ޒުވާނުންނަށާއި ފުރާވަރުގެ ކުދީންނަށް ޚާއްސަކޮށްގެން ފުލުހުން ކުރިއަށް ގެންދާ ބްލޫޒް ފޮރ ޔޫތު ކޭމްޕް އައްޑޫ ސިޓީގައި ފަށައިގެން ކުރިއަށް އެބަދެއެވެ.
2013 ޑިސެމްބަރު 28 ވަނަދުވަހު އައްޑޫ ސިޓީ ހައި ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޭމްޕް އިފްތިތާޙްކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާންއެވެ.
މި ކޭމްޕު އިފްތިތާޙްކޮށްދެއްވުމަށްފަހު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ދެއްކެވި ވާހަކަފުޅުގައި މި ކޭމްޕުގެ ސަބަބުން ދަރިވަރުންގެ މެދުގައި ރަނގަޅު އަޚްލާޤާއި ސުލޫކް އަދި ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމުގެ ރޫހް އުފެދިގެންދާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މުސްތަޤުބަލުގައި ކަންކަން ނިންމުމުގައި އާއި ވަޒީފާގެ މާހައުލަށް ނިކުތުމަށް ތައްޔާރުވުމުގައި ކަންކުރަންވީ އެންމެ ރަނގަޅުގޮތް އޮޅުން ފިލައި މުޖުތަޢުގައި ހަރުދަނާ މީހެއްގެ ގޮތުގައި ބޮޑުވުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މި ކޭމްޕުގައި ދަރިވަރުންނަށް ގިނަ ހުނަރުތަކަކާއި ޢަމަލީ ކަންކަން ދަސްކޮށްދެވޭނެކަމަށާއި އެގޮތުން ކޭމްޕުގެ ބައިވެރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އަށަގަންނުވަން މަސައްކަތްކޮށްދީ ފުލުހުންގެ ތަމްރީނު ތަކުގެ ބައެއް ހުނަރުތަކާއި މުނިފޫހިފިލުމުގެ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޢުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ 30 ކުދީންނާއި އެކު ފެށިގެން ކުރިއަށްދާ މި ކޭމްޕަކީ މި ޑިސެމްބަރު 29 ން 2014 ޖެނުއަރީ 02 ވަނަދުވަހުގެ ނިޔަލަށް އިންޑޯ ކްލާސްތައް އައްޑޫ ހައި ސްކޫލްގައި އަދި ޕްރެކްޓިކަލް ކްލާސްތައް އައްޑޫ ސިޓީގައި ކުރިން ފުލުހުން ބޭނުންކުރަމުން ދިޔަ ޓްރެއިނިން ސްކޫލުގައި ކުރިއަށްދާ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދެވޭ ކޭމްޕެކެވެ.
ބްލޫޒް ފޮރ ޔޫތު ކޭމްޕު ކުރިއަށް ގެންދިޔުމުގައި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ހައި ސްކޫލުގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ ކެޑޭޓް ކޯ ގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ވަނީ ލިބިފައެވެ.
އައްޑޫ ސިޓީގެ ގިނަ ބެލެނިވެރީންގެ އެދުމާއިއެކު މި ކޭމްޕުގެ ދެވަނަ ބުރެއް 2014 ޖެނުއަރީ 05 ވަނަދުވަހު ފަށާގޮތަށް ހަމަޖެހިފައިވާތީ ކޭމްޕުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...