އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސްގެ ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު 06 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. މަސްތުވާތަކެތީގެ މި މައްސަލަތަކާއި ގުޅިގެން މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނ.މަނަދޫއިންނާއި ގއ.ދާންދޫއިންނާއި ހއ.އިހަވަންދޫއިންނާއި ލ.ގަމުގެ އިތުރުން ސ.ހިތަދޫއިންނެވެ.
އެގޮތުން ނ.މަނަދޫގައި މަސައްކަތްކުރާ ފުލުހުންންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 31 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިޑިސެމްބަރ މަހުގެ 29 ވަނަދުވަހުގެ މެންދުރު 12:35 ހާއިރުއެވެ. ވައްކަމާއި މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރަނިކޮށް އޭނާ ބިންމައްޗަށް ވައްޓާލި ރަބަރު ޕެކެޓެއްގެ ތެރެއިިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓާއި 2 ކަރުދާސްކޮޅު ފެނިފައިވެއެވެ. އަދި އޭނާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭ ގިފިލި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓާއި 7 ކަރުދާސްކޮޅު ފެނިފައިވެއެވެ.
މީގެއިތުރުން ގއ.ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު 48 އަހަރުގެ ފިރިހެނަކު 29 ޑިސެމްބަރ ވަނަދުވަހުގެ ހެނދުނު 11:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވެއެވެ. މިމައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ހުރި ސަރަޙައްދު ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ހަމައެއާއެކު ހއ.އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ ފިރިހެނަކު 28 ޑިސެމްބަރ ވަނަދުވަހުގެރޭ 22:47 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވާއިރު މި މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނަގެ އަނގައިގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ލ.ގަމުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު 30 އަހަރުގެ ފިރިހެނަކު 29 ޑިސެމްބަރ ވަނަދުވަހުގެ މެންދުރު 12:05 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވެއެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީއާއި ވައްކަމުގެ އިތުރުން ބަދްއަޚްލާޤީ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. މި މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އެވަގުތުހުރި ފަޅުގޭގެ ފާޚާނާގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މީގެއިތުރުން ސ.ހިތަދޫއިން ސ.މަރަދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސ.ހިތަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ދިރުވާލައިގެން ހުރިކަމުގެ ތުޙުމަތުގައި 36 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކު 29 ޑިސެމްބަރ ވަނަދުވަހުގެ މެންދުރު 13:50 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މަސްތުވާތަކެތީގެ މި މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...