ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޕީޕީއެމަށް ސޮއި ކުރައްވައިފިއެވެ.
ރައީސް ޑރ ވަހީދު ޕީޕީއެމަށް ސޮއި ކުރައްވާފައިވަނީ ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް ޑރ މުޙައްމަދު ވަހީދު ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާފައި ވާއިރު މި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނަށް ބައިވެރިވެ ވަޑައި ނުގަނެވުނީ އެމަނިކުފާނު ރާއްޖޭގައި ވަޑައިގެން ނެތުމުން ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ރައީސް ޑރ ވަހީދާއި އެކު އެމަނިކުފާނުގެ ޕާޓީގެ އިސް ގިނަ ޙަރަކާތްތެރިން ވެސް މިއަދު ވަނީ ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ.
އޭގެ ތެރޭގައި ރައީސް ވަޙީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމު ފުރުއްވާފައިވާ އަހްމަދު ތައުފީގް (ޓޯޕީ) އާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ އާއި ރައީސް އޮފީހުގެ ކުރީގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު އާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު އިލްޔާސް އިބްރާހީމް އާއި ކުރީގެ ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު އާއި ރައީސް ވަހީދުގެ އެޑުވައިޒަރެއްގެ މަގާމުގައި ކުރިން ހުންނެވި ޖައުފަރު އީސާ އަބްދުﷲ (ޖައުސާ ޖައުފަރު) ގެ އިތުރުން މަސީގެ ނައިބު ރައީސް އަދުނާން ހަލީމްގެ އިތުރުންވެސް ގިނަ އަދަދެއްގެ ބޭފުޅުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ މުޙައްމަދު ވަހީދު ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްއަށް ގުޅިވަޑައި ގަތުމަށް ނިންމެވީ، އަބަދުވެސް އެމަނިކުފާނު ވަކާލާތު ކުރެއްވި ބީދައިން އެންމެ އެކުގައި ކުރިޔަށް ވަޑައިގަތުމުގެ ވިސްނުން ފުޅުގައި ކަމަށެވެ.
އަދި އެ ގޮތަކީ މިވަގުތު ގައުމަށް އެންމެ ރަނގަޅު އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށާއި، ޤައުމުގައި އޮތް ބައިބައިވުންތައް ނައްތާލެވޭނީ ގުޅިގެން އެންމެންގެ މަސައްކަތުން ކަމަށް ރައީސް ޑރ ވަޙީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމާއި އެކު އެ ޕާޓީން ކުރާ މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ޑރ ވަޙީދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ ފިޔަވާ ސިޔާސީގޮތުން ބުރަދަންހުރި ހުރިހާ ޕާޓީއެއް މިހާރު ޕީޕީއެމްއާ ގުޅިފައިވާ ކަމަށެވެ.
ރައީސް ވަޙީދު ޕީޕީއެމަށް ސޮއި ކުރެއްވުމާއި އެކު ރައީސުލް ޖުމްހޫރިއްޔާ ކަން ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ތިން ރައީސުން މިވަގުތު ތިއްބަވާނީ ޕީޕީއެމްގަ އެވެ.
އަދި އިދިކޮޅު އެމްޑީޕީގައި ވެސް ކުރީގެ ރައީސް ކަން ކުރެއްވި ނަޝީދު ގެންދަވަނީ ސިޔާސީ ގޮތުން ކުރި ހޯއްދެވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...