މިހާރު މިއޮތް ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ކިތަންމެ ގޮނޑިއެއް ހުސްވި ނަމަވެސް ދެން މި މަޖިލީހުން ހުސްވާ އެއްވެސް ގޮނޑި އަކަށް މެންބަރަކު އިންތިޚާބު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޢަލީ މުޙައްމަދު މަނިކު ވިދާޅުވީ، މިހާރު ހުސްވެފައިވާ ތިން ގޮނޑިގެ އިތުރުން މަޖިލީހުން އިތުރު ގޮނޑި ތަކެއް ހުސްވި ނަމަވެސް ދެން އެއްވެސް ގޮނޑިއެއްގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ނުކުރާނެ ކަމަށާއި، ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ ޤާނޫނު އަސާސީގައި ބުނާ ހަ މަސްދުވަހުގެ މުހުލަތު މި ދެމެދުން ނުލިބޭތީ ކަމަށެވެ.
އެހެން ކަމުން ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ގޮނޑި އަކަށް އަލަށް މެންބަރަކު އިންތިޚާބު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިހާރު މިއޮތް މަޖިލީހުން ކިތަންމެ ގޮނޑިއެއް ހުސްވިޔަސް މެންބަރަކު އިންތިޚާބު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާއިރު ރައްޔިތުންގެ މަޖިލީހުން މިހާރު ވެސް ވަނީ ތިން ގޮނޑިއެއް ހުސްވެފައެވެ.
މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑީގައި އިންނެވި ޢަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މުލަކު ދާއިރާގެ ގޮނޑި ހުސްވެފައި ވާއިރު، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އިތުރުން އަލިފުށީ ދާއިރާގެ ގޮނޑި ވެސް ވަނީ ސާބިތު ދަރަނީގެ މައްސަލަ އަކާއި ގުޅިގެން ހުސްވެފައި ވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައެވެ.
ޤާނޫނު އަސާސީގެ ހަތްދިހަ އަށް ވަނަ މާއްދާގައި, ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިވެއްޖެނަމަ ހުސްވާ ގޮނޑިއަށް ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން މަޖިލީހުގެ އިންތިޚާބާ ދެމެދު ވަނީ ހަމަސް ދުވަހަށްވުރެ ކުރު މުއްދަތެއް ނަމަ، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރަން ނުޖެހޭނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...