ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށްލުމަށް ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލާގައި ޙުކުމްކޮށްފައިވަނީ ފ.ބިލެތްދޫ، ޖޭމުގަސްދޮށުގެ، ޙަސަން ޒަރީރު (52އ) ގެ މައްޗަށެވެ.
ޙަސަން ޒަރީރުގެ މައްޗަށް 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ 2013 ޖެނުއަރީ 09 ވަނަދުވަހު ފ.އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން ޙަސަން ޒަރީރުގެ މައްޗަށް ތުޙުމަތުކޮށް، ކުޑަކުއްޖަކަށް އެކިދުވަސްތަކުގެ މަތިން ޖިންސީ ހާނީއްކަކޮށްފައިވާކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލާގައި ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުންކޮށްފައިވާ ޙުކުމުގައި ބަޔާންކޮށްފައިވަނީ ދައުލަތުން ޙަސަން ޒަރީރުގެ މައްޗަށްކޮށްފައިވާ ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުން ބެލިބެލުމުން ދަޢުވާއަށް ޙަސަން ޒަރީރު އިންކާރުކުރާ ކަމުގައި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވި ނަމަވެސް، ދަޢުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި މައްސަލައާއި ގުޅިގެން ލިބެން ހުރި ލިޔެކިޔުންތަކާ ފ.ނިލަންދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ތައްޔާރުކޮށް ހުށަހަޅާފައިވާ މައްސަލައިގެ ރިޕޯޓާއި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ މެޑިކޯ ލީގަލް ރިޕޯޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮށްފައިވާ ތަޙުޤީޤާގުޅޭ ލިޔެކިޔުންތަކާ ބަޔާންތަކަށް ބަލައި މިތަކެއްޗަކީ، ޤާނޫނު ނަމްބަރު 2009/12 (ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މައްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން “ޖިންސީ ޢަމަލު ކުޑަކުއްޖަކާ އެކު ހިންގައިފިކަަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް ގޮތުގައި ބެލެވޭ ލިޔުންތަކެއްކަމަށާއި މީގެއިތުރުން އެޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާފަދައިން މި ކުޑަކުއްޖާއާ އެކު ޙަސަން ޒަރީރު ޖިންސީ އަމަލު ހިންގާފައިވާކަމަށް މި ކުއްޖާގެ ބައްޕައަށާއި ބައްޕަ ފަރާތުގެ ބޮޑުދައިތައަށާއި މި މައްސަލައާ ގުޅިގެން ކުއްޖާއާ ސުވާލުކުރި ފަރާތްތަކަށް ކިޔާދީފައިވާ ވާހަކަތަކުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ 5 ކަމެއް ހަމަވެފައިވާކަމަށް ޝަރީޢަތަށް ސާބިތުވާތީ އާއި މީގެއިތުރުން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވެސް ބަޔާންވެގެންވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި ސާބިތުވާ މިންވަރަށް ފ.ބިލެއްދޫ، ޖޭމުގަސްދޮށުގެ، ޙަސަން ޒަރީރު ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގާފައިވާކަމަށް ޝަރީޢަތަށް ސާބިތުވާތީ މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މައްދާގެ (ނ) އަށް ޙަވާލާދީ ޙަސަން ޒަރީރު 10 (ދިހައެއް) އަހަރަށް ޖަލަށްލުމަށް ޙުކުމްކުރީކަމަށެވެ.
މީގެއިތުރުން ޝަރީޢަތުގެ ފަރާތުންނާއި ޤާނޫނީ ޙުދޫދުތަކުގެ ތެރެއިން މަނާވެގެންވާ ބޮޑެތިވެގެންވާ އެންމެހައި ފާފަތަކާއި ކުދިފާފަތަކުން އެއްކިބާވެ އެފަދަ ކަންކަމުން ދުރުވެހުރުމަށް ޙަސަން ޒަރީރުއަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2013 ފެބްރުއަރީ 25 ވަނަދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...