
ފޮޓޯ: މުޙައްމަދު ވަސީމް / ދިއިސްލާމް
މާތް ﷲ އިންސާނުން ދުނިޔެ އަށް ފޮނުއްވައި ޚލީފާވެރި ކުރައްވާފައި ވަނީ ޢަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތައް ދެއްވާ އިމްތިޙާނުތަކެއް ކުރިމަތިކުރައްވާފަ އެވެ. ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައްތަކާއި ޢަމަލުތައް ހުންނަނީ މި އިމްތިޙާނުތަކަށް ޣާފިލުވެފައިވާ ބައެއްގެ ޢަމަލްތައް ހުންނަ ގޮތަށެވެ. މާތް ﷲ އިންސާނުން ފޮނުއްވުމުގެ މަޤްސަދު ހަނދާން ނައްތާލައި ހަމައެކަނި ދުނިޔަވީ އުފަލާއި ފައިދާތައް ހޯދުމުގައި އެކަކު އަނެކަކަށް ވާދަކުރުމަކީ މިއަދު އަޅުގަނޑުމެންގެ ޙާލަތެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ވީދި ދިރިއުޅުން ދަނީ މިއަދު ބޮއްސުންލަމުންނެވެ.
މިއަދު އަޅުގަނޑުމެންގެ މަގުތަކަށް ޒަރޫރީ ބޭނުންތައް ފުއްދާލުމަށް ނުކުތުންވެސް ވެފައިވަނީ ދަތިކަމަކަށެވެ. ވައްކަންކުރުމާއި، މާރާމާރި ހިންގުމާއި، ފާޙިޝް ޢަމަލުތައް ހިންގުމާއި، ފޭރުމާއި އަދިވެސް ނުބައި ކަންތައްތައްވަނީ އާންމުވަފައެވެ. މަގުތައް ބޭނުންކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ހަދައިފައިވާ ޤަވާއިދުތަކާ ހިލާފާށް ދުއްވާއެއްޗެހި ބާރުމިނުގައި ދުއްވުމުގެ ސަބަބުން ބައެއްމީހުނަށް އޭގެ ނުރަނގަޅު އަސަރު ދަނީ ކުރަމުންނެވެ.
ހަމަމިއާއެކު މައިންނާއި ދަރިން އެއްކޮށް ހިތްހަމަޖައްސާލައި އުފާކޮށްލުމަށް ނުކުމުވޭވަރަށްވުރެ މަގުމައްޗަކީ ދަށް ފަންތީގެ ބަހުރުވައިން ވާހަދައްކައި އުޅޭތަނަކަށް މިއަދު ވަނީ ވެފައެވެ. މި އަޑުތައް އިވުމާއެކު އެ ދަރިންނަށް ފެންނާނީ ވެސް ނިވާކަން ކުޑަގޮތެއްގައި ޖޯޑުޖޯޑަށް ނުވަތަ ގްރޫޕް ގްރޫޕަށް ދެޖިންސާއި އެއްޖިންސުގެ ޒުވާނުން އުޅޭމަންޒަރެވެ. މަގުތަކަކީ އިސްލާމްދީނުގައި މަތިވެރި މަޤާމް ދެވިފައިވާ ތަނެއްކަމާއި އެމަގުތަކުގައި މީހުންނަށް އުނދަގޫވާނެ ގޮތަށް ހުންނަ ތަކެތި އެއްފަރާތްކުރުމުގެ މާތްކަމާއި އެތަނުގައި ހިނގައިބިގައިވެ އުޅޭ މުސްކުޅިންނަށް އެހީތެރިވުމަކީ ކޮންފަދަ ނަސީބުލިބިވެނިވި ކަންތައްތަކެއް ކަމާމެދު އަޅުގަނޑުމެން ވަނީ ބީރައްޓެހިވެފައެވެ. މިއީ މިއަދު މި މުޖުތަމަޢުގެ މަގުތަކުގެ ޙާލަތެވެ.
