ކުރީގަ އުޅުނު ޞާލިޙް މީހަކު ބުންޏެވެ. "ރައްކާ ކުރެވިފައިވަނީ: 'ޞިފާޠު އައް-ޞަފްވާ 2/452"
"މިޞްރުގެ އަވަށެއް ކައިރިން އަހަރެން ރިބާޠު (މުސްލިމުންގެ ޞަފުތަކުގެ ކުރިތައް ކާފަރުންގެ ކިބައިން ރައްކާތެރިކުރުން) ގައި މަސްއޫލު ވުމަށް ދިޔައީމެވެ. ކުއްލިއަކަށް އަހަރެންނަށް އަނދިރީގެ ތެރޭގައި އިން މީހެއްގެ ކައިރިންދެވުނެވެ. އޭނާގެ ލޮލެއް، އަތެއް އަދި ފަޔެއްވެސް ނެތެވެ. ހުރިހާ ވައްތަރެއްގެ ވޭނެއް ތަޙައްމަލު ކުރަމުންދާ މީހެކެވެ. ނަމަވެސް ކިޔަމުން ދިޔައީ ކީކޭތޯއެވެ؟ "އޭ ﷲ، ހުރިހާ ޙަމްދެއްވަނީ އިބަރަސްކަލާނގެއަށެވެ – އެ ޙަމްދެއްގައި އިބަރަސްކަލާނގެ ހުރިހާ ޚަލްޤުތަކުންގެ ޙަމްދު އެކުލެވިގެންވާ ޙަމްދެކެވެ – އެއީ ތިމަންނައަށް އިބަރަސްކަލާނގެ ދެއްވި ނިޢުމަތްތަކުގެ ސަބަބުންނެވެ، ހަމަ އެއާއި އެކު އިބަރަސްކަލާނގެ ގިނަ ޚަލްޤުތަކުންގެ މައްޗަށް މިއަޅާ މާތްކުރެއްވި ކަމަށްޓަކައެވެ. "
އެހިނދު އަހަރެން އޭނާއަށް ބުނީމެވެ: "ތިބާ ﷲ އަށް ޙަމްދު ކުރަނީ އެކަލާނގެ ތިބާއަށް ދެއްވި ކޮން ނިޢުމަތަކާއި ހުރެހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ، ތިބާ ތަޖުރިބާ ކުރަމުންތިދާ ވޭންތައް ފިޔަވައި އިތުރުވޭނެއް ތިމަން ނުދެކެމެވެ!"
އޭނާ ބުންޏެވެ: "ތިމަންނައަށް މިވެފައި ހުރިގޮތް ތިބާއަކަށް ނުފެނޭހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ، އެކަލާނގެ ތިމަންގެ މައްޗަށް އުޑުން އަލިފާނުގެ ވާރޭ ވެއްސެވިޔަސް، އަދި އެ އަލިފާނުގެ ސަބަބުން ތިމަން އަނދާ ހުލިވިޔަސް، އަދި އެކަލާނގެ އަމުރުކުރައްވައިގެން ފަރުބަދަތައް އައިސް ތިމަން ޗިސްޗިސް ކޮށްލިޔަސް، އަދި އެކަލާނގެ އަމުރުކުރައްވައިގެން ކަނޑުތައް ތިމަން ޣަރަޤުކުރެއްވިޔަސް އެކަލާނގެއަށް ޙަމްދާއި ޝުކުރު ކުރުން ފިޔަވައި އިތުރު ނުކުރާހުށީމެވެ. އަދި ތިމަންގެ އެދޭ އެދުމެއް އެބައޮތެވެ: އަހަރެންނަށް ޚިދުމަތްކޮށްދީ، އެކުގައި ރޯދަ ވީއްލާއުޅޭ އަންހެންދަރިއަކު ތިމަންގެ ހުރެއެވެ. ތިބާ ނިކަން އެކުއްޖާފުޅު ފެނޭތޯ ހޯދައިބަލާށެވެ!
އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ: " ﷲ ގަންދީ ބުނަމެވެ، މި ތަޤުވާވެރި މީހާގެ އެދުން ފުއްދައިދީ ﷲ ޖައްލަ ޖަލާލަހޫ އާ ކުއްތަންވުމަށް ތިމަން އުއްމީދުކުރަމެވެ." ދެން އަހަރެން އެކުއްޖާ ހޯދުމާއިގެން ސަހަރާގެ ތެރެއަށް ނިކުތުމުން އެކުއްޖާފުޅުވަނީ މިނިކާ ޖަނަވާރެއްގެ ޝިކާރައަކަށްވެފައިކަން އެނގިއްޖެއެވެ. އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން! އެ ތަޤުވާވެރި މީހާއަށް އޭނާގެ ދަރިފުޅުވަނީ މަރުވެފައިކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ދެން އަހަރެން އޭނާ ކައިރިއަށް ގޮސް އޭނާ ކުރެން އެހީމެވެ: " ތިބާއާއި އައްޔޫބު ޢަލައިހިއްސަލާމް އާއި ދެމީހުންކުރެ ﷲ ހަޟުރަތުގައި މާތްވެގެންވަނީ ތިބާ ހެއްޔެވެ؟ ﷲ އެކަލޭގެފާނު އިމްތިޙާނުކުރެއްވީ އެކަލޭގެފާނުގެ މުދަލާއި، ދަރިންނާއި އަދި ޢާއިލާ މެދުވެރިކޮށެވެ."
