ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތައް މަދުކުރުމަށް އާއްމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވެ ހޭލުންތެރިވާ ޖެހޭކަމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވެއްޖެއެވެ.
ޕޮލިސް ލައިފަށް މިއަދު ދެއްވި ބަސްތީގަތުމެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވީ މާލޭގައި ވައްކަމާއި ފޭރުން އިތުރުވަމުންދާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީ އެފަދަ ކުށްތައް މަދުކުރުމަށް މަސައްކަތްތަކެއް ކުރުމުގެ ގޮތުން ފުލުހުން ހަރަކާތްތަކެއް ފަށައިގެން ކުރިއަށް ގެންދާކަމަށާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ އިތުރުންވެސް އާއްމު ރައްޔިތުން މިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވާން ހޭލުންތެރިވާން ޖެހޭކަމަށެވެ. އަދި މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އާއްމު ރައްޔިތުން ސަމާލުކަންދެވިދާނެ ކަންތައްތަކެއް އެބަހުރިކަން ޗީފް އެސްޕީ ޢަލީ ޝުޖާޢު ފާހަގަކުރެއްވިއެވެ.
އެގޮތުން ގިނަ ޢަދަދެއްގެ ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވެ ފައިސާތައް ގެންދިއުމުގައި އެކަށްވުރެ ގިނަ މީހުންގެ އެހީތެރިކަނ ހޯދިދާނެކަމަށް އޭނާ ވިދާޅުވިއެވެ. ނޫންނަމަ އެފަދަ ޙާލަތުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަކީވެސް ކުރެވިދާނެ ކަމެއްކަމުގައި ޢަލީ ޝުޖާޢު ވިދާޅުވިއެވެ. އަދި އޮޑި ދޯނި ފަހަރުތަކުގައި އުޅުއްވާ ފަރާތްތަކުންވެސް ނިދުމުގެ ކުރިން ފައިސާއާއި އަގުބޮޑު ތަކެތި ފަސޭހައިން އަތު ނުޖެހޭނެ ފަދަ ތަނެއްގައި ރައްކާކުރުމަށާއި އޮޑިދޯނި ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުވެސް އެއްގަމަށް ފޭބުމަށް ބޭނުންކުރާ ފިލާ ބޭނުންކުރެއްވުމަށްފަހު ރޭގަނޑު ނިދިކުރައްވާއިރު ފަސޭހައިން އޮޑި ދޯނިފަހަރަށް އެއްގަމުން ނޭރޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުން މުހިއްމު ކަމުގައިވެސް ޗީފް އެސްޕީ ޢަލީ ޝުޖާޢު ވިދާޅުވިއެވެ.
މީގެއިތުރުން ގެތަކަށް ފަސޭހައިން ނުވަދެވޭ ގޮތަށް ގޭގެ ދޮރުތައް ތަޅުލުމާއި، ގެއަށް ވަދެ ނުކުމެ ހަދާ ފަރާތްތަކުގެ ހަރަކާތްތައް ބެލުމާއި ގޭތެރޭގައި ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެތި ރައްކާތެރި ތަނެއް ފޮރުވުމަކީވެސް ވައްކަން ކުރަން އުޅޭ މީހުންގެ ކިބައިން އެފަދަ ތަކެތި ސަލާމަތްކުރެވިދާނެ ކަމެއްކަމަށާއި ގެއިން ބޭރަށް ވަޑައިގަންނަވާއިރު ގޭގެ ދޮރުތައް ތަޅުލެވިފައިވާ ވޭތޯ ރަގަޅަށް ޗެކްކުރެެއްވުމަކީވެސް ކުރެވިދާނެ ކަމެއްކަމަށް ސުޖާޢު ވިދާޅުވިއެވެ. އަދި ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކުރައްވައި ފުލުހުންނާ އެ މަޢުލޫމާތު ޙިއްސާކުރެއްވުމަށްވެސް އެދިލެއްވިއެވެ
ޢަލީ ޝުޖާޢު ވިދާޅުވީ ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުންގެ މަސައްކަތް އިތުރުކޮށްފައިވާއިރު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ، މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދެވިއްޖެނަމަ ވައްކަން ކުރާ ފަރާތްތަކަށް ވައްކަން ކުރުމަށް ލިބޭ ފުރުޞަތު ހަނިކޮށް ވައްކަމުގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނެވިދާނެކަމަށެވެ. ހަމައެހެންމެ ރައްޔިތުންގެ ފަރާތުން މިކަމުގައި އަދި އެހެނިހެން ކަންކަމުގައިވެސް ފުލުހުންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަ ކުރައްވައި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޗީފް އެސްޕީ ޢަލީ ސުޖާޢު އިތުރަށް ވިދާޅުވީ ކުރިމަތީގައި އޮތީ ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ދުވަސްވަރަކަށް ވުމާއި ރަމަޟާން މަހަށް ތައްޔާރުވަމުންދާ ދުވަސްވަރެއް ކަމުން މާލޭގެ ބައެއް މަގުތައް ކާރުބާރު ބޮޑުވާކަމަށާއި މަގު ބޭނުންކުރާ ފަރާތްތަކުންވެސް މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެފަދަ ގޮތަށް ކަންކަން ކުރެއްވުމަށާއި ދުއްވާ އުޅަނދުތައް ޕާކްކުރުމަށް ސަމާލުކަން ދެއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަ ތައް މަދުކުރުމަށް އާއްމުން ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...