ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ޚާއްޞަ ސިޓީފުޅެއް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތިރު މުޙަންމަދަށް އަރުވައިފިއެވެ.
މި ސިޓީފުޅު އެރުވީ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ބޮޑުވަޒީރު މަހާތިރާ މިއަދު ހެނދުނު ބައްދަލު ކުރައްވައެވެ.
މި ސިޓީފުޅު އެރުވުމަށްފަހު ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ހެޔޮއެދުންތައް ޑޮކްޓަރ މަހާތިރަށް ރައްދުކުރެއްވިއެވެ.
އަދި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުން ބަދަހި ކުރެއްވުމަށް ޑޮކްޓަރ މަހާތިރު، މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވައި އެކި ދާއިރާތަކުގައި ތަރައްޤީ ކުރެއްވުމަށް ރާއްޖޭގެ މިހާރުގެ ސަރުކާރުންވެސް ބޭނުންފުޅުވާކަން ރައީސް މައުމޫން ހާމަކު ރެއްވިއެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި، މި ވޭތުވެދިޔަ 5 އަހަރު ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ، އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް މިހާރުގެ ސަރުކާރުން އަދި ރައީސް ޔާމީން އިސްނަނަގްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފުޞީލުވެސް ރައީސް މައުމޫން، ޑޮކްޓަރ މަހާތިރަށް އެރުވިއެވެ.
އަދި މި މަސައްކަތުގައި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުގެ އެއްބާރުލެއްވުން ރައީސް ޔާމީނުގެ ސަރުކާރަށް ބޭނުންފުޅުވާ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ޑޮކްޓަރ މަހާތިރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަހުނިޔާ ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުގައި ބަދަހިކުރެއްވުމަށް ރައީސް މައުމޫނުގެ ޒަޢާމަތުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ރައީސް މައުމޫނަށް ޝުކުރުއަދާކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...