ޔަހޫދީން ގަވާއިދާ ޚިލާފަށް ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދުކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނަކީ ފަލަސްތީނާއި ޔަހޫދީ އިސްތިއުމާރުގެ ސުލްހައިގެ ވާހަކަތަކަށް ކުރިމަތިވެފައިވާ ބޮޑު ހުރަހެއް ކަމަށާއި އެމަސައްކަތް ހުއްޓާލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނާއިބު ނިކް ކްލެގް ގޮވާލައްވައިފިއެވެ.
ޔަހޫދީ ޒަޔަނިސްޓް އިސްތިއުމާރުން ޔަހޫދީން އާބާދުކުރުމަށް ހަލުވިކަމާ އެކު ފްލެޓްތައް އިމާރާތްކުރަމުން އަންނަނީ ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައެވެ. އިރުމަތީ ގުދުސްގައި މި މަސައްކަތް މެކުހަށް ޖަހާފައިވާއިރު އެއީ ފަލަސްތީނުން އެމީހުންގެ ވެރި ރަށުގެ ގޮތުގައި ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ރަށެވެ.
ކްލެގް ޔަހޫދީންނަށް ފާޑުވިދާޅުވެފައިވާއިރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހުންނެވީ ޔޫރަޕަށް ކުރައްވައްމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ލަންޑަނުގައެވެ. ކްލެގަށް ފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ވެސް ބައްދަލުކުރައްވާފައިވާ އައްބާސް ވިދާޅުވެފައި ވަނީ ކްލެގް ވާހަކަ ދައްކަވާފައި ވަނީ އިނގިރޭސިވިލާތު ސަރުކާރުން އަސްލު ވާހަކަ ދައްކަން ޖެހޭ ގޮތަށް ކަމަށެވެ.
އައްބާސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ކެމަރަން ވަނީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދެވޭނެ މަގެއް ތަނަވަސްކޮށް ދެއްވުމަށް އިނގިރޭސިވިލާތަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ކެމަރަން ވިދާޅުވެފައި ވަނީ ސުލްހައިގެ އާ ބުރެއްގެ ވާހަކަ ނުފެށި ލަސްވަމުން އަންނައިރު ސުލްހަ ގާއިމުކުރުމަށް އޮތް ފުރުސަތު ހަނިވެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށެވެ.
އެމެރިކާގެ އެއްބާރުލުމާ އެކު 2010 ވަނަ އަހަރު ފަލަސްތީނާއި ޔަހޫދީ އިސްތިއުމާރުން ފެށި ސުލްހައިގެ ވާހަކަތައް މެދުކަނޑާލީ ޔަހޫދީ އާބާދީތަކުގެ މަސައްކަތް ހުއްޓާލަން އިސްރާއީލުން ދެކޮޅުހެދުންނެވެ. އޭގެ ފަހުން ރަސްމީ ބައްދަލުވުމެއް ނުބާއްވައި އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ދެ ފަރާތުން ދަނީ އަނެއްކާވެސް ވާހަކަތައް އަލުން ފެށުމަށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...