އޮފް ދަ ކަވެނަންޓް" އަކީ މުޙައްމަދު ޞައްލﷲ ޢަލައިހި ވަސައްލަމް އެއް ނޫނެވެ. އެއީ ރަޝާދު ޚަލީފާއެވެ.
•    އޫރުގެ މަސް ޙަރާމެވެ. ނަމަވެސް ސަރުބީ ހުއްދައެވެ.
•    ޚިތާން ކުރުމަކީ އޮތް ކަމެއް ނޫނެވެ.
•    އަންހެނުން ބުރުގާ އަޅައި ޢައުރަ ނިވާ ކުރާކަށް ނުޖެހޭނެއެވެ.
•    މަރަށް މަރު ހިފައިގެން ނުވާނެއެވެ. ފިދުޔަ ދިނުމުން ފުދޭނެއެވެ.
•    ވައްކަން ކުރާ މީހުންގެ އަތް ކަނޑާނެ ކަމެއް ނެތެވެ. އެމީހާގެ ގައިގައި ފާހަގަ އެއް ޖަހާލުމުން ފުދޭނެއެވެ.
•    ކުރަންޖެހެނީ 3 ނަމާދެވެ. އަންހެނުން ޙައިޟުގެ ދުވަސްވަރުވެސް ނަމާދު ކުރަން ޖެހެއެވެ.
•    މުކައްލަފަކަށް ވަނީ ޢުމުރުން 40 އަހަރު ވުމަށް ފަހުގައެވެ. 40 އަހަރު ނުވަނީސް މަރުވެއްޖެ މީހަކު، އެއީ ކިތަންމެ ބޮޑު މުޝްރިކަކަށް ވިޔަސް، ކިތަންމެ ނުބައި މީހަކަށް ވިޔަސް ދާނީ ސީދާ ސުވަރުގެއަށެވެ.
•    މުސްލިމުންނަކީ ޝިރުކު ކުރާ ބައެކެވެ. ރާއްޖެ އައި ޓަސްކަނީންގެ މިޝަނަރީ ގެ ބަހަށް ހެއްލުނު ދިވެހިން ގޮވައިގެން ސިލޯނަށް ހައްޖަށް ދާން ޖެހުނީވެސް ކަޢުބަތުﷲ ގެފުޅު ވަނީ "މުޝްރިކުން" ގެ ބާރުގެ ދަށުގައި ކަމަށް ވާތީޔޯލައެވެ.

-ނުނިމޭ-

ޓެގް

ދީން ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.