އޭނާ ޖަވާބު ދިނެވެ. "ނޫން، އައްޔޫބު އަހަންނަށްވުރެ މަތިވެރި!"
އަހަރެން ބުނީމެވެ: "އެންމެ ރަނގަޅު، ތިބާ ހޯދުމަށް އަހަރެންކައިރީ އެދުނު ދަރިފުޅުވަނީ، މިނިކާ ޖަނަވާރުތައް ކައިލާފައި ކަމަށް އަހަންނަށް އެނގިއްޖެ!"
އޭނާ ބުންޏެވެ:"އަލްޙަމްދުލިﷲ އެކަލާނގެއީ މިދުނިޔޭގެ މައްޗަށް އަހަރެންގެ ހިތުގައި އެއްވެސް ލޯތްބެއް ނުޖައްސަވާ މި ދުނިޔެއިން އަހަރެން ނެރުއްވި ފަރާތް" އެއަށްފަހު އޭނާ ވެއްޓި މަރުވެއްޖެއެވެ.
އަހަރެން ބުނީމެވެ. " އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން! މިމީހާ ހިނަވައި ވަޅުލުމަށް އަހަރެންނަށް އެހީތެރިވެދޭނީ ކާކުބާ؟
ކުއްލިއަކަށް ރިބާޠަށް ދިއުމަށް ގަސްދުކޮށް ދަތުރުކުރަމުން ދިޔަ ބައެއް އަހަރެން ފަހަނައަޅާ ދާންފެށިއެވެ، އެހިނދު އަހަރެން އެމީހުންނަށް ހުއްޓުމަށް އިޝާރާތްކުރީމެވެ. އެމީހުން އައުމުން ކަންތައް ވެގެން ދިޔަގޮތް އޮޅުންފިލުވައިދިނީމެވެ. ދެން އެމީހާގެ ހަށިގަނޑު ހިނަވައި، ކަފުންކޮށް، މި އަވަށުގައި ވަޅުލައިފީމެވެ. އެއަށްފަހު އެއްކަލަ ގްރޫޕްގެ މީހުން އެމީހުންގެ ދަތުރަށްފެށިއެވެ.
އަހަރެން އެ މީހާއާ ވަކިވާން ނުކެރިގެން އެރޭ ރޭކުރީ އެ އަވަށުގައެވެ. އެރޭގެ ތިންދަން ފަހަނައެޅިފަހުން އެމީހާއާއި އެކުގައި ފެހި ކުލައެއްގެ ބަގީޗާއެއްގައި އަހަރެން ހުއްޓާ ހުވަފެނެއްފެނިއްޖެއެވެ. އޭނާ ލައިގެން ހުރީ ވަރަށް ރިވެތި ފެހިކުލައިގެ ދެފޭރާމެވެ. އަދި އޭނާ ހުރީ ކޮޅަށް ތެދުވެ ޤުރުއާން ކިޔަވާށެވެ.
އަހަރެން ބުނީމެވެ: "އިއުޔެ އަހަރެންނާއި އެކުގައިވީ ތިބާނޫންހެއްޔެވެ؟"
އޭނާ ބުންޏެވެ: "އާއެކެވެ، އެއީ އަހަންނެވެ."
އަހަރެން ބުނީމެވެ: "ތިބާއަށް ތިޙާލަތަށް (ރަނގަޅު ޞިއްޙަތަކާއި، އުފާވެރިކަމަށް) އާދެވުނީ ކިހިނެއް؟"
އޭނާ ބުންޏެވެ: "އެއްވެސް ބަލިމީހަކަށް ނުދެވޭފަދަ މަތީ ދަރަޖައަކަށް އަހަރެން މި ހުރީ ވާސިލްވެފައި، އެކަމަކު ބަލިޙާލުގައި ކެތްކޮށް ނިޢުމަތުގެ ވަގުތުގައި ޝުކުރުކުރިމީހާ ފިޔަވައި.""
ސުބުޙާނަﷲ، މިއީ ދުނިޔެމަތީގައި އެ މީހެއްގެ ދެއަތާއި، ދެފަޔާއި، އަދި ދެލޮލުގެ ނިޢުމަތުން މަޙުރޫމް ވެފައިވި މީހެއްގެ ވާހަކަ. ޔާ ﷲ! އަޅަމެންނަކީ މިފަދަ ތަޤުވާވެރިކަން ހިތުގައި ލައްވާފައިވާ ބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!
ކޮމެންޓް (0)
ލޯޑް ކުރަމުން...