ދެން މިއަދު އަޅުގަނޑުމެންގެ ތަރުބަވީ ތަޢުލީމު ދިނުމަށް ހުޅުވިފައި ހުރި ގިނަ މަދަރުސާތަކުގެ ޙާލަތާމެދު ފިކުރު ހިންގާލަމާތޯއެވެ؟ ކޮންމެ ދުވަހެއްގެ ފެށުން ވެސް ޤުރުއާނުގެ ބަރާކާތުން ފަށާ ކަމަށްޓަކައި މާތްﷲ އަށް ޝުކުރުކުރަމެވެ. ނަމަވެސް އެ ޤުރުއާނަށް ފަހު އެމިންވަރަށްވުރެ މާބޮޑަށް، މާތްﷲ ޙަރާމްކުރައްވާފައިވާ މިއުޒިކްގެ އަޑާއެކު ލަވަކިޔައި ހަދަތެވެ. ހިތާމަހުއްޓެވެ! ތަޢުލީމު ދިނުމާއި އެކަމުގެ އިންތިޒާމްތައް ރޭވުމުގައިވެސް ނަމޫނާ ނެގިފައި ވަނީ ހުޅަނގުގެ ފިލޯސަފީތަކުންނެވެ. އެމީހުން ގޮތަށް މަސްހުނި ކުލާސްތަކެވެ. މުސްލިމުން ހެދުންއެޅުމާ ޚިލާފު ޔުނީފޯމްތަކެވެ.
ކިޔަވައިދިނުމުގެ މަންހަޖުގައި ވެސް އިސްލާމްދީން ގެނެސްދިން ރިވެތި އަޚްލާޤާއި ދަރުސްތަކަށް މާބޮޑުއިސްކަމެއް ދެވިފައެއް ނުވެއެވެ. ދާދި ފަހުން ކަމާބެހޭ ފަރާތްތަކުން މިހާރު އޮތްވަރުވެސް އެއީ އިޙްތިޔާރީ ގޮތެއްގައި ކިޔަވާ އެއްޗަކަށް ހެދުމަށް މަސައްކަތް ކޮށްފައި ވެއެވެ. ކޮންމެއަކަސް މަދަރުސާތަކަކީ އުނގެނުމަށް ހެދިފައިވާ މަރުކަޒުތަކެކެވެ. އެތަނުގައި އިސްލާމްދީނުގެ މާތްކާމާއި އެދީނުގެ އަސާސްތައް އުނގަނައި ދިނުމަށްވުރެ މުސްލިމް ދަރިވަރުންނަށް މުހިއްމު ނުވަތަ ބޭނުންތެރި އެއްޗެއް އޮވެދާނެތޯއެވެ.
"ދަރިފުޅާ ސްކޫލަށްދާން ތެދުވޭ. އެޔޮށް ހެނދުނު 6 ޖެހީ.. " މިއީ މިއަދު ގޭތެރޭގެ ޙާލަތެވެ. ފަތިސްނަމާދު ކުރަން ގޮވައިހެދުމެއް ނެތެވެ. ދަރިފުޅު އާދުވަހަކާ ކުރިމަތިލާނީ މަންމަ ނުވަތަ ބައްޕަވެސް ސްކޫލަށް ދާން ނުވަތަ އެނޫންވެސް ތަނަކަށް ދާން ގޮވާގޮވުމަކުންނެވެ. އެ މައިންބަފައިންނަކީ ނަމޫނާ ދައްކައި ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ އެޅިފައިވާ ބަޔަކަށް ވާއިރު އެމީހުން ނުކުރާކަމެއް ކުރަން ގިނަފަހަރު ނުވެސް ގޮވޭނެ ނޫންތޯއެވެ. ދެން މަދަރުސާ އާއި ޓިއުޝަންތަކަށް ފޮނުވުމުގެ އިތުރަށް މަންމަ އާއި ބައްޕަ ދަރިފުޅަށް ކޮމްޕިއުޓަރާއި އިންޓަނެޓާއި ކާޓޫން ސީޑީތައް ހޯދައިދިނުމަށް ވުރެ ލޯބިން މިއަދު ކޮށްދެވޭ އެހެން ކަމެއް ނެތެވެ. އެކުދިން ކާޓޫނުތަކުގައި ހުންނަ ކޮންމެކަހަލަ ގޯސް މަންޒަރެއް ނުވަތަ އަޑެއް އެހިޔަސް ހެޔޮވާނެއެވެ! މަންމަ އާއި ބައްޕަ އެކުއްޖާ އެކަނި އެ ކާޓޫނު ބަލަން ނުވަތަ އިންޓަނެޓަށް ވަންނަން ދޫކޮށްލާފައި އެމީހުންގެ މަސައްކަތުގައި ޝާމިލްވުމުން ނިމުނީއެވެ.
