ރިޕޯޓް އެއީ ޢިލްމުވެރިކަމަކުން ވާކަމެއްނޫނެވެ.

އެއީ ޢިލްމުވެރިކަމަކުން ވާކަމެއްނޫނެވެ.

އެއީ ޢިލްމުވެރިކަމަކުން ވާކަމެއްނޫނެވެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

މާތްވެގެންވާ އިސްލާމް ދީން ބާވައިލެއްވުނުއިރު އިލާހީ އިރުޝާދުގެ ކަންފުޅެއްވެސްހުރީ ޔަހޫދީންނާއި ނަސާރާއިންގެ ކިބާގައެވެ. އެބައިމީހުންގެ ތެރެއިން ބޮޑެތި ދަންނަބޭކަލުންނަށް ފަހުޒަމާނުގެ ނަބިއްޔާ ފާޅުވެވަޑައިގަންނަވާކަން އެނގި، އެކަލޭގެފާނުގެ އަޘަރު ވެދާނެކަމަށް އެބައިމީހުންނަށް ޤަބޫލުކުރެވުނު ކޮންމެ ތަނެއްގައި ވަޒަންވެރިވެ، އެކަލޭގެފާނުގެ އިންތިޒާރުގައި މުޅިދިރިއުޅުން ޤުރުބާން ކޮށްލިއެވެ. ނަމަވެސް މުޅިޙަޔާތް އެހިނދުކޮޅަކަށްޓަކައި ޤުރުބާންކޮށްލި ހިނދުކޮޅުއައިސް ބައްދަލުވުމުން އެބައިމީހުން ފަހުޒަމާނުގެ ނަބިއްޔާއަށް އުރެދި، ކާމިޔާބީއާއި ޙައްޤަށް ފުރަގަސްދިނީއެވެ. އުޑުތަކާއި ބިމުގެ ވެރިއިލާހު ރުހިވޮޑިގެންވާ ދީން ރަނގަޅަށްދަނެތިބެމެ، އެދީނަށް އިންކާރުކުޅައީއެވެ. އެއިލާހު ބާވައިލެއްވި އާޔަތްތައް ކިޔަވަކިޔަވާތިބެމެ، އެއާޔަތްތައް ދައްކާ ސީދާމަގުން އެއްކިބާވެގަތީއެވެ. އެބައިމީހުންނަށް ދެއްކެވި މުޢުޖިޒާތްތަކަށް ގޮންޖަހާ ގަދަކީރިތިވަންތަ ޙަޞުރަތަށް ކާފިރުވެގަތީއެވެ.

ލިޔެވިދިޔަ ބޮޑުވެގެންވާ ޖުރުމުގެ މައްޗަށް އެބައިމީހުން ހުށަހޮޅިގަތީ އެބައިމީހުންގެ ޢިލްމުވެރިކަން ކުޑަކަމަކުން ނުވަތަ ދުލުކޮޅުން ކިޔަވަން ދަންނަ އާޔަތްތަކުގެ ޢަދަދު މަދުކަމަކުންނޫނެވެ. ނަބީކަމުގެ ސިފަތަކާއި އަޘަރުތަކަށް އެބައިމީހުންކޮށިކަމަކުން ނުވަތަ ނަބީބޭކަލުންގެ ސީރަތަށް ނުފަރިތަކަމަކުންވެސް ނޫނެވެ. އެބައިމީހުންވީ އެޒަމާނުގައި ޚާލިޤުވަންތަ އިލާހު މަޢުރިފާކޮށް ދެނެގަތުމުގައި އެންމެ އަރާތިބިމީހުންކަމުގައެވެ. އަދި ކީއްތޯއެވެ؟ އެބައިމީހުންގެ ދަރިން ވަކިކުރަން ދަންނަފަދައިން ފަހުޒަމާނުގެ ނަބިއްޔާ ދަނޭމެއެވެ. އެބައިމީހުން ކާފިރުވެގަތީ އެބައިމީހުންގެ ހިތްތަކުހައި ރޯވެ އަނދައަނދާހުރި ޙަސަދަވެރިކަމެއްގެ ސަބަބުންނެވެ. ޤަބީލީ ތަޢައްސުބާއި ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުންނެވެ.

