ސުވާލާއި ޖަވާބު ނަމާދު ނުކުރާ މީހަކު މިސްކިތެއްގެ ބިންގާއެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ނަމާދު ނުކުރާ މީހަކު މިސްކިތެއްގެ ބިންގާއެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ނަމާދު ނުކުރާ މީހަކު މިސްކިތެއްގެ ބިންގާއެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

މިސުވާލުގެ ތިން ކަމެއް ފާހަގަ ކުރަންޖެހެއެވެ. އެއީ: ނަމާދު ނުކޮށް ދޫކޮށްލުމަކީ ކިހާވަރެއްގެ ކަމެއްތޯ އާއި މިސްކިތެއް ބިނާ ކުރުމަކީ ކިހާވަރެއްގެ ކަމެއްތޯ އާއި، ނަމާދު ނުކުރާ މީހަކު ކުރާ ހެޔޮ ޢަމަލަކުން އެ މީހަކަށް އެއްވެސް ފައިދާއެއް މަންފާއެއް ކުރާނެތޯއެވެ.

މިސްކިތް ބުނާ ކުރުމުގެ މާތްކަން:

މިސްކިތެއް ޢިމާރާތްކޮށް، މީސްތަކުންނަށް ނަމާދު ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ވަރަށް ގިނަ ޘަވާބާއި ދަރުމަ އޭގެ ސަބަބުން ލިބިގެންދާނެ ކަމެކެވެ. އެއީ އިންސާނާ މަރުވެގެން ދިޔުމަށްފަހު ގައި ވެސް ފައިދާކުރުވަނިވި ދެމިހުންނަނިވި ޞަދަޤާތެކެވެ.  ސޫރަތުއްތައުބާގެ 18 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يَعْمُرُ‌ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّـهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ) މާނަ އަކީ:

"اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، ނަމާދު قائم ކޮށް، زكاة ދީ، اللَّه އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ."  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ بَنَى مَسْجِدًا يُذْكَرُ فِيهِ اسْمُ اللَّهِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ ) މާނައަކީ: "ﷲގެ އިސްމުފުޅު ޛިކްރު ކުރުމަށް މިސްކިތެއް ބިނާކޮށްފި މީހަކަށް، އެކަލާންގެ ސުވަރުގޭ ގައި ގަނޑުވަރެއް ތައްޔާރު ކޮށްދެއްވާނެއެވެ." އެހެން ޙަދީޘެއް ގައި ވެއެވެ. (مَنْ بَنَى لِلَّهِ مَسْجِدًا وَلَوْ كَمَفْحَصِ قَطَاةٍ لِبَيْضِهَا، بَنَى اللَّهُ لَهُ بَيْتًا فِى الْجَنَّةِ) މާނައަކީ: "ދޫނި ބިސްއެޅުމަށް ހަދާ ހާއްޔެއްގެ މިންވަރުގެ ތަންކޮޅެއް ވެސް މިސްކިތެއް ގެ ގޮތުގައި ﷲ ގެ މަގު ގައި ބިނާކޮށްފި ނަމަ، އެ މީހަކަށް ސުވަރުގޭ ގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ."

ނަމާދު ނުކުރާ މީހުންނަށް ހުރި ޢަޛާބު:

ނަމާދު ނުކުރާ މީހުންނާއި ބެހޭ ގޮތުން ކީރިތި ގުރްއާނުގެ ސޫރަތު މަރްޔަމްގެ 59 އަދި 60 ވަނަ އާޔަތުގައި އައިސްފައިވެއެވެ. (فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً، إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحاً) މާނައަކީ: "ނަމަވެސް، އެއުރެންނަށްފަހު، ނުބައިވެގެންވީ ބައަކު، ދުނިޔޭގައި އުޅުނެވެ. އެ (ނުބައި) މީހުން، ނަމާދުކޮށް އުޅުން ދޫކޮށްލައި، އެއުރެންގެ ޝަހްވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން، ލަސްތަކެއްނުވެ ހަލާކުވެ ހިނގައިދާހުށިމެއެވެ. އޭގެތެރެއިން ތައުބާވެ، އީމާންވެ، ހެޔޮޢަމަލުކުޅައިންމަތީ ދެމިތިބެއްޖެ މީހުން މެނުވީ އެވެ". މި އާޔަތްތަކުން ދޭހަވާ ގޮތުގައި ނަމާދު އަޅާމީހަކީ މުއިމިނެއް ނޫނެވެ. އެހެނީ، މިއާޔަތްތަކުގެ ފަހަތުގައި "ތައުބާވެ، އީމާންވެ" ޔޭ އޮތުމުން ދޭހަވަނީ އެބައިމީހުން ނަމާދު އަޅަމުން ދިޔަ ޙާލުގައި އެއީ މުއިމިނުން ނޫންކަމެވެ.

