ލުބާ އަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. އޭނަގެ ކޮއްކޮ އީޝާ އަކީ ޚާއްޞަ އެހީ އަށް ބޭނުންވާ ކުއްޖެކެވެ. ލުބާ މާލޭގައި އުޅެމުންދާއިރު، އީޝާ އުޅެނީ ރަށުގައި މަންމަ ކައިރީގައެވެ.
28 އޮކްޓޯބަރު 2011 ދުވަހުގެ ރެއެވެ. ލުބާ ބޭރުގައި އުޅެފައި ގެއަށް އާދެވުނުއިރު ގަޑިން 20:00 ވެއްޖެއެވެ. ލުބާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ލުބާ އައީ ފުޓުބޯޅަ ކުޅެން ގޮސްފައެވެ. އޯޓިޒަމް ބަލީގެ ކުޑަކުދިންނަށް އެހީވުމަށް ރާއްޖޭގެ ފިލްމީ ދާއިރާގައި އުޅޭ މީހުންނާއި ޕްރެޒެންޓަރުން ވާދަކުރި "ޗެރިޓީ" ފުޓުބޯޅަ މެޗެއްގައި ކުޅެ ނިންމާލުމަށްފަހު ރައްޓެހިންނާއެކު ރެސްޓޯރަންޓަކުން ސައި ބޮއެގެން އާދެވުނު ގަޑިއެވެ.
ލުބާ އޭނަގެ އަތްދަބަހުން ފޯނު ނަގާ ބަލާލިއެވެ. ލުބާގެ ފޯނަށް އޭނަގެ މަންމަގެ ނަމްބަރުން 10 ފަހަރު ގުޅާފައި އޮތެވެ. "މަންމަ ހާދަ ވަރަކަށް ގުޅާފަ މިއޮތީ. އަނެއްކާ ކިހިނެއް ވީބާ؟" ލުބާގެ ހިތަށް އެރިއެވެ.
ލުބާ ވަޤުތުން މަންމަގެ ނަމްބަރަށް ގުޅާލިއެވެ.
"އައްސަލާމްއަލައިކުމް ދޮންތާ...ކިހިނެއްތަ؟" ފޯނަށް ޖަވާބު ދިނީ ކުޑަކުޑަ އީޝާ އެވެ.
"ވައަލައިކުމުއްސަލާމް އީޝްކޮ. ދޮންތަ ރަނގަޅު. ކިހިނެއްވީ؟... ހާދަ ވަރަކަށް ގުޅާފަ. ކާކު ގުޅީ؟" ލުބާ ބުންޏެވެ.
"އީޝްކޮ ގުޅީ. ދޮންތަ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން....." އީޝާ ބުންޏެވެ.
"އަނެއްކާ ކޮން ވާހަކައެއް؟.... ދޮންތަ ވަރަށް ވަރުބަލިވެފަ މިހުރީ.... އަވަހަށް ބުނެބަލަ" އީޝްކޮއާ އެހާ ގިނައިން ވާހަކަދެއްކުމަކީ ލުބާގެ އާދައެއް ނޫނެވެ. ނަމަވެސް، އީޝްކޮ ދައްކަން އުޅޭ ވާހަކަ އަހަން ލުބާ މިރޭ ބޭނުން ވިއެވެ.
"ދޮންތާ. އީޝްކޮ ބޭނުމެއް ނޫން ދޮންތަ ތިހެން އުޅޭކަށް... ޕްލީޒް... ދޮންތާ، ﷲ އަށް ބިރުވެތިވޭ... ތިހެން އުޅޭކަށް ނުވާނެ... ވަރަށް ނުބައި ކަމެއް ތިކުރަނީ... ދޮންތަ ކުރު ހެދުންލާފަ ހުންނަ ތަން ޓީވީ އާއި ފިލްމުތަކުން ދެކެން އީޝްކޮ ބޭނުމެއް ނޫން... ނުބައި ކަންތައްތައް ކޮށްގެން ބަލި ކުދިންނަށް އެހީވާކަށް ނުވާނެ... އީޝްކޮ ބޭނުމެއް ނޫން ދޮންތަ ނުބައި ކަންތައްތައް ކޮށްގެން ލިބޭ އެއްޗަކުން އެއްވެސް އެހީއެއް..." އީޝްކޮގެ ވާހަކަތަކުން ލުބާ އަށް ފުން އަސަރެއް ކޮށްފިއެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި ހުރެވިއްޖެއެވެ.
"ދޮންތާ.... އަނގައިން ބުނެބަލަ..." އީޝްކޮ، ލުބާ އަށް ގޮވާލިއެވެ.
(ނުނިމޭ)
_________
ނޯޓް : މި ވާހަކަ އަކީ މުޖުތަމަޢުގައި ހިނގަމުންދާ ކަންތައްތަކަށް ބިނާކޮށް ތަފާތު ޢިބްރަތްތަކެއް ހިމެނޭ ގޮތަށް ލިޔެވޭ ޚިޔާލީ ވާހަކައެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...