ކޮމަންވެލްތަކީ އިސްތިއުމާރީ ޖަމާޢަތެއް ކަމަށާއި އެ ޖަމާޢަތުން ރާއްޖެ ވަކިވުމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފި އެވެ.
އިސްލާމިކް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިކަމަށް ގޮވާލައްވާފައި މިވަނީ ރާއްޖޭގައި
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމާއި ގުޅިގެންނެވެ. ކޮމަންވެލްތުގެ ގޮތްޕެއް ކަމަށްވާ ސީމެގްގެ އެޖެންޑާގައި މިއަދު ދިވެހި ރާއްޖެ ހިމަނާފައި ވާއިރު، އެ ޖަމާޢަތުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންވަން ވާވަރަށްވުރެ ބޮޑަށް ވަންނަމުން ގެންދާ ކަމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް ސިޔާސީ ޕާޓީ ތަކުން ވެސް ވަނީ ބުނެފަ އެވެ.
ޝްރީލަންކާގެ ވެރިރަށް ކޮޅުނބުގައި މިއަދު ބޭއްވި ބައްދަލު ވުމަކަށް ފަހު ކޮމަންވެލްތުގެ އެތެރޭގައި ޙަރަކާތްތެރިވާ ގުރޫޕެއް ކަމަށްވާ ސީމެގްގެ އެޖެންޑާގައި މިއަދު ރާއްޖެ ހިމަނާފައި ވަނީ އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ފާޑު ކިޔަމުން ގެންދާ ކެނެޑާފަދަ ޤައުމު ތަކުގެ ވަރަށް ބޮޑު ބާރުއެޅުމަކާއި އެކުގައިކަން ފާހަގަ ކޮށްލެވެއެވެ.
އިނގިރޭސި ވިލާތުގެ އިތުރުން ކޮމަންވެލްތާއި ވިލާތުގެ އިއްތިޙާދު ފަދަ ޖަމާޢަތްތަކުން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ފަހަކަށް އައިސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ވާކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް ޕާޓީ ތަކުގެ އިސް ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...