މިސްރުގެ ރައީސްއަކީ އަދިވެސް މުރްސީ ކަމަށް މިއަދުގެ ކޯޓު އަޑުއެހުމުގައި ޑރ މުޙައްމަދު މުރްސީ ވިދާޅުވެއްޖެއެވެ.
ބަޣާވާތަކުން ވެރިކަމުން ދުރުކޮށްފައިވާ ޑރ މުޙައްމަދު މުރްސީގެ ޝަރިޢަތް ފެށުމަށް ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޑރ މުރްސީ ވިދާޅުވެފައިވަނީ އެމަނިކުފާނަކީ އަދިވެސް މިސްރުގެ ރައީސް ކަމަށާއި ކޯޓަކީ ޤައިރު ޤާނޫނީ ކޯޓެއްކަމަށެވެ.
"އަޅުގަނޑަކީ އަދިވެސް މިސްރުގެ ރައީސް. މިކޯޓަކީ ޤައިރު ޤާނޫނީ ކޯޓެއް" މުރްސީ ވިދާޅުވިއެވެ.
މިއަދުގެ ކޯޓުގެ އަޑުއެހުމަށް މުރްސީ ގެނެސްފައިވަނީ ހައްޔަރު ކޮށްފައި ހުރި ތަނުން ވައިގެ މަގުން ހެލިކޮޕްޓަރ އެއްގައެވެ. އަދި މުރްސީއާއެކު ދަޢުވާ ލިބޭ އަނެއް 14 މީހުން ޝަރީއަތުގެ މަޖްލިސްއަށް ގެނެސްފައިވަނީ ކައިރޯގައި އެމީހުން ބަންދުކޮށްފައި ތިބި ޖަލުން ހަތިޔާރުއެޅި އަސްކަރީ އުޅަނދުތަކުގައެވެ. ޝަރީޢަތް ހިންގާ ކޯޓުކައިރިއަށް މުރްސީއަށް ތާއިދު ކުރާ އެތައްބަޔަކު އެއްވެފައިވާއިރު އެހިސާބުގެ ސަލާމަތީ ކަންތައްވަނީ ވަރުގަދަކޮށްފައެވެ.
މީޑިއާ ރިޕޯރޓުތައް ބުނާގޮތުން މުރްސީ ތުރުކުރައްވައިގެން ހުރި ހެދުމުގެ ސަބަބުން ޤާޒީވަނީ ޝަރީޢަތުގެ މަޖްލިސް ކުރިއަށް ގެންދިއުން ވަގުތު ކޮޅަކަށް ހުއްޓާލާފައެވެ. ޤަވައިދުތައް ބުނާގޮތުން ޖަލުގައި ހައްޔަރުކުރެވޭ މީހުން އެމީހުންގެ މައްޗަށް ކުށެއް ނުކުރާކަމަށް ސާބިތު ވަންދެން ހުންނަން ޖެހޭނީ ހުދު ކުލައިގެ ޖަލު ހެދުމުގައެވެ. ނަމަވެސް އަސްކަރީ ތަރުޖަމާނާ ހަވާލަދީ އަލް ޖަޒީރާއިން ހާމަކުރާ ގޮތުގައި މުރްސީ ވައިގެ މަގުން ކޯޓަށް ހާޒިރު ކުރެވުނު އިރުވެސް ހުންނެވީ ކޯޓާއި ފަޓުލޫން ތުރުކުރައްވައިގެން ނެވެ.
ޝަރީޢަތުގެ މަޖްލިސްގައި ޑރ މުރްސީ، އެމަނިކުފާނަށް ބޭއިޙްތިރާމް ކޮށްފައި ވާކަމަށް ވިދާލުވުމަށްފަހު ވިދާޅުވީ އެމަނިކުފާނުގެ ފުށުން ވަކާލާތު ކުރުމަށް ކޯޓުގައި އެއްވެސް މީހަކު ހުންނާނެނަމަ އެ މީހަކީ ޚުދު އެމަނިކުފާނު ކަމަށެވެ.
ޑރ މުރްސީގެ މައްޗަށް ޝަރީއަތް ހިންގަނީ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިޔާސީ ގަނޑުވަރުގެ ބޭރުގައި މުޒާހަރާ ކުރި ބަޔަކު މެރުމަށް ރޭއްވެވިކަމުގެ ތުހުމަތުގަ އެވެ. މިދައުވާ މުރްސީގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަރަން ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މުރުސީގެ މައްޗަށް އުފުލިފައިވާ ހަމަނުޖެހުން ހިންގުމާއި މީހުން މެރުމުގެ ދަޢުވާގެ ދެން އޮތް އަޑުއެހުން ބާއްވަން ހަމަޖެހިފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
މިސްރުގެ ސެކިއުލަރ އަސްކަރިއްޔާއިން ހިންގި ބަޣާވާތުގައި މުރްސީ ވެރިކަމުން ދުރުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 3 ވަނަދުވަހުއެވެ. އެކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ވަނީ ހާހެއްހާ މީހުން މަރުވެފަ އެވެ. އަދި މުރްސީ ނިސްބަތްވާ މުސްލިމް ބުރަދަހުޑުގެ އެތައް ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...