ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ހުސައިންރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދު އާއި ބައްދަލު ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު މިބައްދަލު ވުމަކީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަސައްކަތްތައް ތަޢާރަފް ކޮށްދެއްވުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ ޤާނޫންގެ 54 ވަނަ މާއްދާގެ ދަށުން ތައްޔާރު ކުރެވިފައިވާ 2013 ވަނަ އަހަރު ޔުނިވަރސީޓީ ރިޕޯޓު އެރުއްވުމަށް ބޭއްވުނު ބައްދަލު ވުމުކެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ހުސައިން ދެއްކެވި ވާހަކަފުޅުގައި ފާއިތުވީ އަހަރުގައި ޔުނިވަރސީޓީގައި ކުރެވުނު މަސައްކަތަށް އަލިއަޅުއްވާ ލައްވަމުން، ޔުނިވަރސިޓީއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން މައުލޫމާތު ޙިއްސާ ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ މި ރާއްޖޭގެ ތަރައްޤީއަށް ޓަކައި ވަރަށް މުހިންމު ތަނެއް ކަމަށާއި، ތަފާތު ރޮނގު ރޮނގުން ތަޢުލީމީ ރައްޔިތުން ބިނާކުރުމުގައި ޤައުމީ ޔުނިވާސިޓީގެ ދައުރު ފާހަގަ ކުރެއްވޭ ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ވައިސް ޗާންސެލަރ ޑރ. ޙަސަން ހަމީދާއި ޑެޕިއުޓީ ވައިސް ޗާންސެލަރ ޙުސައިން ޙަލީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...