ހިތުގެ އިޚްލާސްތެރިކަމަކީ އީމާންތެރިކަމުގެ އެންމެ މުހިންމު އަސާސެވެ. ނަސާރާއިންގެ ބޮޑެތި ރާހިބުން މަގުފުރެދިގެން ދިޔައިރުވެސް، ނުހަނުދަތި ޙާލުގައި ފިއްލަވައިގެން އެބައިމީހުންކުރެން ޢިލްމުވެރިވާން ހުންނެވި، ސަލްމާނުލް ފާރިސީ ދުނިޔޭގެ ބޮޑުވެގެންވާ ވެރިކަން ޤުރުބާންކުރައްވައި ޙައްޤުގެ ފަހަތުން ދަތުރުކުރެއްވީ މިސަބަބަށްޓަކައެވެ. މައްކާގެ ބާޒާރުތަކުގައި އެވާދީގެ ޢިއްޒަތާއި ޤަދަރު އުފުލިގެންވީ ސައުދާގަރުންނާއި ޙިކްމަތްތެރިކަމުގައި އަރާތިބި ވެރިން ކިބުރުވެރިވެ ބޮޑާވަމުން ހިނގަހިނގާތިއްބާ އެބައިމީހުން ޚާދިމުންގެ ތެރެއިން ބިލާލް ބުނު ރަބާޙްއާއި ޢައްމާރު ބުނު ޔާސިރަށްޓަކައި އުޑުގެ ތަނަވަސްވެގެންވާ ރަޙްމަތް ބާވާލެއްވުނީވެސް އެސަބަބަށްޓަކައެވެ.

ޙައްޤަށްތަބަޢަވެ، ކޮންމެފަދަ ޙާލަތެއްގައިވެސް އަނިޔާވެރިކަމާއި ކުފުރަށް ގޮންޖަހާ ސާދާމަގުގައި ޘާބިތުވެގަތުމަކީ ކޮންމެ ނަފްސަކަށް ލިބިގެންވާ މަތިވެރި ނިޢުމަތެއްނޫނެވެ. އެހުންނަނީ މާތް މީސްމީހުންގެ ސިފަތަކެވެ. އެފަދަމީސްތަކުން ފާޅުކުރައްވާ ނެރުއްވުމަށްޓަކައި ބޮޑެތި އިމްތިޙާންތައް މެދުވެކުރައްވައެވެ. އިލާހީމަދަދާލައިގެންމެނުވީ އެފަދަމަތިވެރި ދަރަޖަތަކެއް ޙާސިލެއްނުކުރެވޭނެއެވެ. ޖައްބާރުވަންތަ، އެންމެހައި އާރަކާއިބާރެއް މިލްކުވެވޮޑިގެންވާ އިލާހަށް އިންތިހާޔަށް ތަޤުވާވެރިވެ، ވަކީލްކުރާ އެއިލާހުގެ ވަލީވެރިންނަށް މެނުވީ އެފަދަ މަތިވެރިކަމެއް އެއިލާހު ބާވާނުލައްވާނެއެވެ. އަދި އެފަދަ މާތް އިންސާނުންގެ ކެތްތެރިކަމަށްޓަކައި އެންމެމަތިވެރި ދަރުބާރުން އެބައިމީހުން ޚިޔާރުކުރައްވައި މީސްތަކުންގެ މައްޗަށް އިމާމުންކަމުގައި ލައްވައެވެ. އެއީ މީސްތަކުންނަށް ހިދާޔަތު ލިބުމުގެ ސަބަބަކީ އެބައިމީހުންކަމުގައި ލައްވައި އެބައިމީހުންނަށް ދެދުނިޔޭގެ ޢިއްޒަތްތެރިކަން ދެއްވުމަށްޓަކައެވެ.

