މާފުށީ ޖަލުން ފިލި ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ ކ. މާލެ، ގ. ކޯޒީ އިބްރާހީމް ޝަހްމު އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު ފިލުމާއި ގުޅިގެން އެ ދެ ކުށްވެރިން ހޯދުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު ހާމަކޮށްފިއެވެ.
މިކަމަށްޓަކައި ރޭ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މި ކުށްވެރިން ފިލާފައިވާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ ޓީމެއް ކަރެކްޝަނަލް ސަރވިސްގެ އެދުމުގެ މަތިން މާފުށީ ޖަލަށް ފޮނުވާފައިވާކަމަށާއި އެރެއިން އެރެއަށް މާފުށީ ޖަލާއި ޖަލު ވަށައިގެންވާ ސަރަޙައްދުތަކާއި މާފުށި އެއްކޮށް ބަލައި ފާސްކޮށްފައި ވާކަމަށެވެ.
އަދި އެވަގުތުން ފެށިގެން މާފުށިން ފުރާ ހުރިހާ އުޅަނދުތަކަށް ފުރުމުގެ ހުއްދަ ދީފައިވަނީ ބަލައިފާސްކުރުމަށްފަހުގަ ކަމަށެވެ.
” އޮޕަރޭޝަން ގޭޓަރ ހަންޓް” ނަމުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނަކަށް ހެދިފައިވަނީ ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި ނަވީން ވިދާޅުވީ މިކަމާ ގުޅޭ މަޢުލޫމާތު ހާމަކުރުމާއި ގުޅިގެން އެމީހުން ތިބިކަމަށް ޝައްކުކުރެވޭ ތަންތަނާއި އެދެ ޤައިދީން ކަމަށް ޝައްކުކުރެވޭ މީހުންގެ މަޢުލޫމާތުވެސް ރައްޔިތުން ފުލުހުންނާ ހިއްސާ ކުރަމުން ގެންދިޔަކަމަށެވެ.
މި އޮޕަރޭޝަންގައި މާފުށި، ގުރައިދޫ، ދިއްފުށި އަދި ހިންމަފުށީގެ އިތުރުން މާފުއްޓާއި ކައިރީގައިވާ ރިސޯޓްތައް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި ރަށްރަށް ބަލައި ފާސްކޮށްފައި ވަނީ ޤައިދީން ފިލާފައިވަނީ ފުލުހުންނަށް ފިލިކަން އެގުމުގެ 24 ގަޑިއިރުގެ ކުރިން ކަމަށް ފުލުހުންގެ އިންޓެލިޖެންސް އިން ހޯދި ހޯދުންތަކުން އެނގުމުން ކަމަށް ވިދާޅުވިއެވެ.
އަދި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމާއެކު އެ ޤައިދީން މާލެ އަށް އައިސްފައިވާކަން އެނގުމާއެކު މާލޭގައި ވެހިކަލް ޗެކްޕޮއިންޓައް ޤާއިމްކޮށް ޗެކްކުރުމުގެ މަސައްކަތްތައް ފުލުހުން ކުރަމުންދިޔަކަމަށް ނަވީން ވިދާޅުވިއެވެ.
މީގެއިތުރުން ބައެއް ރަށްރަށުގެ ގެތަށް ބަލައިފާސްކޮށްފައިވާއިރު އެކަން ކުރުމުގައި ކޯޓް އަމުރު ހޯދާފައިވާކަމަށާއި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށް ނަވީން ވިދާޅުވިއެވެ.
ފުލުހުން ކުރަމުންދިޔަ މަސައްކަތުން ޖަލުން ފިލި ދެ ޤައިދީންގެ ތެރެއިން ފަރިޔާޝް އަތުލައިގެންފައިވަނީ މާލޭ ކެފޭއެއްގައި އިންދާކަމަށާއި އަދި ޝަހުމް އަތުލައިގެންފައިވަނީ މާލޭ ގެސްޓް ހައުސްއެއް ހުއްޓާކަމަށްވެސް ނަވީން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...