ރާއްޖޭގެ ޚަބަރު ރައީސް ޔާމީން ބުދަ ދުވަހު އިންޑިޔާ އަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ބުދަ ދުވަހު އިންޑިޔާ އަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ބުދަ ދުވަހު އިންޑިޔާ އަށް ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، އިންޑިޔާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 1 އިން 4 އަށެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ އަރިހަށާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ.

އަދި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި އިންޑިޔާގެ ރައީސް ބާއްވަވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަޙްމަދު ސިޔާމް މުޙަންމަދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ ޑޮކްޓަރ މަރްޔަމް ޝަކީލާއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ޣައްސާން މައުމޫނާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދުވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.