ތިމާޔަށް ތިމާގެ މޮޅުކަން ފެނި، ދުނިޔޭގެ ޖާހާއި ޢިއްޒަތަށް ފާރަލަމުންއުޅޭމީހުންނަށް މުސީބާތްތަކާއި އިމްތިޙާނުތަކުގެ ގަދަމޫސުންތަކުގައި ޙައްޤުގެ މަތީގައި ސާބިތުވެގަނެވޭނެ މަގެއް ނުފެންނާނެއެވެ. މާއްދިއްޔަތުގެ ނުރައްކާތެރި ފިތުނަތަކުން ސަލާމަތްވާނެ އަލިމަގެއް ނުފެންނާނެއެވެ. އެފަދަ ޙާލަތުގައި އެބައިމީހުން މަސްއޫލުވެގެން އުޅޭހުށީ އިލާހީ ޝަރީޢާތުގެ މުޙްކަމާތުތައްދޫކޮށް މުތަޝާބިހާތުތަކުގެ ތެރޭގައެވެ. ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގެ ހިދާޔަތަށް ފުރަގަސްދީ ނުސީދާކަމާއި ނުސިޔާނުކަމުން ފުރިގެންވާ ކަހާނީތަކުގެ ތެރޭގައެވެ. ސާފު އީމާނާއި ކާފިރުކަން ވަކިވާހިސާބެއް، އިސްލާމްކަމާއި ޝިރުކު ވަކިވާހިސާބެއް އަދި އިޚްލާސްތެރިކަމާއި ނިފާޤުކަން ވަކިވާހިސާބެއް އެފަދަމީހުން ނުދަންނަފަދައެވެ. އީމަންކަމާއި އިސްލާމްކަމުގެ ބިންގަލަށް ލޮޅުންއަރައި، ދިނުގެ އަސްލުތައް އޮޅުންބޮޅުންވެގެންދާ ޙާލަތުގައިވެސް އެބައިމީހުންގެ ޒުވާބުތައް އަމާޒުކުރަނީ އާދައިގެ ކުދިކުދި ފަރުޢީ ޚިލާފްތަކުގެ މައްޗަށެވެ. ތާރީޚުގައި އެފަދަ މީހުން ކުރަހާފައިވާ މަންޒަރަކީ އަމިއްލަޔަށް މަގުފުރެދި، މީސްތަކުން މަގުފުރައްދާ ހުތުރުކަންބޮޑު މަންޒަރެކެވެ.

އީމާން ކަމުގެ ނޫރަކީ އިލާހީ މަތިވެރި ނިޢުމަތެކެވެ. ދީލަތިވަންތަ އިލާހު އެނިޢުމަތް ދެއްވަނީ އެއިލާހުގެ އިޚްލާސްތެރި، ތެދުވެރި އަޅުތަކުންނަށެވެ. އިލްމުވެރިކަމާއި، ޢިއްޒަތްތެރިކަމާއި އަދި ޙިކްމަތްރެރިކަމަކީވެސް ހިދާޔަތާއި އީމާންކަމުގެ ގަރަންޓީއެއްނޫނެވެ. އެއީ ޖަންނަތުގެ ތަނަވަސްވެގެންވާ ނިޢުމަތްތަކުގެ ތަޅުދަނޑިއެއްވެސް ނޫނެވެ. ޖަހަންނަމައިން އަމާންކަން ލިބިދާނެކަމުގެ އަލާމާތެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ އެފަދަމަތިވެރި ނިޢުމަތްތަކަށް އިހުމާލުވުމަކީބޮޑުވެގެންވާ ގެއްލުމާއި ހާލާކު ކުރިމަތިވެދާނޭކަމެކެވެ. ބުޅަލެއް ގެންގުޅެން ނުއެނގުނު އަންހެނަކު އެބުޅަލުގެ ސަބަބުން ޖަހަންނަމަޔަށް އެއްލާލެވުނުކަމުގައި ވާހިނދު، މާތް ﷲ ތަނަވަސް ބުއްދިއެއްދެއްވައި، މަތިވެރިވެގެންވާ ޢިލްމުތަކުން ތަނަވަސްކޮށްދެއްވައި، އެއިލާހުގެ ނިޢުމަތް އިތުރުކޮށްދެއްވި އިންސާނަކު އެނިޢުމަތްތަކަށް ކުފުރުވެރިވެ، ދުނިޔޭގެ ދަޅަތަކަށް ހެއްލުންތެރިވެ، މުއުމިންތަކުންނަށް ލައުނަތްދޭންފެށީމާ ދެންއޮތީ ކޮންގޮތެއްބާވައެވެ؟ ހަމަކަށަވަރު ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޞުރަތުގައި ބުޅަލަކަށްވުރެ ޢިލްމުގެ މާތްކަން ބޮޑުވެގެންވާހުއްޓެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.