ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ކެބިނެޓަށް ފަސް ވަޒީރަކު ޢައްޔަން ކުރައްވައިފި
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެެ ކެބިނެޓަށް ފަސް ބޭފުޅަކު މިރޭ ޢައްޔަން ކުރައްވައިފި އެވެ.
މި ފަސްބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިރޭ 8.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިންގެ ކުރިފުޅުމަތީގައެވެ.
ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަޒީރުންގެ މަޖިލީހަށް މިރޭ ޢައްޔަން ކުރެއްވި ފަސް ވަޒީރުން ޢައްޔަނު ކުރައްވާފައި ވާއިރު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް ޢައްޔަން ކުރައްވާފައި ވަނީ މިހާރުވެސް އެ މަޤާމް ފުރުއްވަމުން ގެންދަވާ ކާނަލް (ރިޓަޔަރޑް) މުޙަންމަދު ނާޒިމެވެ.
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް ވެސް ޢައްޔަން ކުރައްވާފައި ވަނީ މިހާރުވެސް ފިނޭންސް މިނިސްތަރު ކަމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ.
އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމަށް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭކަނބަލެއް ކަމަށްވާ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި، އަލްފާޟިލާ ދުންޔާ މައުމޫން އަލަށް ހަމަޖައްސަވާފައި ވާއިރު، މިނިސްޓަރ އޮފް ޓޫރިޒަމް ކަމަށް އައްޔަން ކުރައްވާފައި ވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ޕީޕީއެމްގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް ވެސް ހަމަޖައްސަވާފައި ވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަލްފާޟިލް އަމީން އިބްރާހީމެވެ.
މި ފަސްބޭފުޅުންނަށް ފަތްކޮޅު ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި، މިރޭ މި ޢައްޔަނު ކުރެއްވީ، މިހާރުން މިހާރަށް މަޤާމުތަކަށް ހަމަޖައްސަވަން ބޭނުންފުޅުވާ ބޭފުޅުން ކަމަށް ވިދާޅުވެ، ދައުލަތަށް އިޚްލާޞްތެރިކަމާއި މުރާލިކަމާއެކު އެބޭފުޅުންގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ޚިދްމަތް ކޮށްދެއްވުމަށް އެބޭފުޅުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ޚިދްމަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ފަސް ވަޒީރުންނަށް މަގާމުގެ ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނެވެ. ރަސްމިއްޔާތުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...