ނަމާދު އަޅާމީހުންނާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ‏) މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާ އަށް ގިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއްނުވެއެވެ. އެފަދަމީހުން ގިޔާމަތްދުވަހުން ވާހުށީ ގާރޫނާއި ފިރްޢައުނު، ހާމާނު އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ".

ނަމާދު އެޅުމަކީ ދީނުން ބޭރުވާ ކަމެކެވެ. އެހެންކަމުން، އެފަދަ މީހުންގެ ކައިވެނިތައް ރޫޅި، އެފަދަ މީހުން ކަތިލާތަކެތި ކެއުން ޙަރާމްވެ، އަދި މުސްލިމުންގެ ގަބުރުސްތާނަކު ވަޅެއް ނުލެވޭނެއެވެ.

ނަމާދު ނުކުރާ މީހުންގެ ހެޔޮ ޢަމަލުތައް މާތްﷲ ގަބޫލު ކުރައްވާނެބާ؟

އިބްނު ޖަރީރުއް ޠަބަރީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ތަގްވާވެރި ކަމެއް ނެތި (ކުފުރުގެ ސަބަބުން) ހެޔޮ ޢަމަލު ކޮށްފި މީހާ އަށް ޘަވާބު ދެއްވާނީ ދުނިޔެމަތީގައެވެ. އާޚިރަތަކު ނޫނެވެ. ރަޙިމްގެ ގުޅުން ދަމަހައްޓާ، ފަގީރަކަށް އެހީތެރިވެ، ނުވަތަ މިނޫންވެސް ހެޔޮ ޢަމަލެއް ކޮށްފައި ވާނަމަ އެމީހަކަށް ޘަވާބު ދެއްވާނީ ދުނިޔެމަތީގައެވެ. ދުނިޔެމަތީގައި އެމީހެއްގެ ދިރިއުޅުން ތަނަވަސް ކޮށް ދެއްވާނެއެވެ. އޭނާގެ ކުފުރުގެ ސަބަބުން، ހެޔޮ ޢަމަލުތަކުން އާޚިރަތުގައި ފައިދާ ކުރުވުމުން މަނާ ކުރުވައެވެ. ސަބަބަކީ ޢަމަލުތައް ގަބޫލު ކުރެއްވުމުގެ އެއް ޝަރްޠަކީ އެމީހަކީ އިސްލާމަކު ކަމުގައި ވުމެވެ.

އަލްގާޟީ ޢިޔާޟް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ކާފަރުން ކުރާ ހެޔޮ ޢަމަލުން ގިޔާމަތް ދުވަހު އެއްވެސް ފައިދާ އެއް ނުކުރާނެ ކަމާއި މެދުގައި ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ.

އިބްނު ޙަޖަރު- ރަހިމަހުﷲ- ވިދާޅުވެފައިވެއެވެ. "ދަންނައެވެ. އެބައިމީހުން މީސްތަކުންނަށް ޓަކައި ކޮށްދީފައިވާ ހެޔޮ ޢަމަލުތައް ﷲ ގެއްލެނިވެ ނުކުރައްވާނެއެވެ. އެހެންނަމަވެސް، އެމީހުންނަށް އެކަމުގެ ދަރުމަ ލިބޭހުށީ ދުނިޔެ މަތީގައެވެ. އާޚިރަތަކު ނޫނެވެ. އެއާއި ޚިލާފަށް، މުސްލިމުން ހެޔޮ ޢަމަލެއް ކޮށްފައިވާނަމަ ދުނިޔެ އާއި އާޚިރަތުގައި އެކަމެއްގެ ހެޔޮ ޖަޒާ ދެއްވާނެއެވެ".

ވީމާ، ނަމާދު ނުކުރާ މީހަކު މިސްކިތެއް ބިނާ ކުރި ކަމުގައި ވީނަމަވެސް ގިޔާމަތް ދުވަހުން އެމީހަކަށް އެއްވެސް ފައިދާ އެއް ނުކުރާނެއެވެ. އެކަމުގެ ފައިދާ އެމީހަކަށް ކުރާނީ ދުނިޔެމަތީގައި އެކަންޏެވެ. والله أعلم

 

ޓެގް

ޖަވާބު ސުވާލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.