މިއަދު ބެލެނިވެރިކަމަކީ މީއެވެ. ކިހާ ފަސޭހަތޯއެވެ. ނަތީޖާއެއްގެ ގޮތުން މިގޮތަށް ގޭތެރޭގައި ބޮޑުވާ ކުދިން މުޖުތަމަޢުގައި ގިނަވެ އެދަނީ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އިސްލާމީ ރިވެތި އަޚްލާޤާއެކު ބޮޑުކުރުމަކީ މައިންބަފައިންގެ ވާޖިބެއްކަމުގައި ވީނަމަވެސް މިއަދު ދަރިންނަށް ގޭތެރޭގައި ތަރުބިއްޔަތު ދެވެނީ ނޭގިނަމަވެސް އިންޓަނެޓާއި ކާޓޫނުތަކުގެ އެހީގައެވެ.
އަޅުގަނޑުމެންގެ ހާލަތު މިއަދު މިދަރަޖައަށް ވެއްޓިފައިވާއިރު މިކަމާ ކަންބޮޑުވާ މީހުން ކިތަންމެ ގިނަކަމުގައި ވިޔަސް އަޅުގަނޑުމެން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް މަސައްކަތް ނުކުރައްވަނީ ކީއްވެތޯއެވެ؟ ހަމަ ނުބައިކަމާ ޖާހިލުކަމުންތޯއެވެ؟ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ލާދީނީ ގޮތްތަކާއި މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް މާބޮޑުކަމަކަށް ނަހަދައި ފާޅުގައި ކުރާތަނެވެ. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރީ އަޅުގަނޑުމެންނެވެ. މިކަމަށް އަޅުގަނޑުމެން ޒިންމާވާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ތެރޭގައ މިގޮތަށް ނުބައިކަންތައްތައް އާންމުވެއްޖެނަމަ އެންމެންގެ މައްޗަށް އާންމުވެގެންވާ ކޯފާއެއް އަތުވެދާނެކަމަށްޓަކައި ބިރުވެތިވަމާތޯ އެވެ.
މުޖުތަމަޢުގައި ފާޅުވެފައިމިވާ ނުބައިކަންތައްތައް ހުއްޓުވުމަކީ އެންމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަޅުގަނޑުމެން އުޅެންވީގޮތާއި ނޫޅެންވީގޮތް ވަނީ މުސްލިމުންގެ ދުސްތޫރު ކަމުގައިވާ ކީރިތިޤުރުއާނާއި ރަސޫލުﷲ ޞައްލައްﷲ އަލައިހި ވަސައްލަމަގެ ސުންނަތުގައި ބަޔާންކޮށްދެއްވާފައެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަޚްލާޤާއި މަދަރުސާތަކުގައި ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގައި ވެސް އަދި އަޅުގަނޑުމެންގެ ގެތަކާއި މަގުތަކަކީ އަމާން ބާއްވާޖަވެރި ތަނަކަށް ހެދުމަށްވެސް ހިފަންވީ އެދޭތީގައެވެ. މިކަމަށް މާތް ނަބިއްޔާ ހައްޖަތުލް ވަދާއުގައިވެސް އިޝާރަތް ކުރައްވާފައިވެއެވެ. އެހެންކަމުން މިއަދުގެ ޙާލަތު ބަދަލުކޮށް ހުރިހާކަމެއްގައި ވެސް ކީރިތި ޤުރުއާނާއި ރަސޫލު ޞައްލައް ﷲ އަލައިހި ވަސައްލަމަގެ ސުންނަތައް ރުޖޫއަވަމާތޯއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...