އަންނަ ޖެނުއަރީ މަހުގެ 18ަ ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަންސް ކޮމިޝަނުން މިއަދު އިޢުލާނު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކަށް އަންނަ ހޯމަދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމާއި ހަމަ އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ.
އެގޮތުން، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އިންތިޚާބަށް ކުރިމަތި ލުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާކަމަށާއި ހުކުރުދުވަހު ފޯމް ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރަށު ކައުންސިލަށް ކުރިމަތި ލުމަށް ފޯމް ހުށަހަޅާނީ، އެ ރަށެއްގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ކޮމިޓީއަށް ކަމަށާއި، އަތޮޅު ކައުންސިލަށް ކުރިމަތިލާ ފަރާތް ތަކުން އެކަމަށް އެދި ހުށަހަޅާނީ އެ އަތޮޅެއްގެ އިލެކްޝަންސް ޔުނިޓުގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ކޮމިޓީއަށް ކަމަށެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހެނީ އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާއަށް ކަމަށް އެ ކޮމިޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވެއެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 1118 މީހުން އިންތިޚާބު ކުރަން ޖެހެ އެވެ.
އެއީ ރަށު ކައުންސިލްތަކަށް 975 މީހުންނާއި އަތޮޅު ކައުންސިލްތަކަށް 120 މީހުންގެ އިތުރުން މާލެ ސިޓީ ކައުންސިލަށް 11 މީހުންނާއި އައްޑޫ ސިޓީ ކައުންސިލަށް ހަ މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ކުއްލި ގޮތަކަށް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް މިއަދު އިޢުލާނު ކޮށްފައި މިވަނީ މިހާރު ޤާނޫނުގައި އޮތް ގޮތަށް ލޯކަލް ކައުންސިލް ތައް ހިންގުމަކީ ދައުލަތަށް ލިބޭ އާމްދަނީ އާއި އަޅާބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކައުންސިލް ތަކުގެ މެންބަރުންގެ ޢަދަދާއި މުސާރަ އަށް ރިޢާޔަތް ކުރައްވައި އެެ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މި ޤާނޫނަށް އިސްލާހު ގެނެސް ދައުލަތުގެ ޚަރަދު ތައް ކުޑަކުރުމަށް މަޖިލީހުގައި ތިއްބެވި ސަރުކާރާއި އެއްކޮޅު މެންބަރުންނަށާއި، އިދިކޮޅު މެންބަރުންނަށް ވެސް ގޮވާލައްވާފައެވެ.
ރައީށް ޔާމީން ވަނީ ދައުލަތުގެ ޚަރަދު ކުޑަ ކުރެއްވުމުގައި އިސްނަންގަވައި ނަމޫނާ ދެއްކެވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބެވި ސިޔާސީ ހުރިހާ މުވައްޒަފުން މަޤާމުން ވަކިކުރައްވައި، ރައީސް އޮފީހުގައި ސިޔާސީ މުވައްޒަފުން ނުގެންގުޅުެއްވާނެ ކަމަށް ވިދާޅުވެ، މި ނަމޫނާ އާއި އެއްގޮތަށް ޢަމަލު ކުރުމަށް ދައުލަތުގެ ވުޒާރާ ތަކާއި މުއައްސަސާ ތަކަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...