ޚުތުބާ ވިދާޅުވާ ޚަތީބުންނާއި ވައުޟު ވިދާޅުވާ ވާއިޟުންގެ ދޫފުޅުމަތިން އެންމެ ގިނައިން އިވެމުންދާ އެއްވާހަކަޔަކީ ނިފާޤުކަމުގެ ވާހަކައެވެ. އެކަމުގެ ހުރި ނުބައިކަމާއި ނުރައްކާތެރިކަމުގެ ވާހަކައެވެ. ޤިޔާމަތްދުވަހު މުނާފިޤުން ތިބޭހުށީ ޖަހަންނަމައިގެ އެންމެ އަޑީގައި ކަމަށާއި، އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުރިކަމުގެ ވާހަކައެވެ. ދުނިޔެމަތީގައްޔާއި އާޚިރަތުގައިވެސް އެބައިމީހުންނަށް އޮތް ނިކަމެތުކަމުގެ ވާހަކައެވެ.
ނިފާޤުކަމަކީ ކާފިރުކަން ހިތުތެރޭގައި ވަންހަނާކޮށްގެން، އީމާންކަމަށާއި މުއުމިނުންދެކެ ނަފުރަތު ކުރާޙާލު ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅުންކަމުގައި ދަންނަބޭކަލުން ވިދާޅުވާތީ އަބަދާއި އަބަދު އިވެމުންދޭއެވެ. އެފަދައިން އުޅޭ މީސްތަކުންނަށް ތާއަބަދު ކާފިރުކަން އެތެރެހަށީގައި ވަންހަނާކޮށްގެން ނުތިބެވޭކަމީ ލޯމަތިން ފެނަމުންއަންނަ ޙަޤީޤަތެކެވެ. އެފަދަ ބަދުނަޞީބުވެރިންގެ ކާފިރުކަން ފާޅުވެ، އުތުރިއަރައިގަންނާނީ މުޞީބާތްތައް މެދުވެރިވާ ހިނދުގައެވެ. ނުވަތަ އިސްލާމްދީނުގެ އަހުލުވެރިން ނިކަމެތިވާކަމުގެ ކުށްހީ އެއުރެންނަށް ކުރެވޭ ހިނދުކޮޅުތަކުގައެވެ. އެގޮތަކީ އެފަދަ މީސްތަކުން ތާއަބަދު ފާރަލަމުންދަނީ މުއުމިންތަކުންނާއި ދިމާކޮށް އިސްލާމްދީނަށް ފުރައްސާރަކޮށް ގަދަކީރިތިވަންތަ ﷲއަށް ތަހައްދީކުރާނެ ފުޞަތަކަށް ކަމަށްވާތީއެވެ.
އީމާންކަން ފެށިގެންއަންނަ ހިނދު މުއުމިނުންނަށް ބޮޑެތި އަނިޔާއާއި ވޭން ތަޙަންމަލު ކުރަންޖެހެނީ އެއުރެން ބިންމަތީގައި ނިކަމެތިވެގެން ވާތީއެވެ. އެހެންކަމުން އެހިނދު އީމާންކަމުގެ ދާއިރާގެތެރެއަށް ވަދެގަންނަ ކޮންމެމީހަކުމެ ވަދެގަންނަނީ ސާފު ހިތަކާއިގެން ރަގަޅު އިޚްލާޞްތެރިކަމާއެކުގައެވެ. ނަމަވެސް މުއުމިންތަކުންގެ ބާރުގަދަވެ، އީމާންކަން ކުރިއަރައި ފެތުރެންފެށީމާ އިސްލާމްކަމުގެ ލިބާސް ބޭރުފުށުން އަޅައިގަންނަ ކޮންމެ މީހަކު އެކަންކުރަނީ އިޚްލާސްތެރި ހިތަކާއިގެންނެއްނޫނެވެ. ސަބަބަކީ އިސްލާމްކަން ފާޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން މާއްދީފައިދާތަކެއް އެފަދަ ޙާލަތުގައި ފަހިވެފައި އޮތުމެވެ. ނުވަތަ އިސްލާމްކަން ފާޅުނުކޮށްފިނަމަ ނުރައްކަލަކާ ކުރިމަތިވުމުގެ ބިރުހީވެފައި އޮތުމެވެ. ސަލާމާއި ޞަލަވާތްލެއްވި މުޙަންމަދު ނަބިއްޔާގެ އުންމަތުގެ މުނާފިޤުން އުފެދުނީވެސް އިސްލާމީ ދައުލަތުގެ ބިންގާއެޅުނު މަތިވެރި ހިޖުރައިގެ ފަހުންނެވެ.
ނިފާޤުކަމުގެ ތާރީޚަށް ޖެހިލާނަމަ އީމާންކަން ޤާއިމުވެއްޖެ ކޮންމެ ތަނެއްގައި ހަމަކޮންމެ ހިނދެއްގައި ނިފާޤުކަން އެއާއެކު ޖަމާޢަވެއެވެ. ސަލާމްލެއްވި މުސާގެފާނުގެ ޒަމާނުގައި ބަނީ އިސްރާއީލުގެ މީހުންކުރެ ނިފާޤުކަން ފޮރުވައިގެން އުޅުނުމީހުން އެތައްފަހަރަކު މާތް ﷲ ފާޅުކުރައްވާ ބޭޒާރުކުރައްވާފައިވެއެވެ. އެއްމިސާލަކީ "ކަލޭގެފާނާއި ކަލޭގެ ފާނުގެ ވެރިރައްބު ވަޑައިގެން ހަނގުރާމަކުރައްވާށޭ!" މޫސާގެފާނާ ދިމާލަށް އެބައިމީހުންބުނިބުނުމެވެ. ސަލާމާއި ސަލަވާތްލެއްވި މާތް މުޙަންމަދު ނަބީކަލޭގެފާނުގެ އުންމަތުގައި މުނާފިޤުންގެ ޙާލަތުހުރިގޮތް ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ނަންގަނެވިގެންވެއެވެ. އިތުރު އެކަލޭގެފާނާއި އެކަލޭގެފާނުގެ ލޮބުވެތި އަޞްޙާބުބޭކަލުންނަށް ނަފްރަތުކުރުމާއި ފުރައްސާރަކުރުމުން ފެށިގެންގޮސް އެކަލޭގެފާނުގެ އަނބިކަނބަލުންގެ އިސްތަށިފުޅުގައި ޒިނޭގެ ބަދުއަޚްލާޤީ ތުހުމަތުއެޅުވުމާއި ހަނގުރާމަތަކުގައި މުޝްރިކުންނާ އެއްބައިވެ އެމާތް ނަބިއްޔާއާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ ވަސް ބިންމަތިންފޮހެލުމުގެ މަސައްކަތްވެސް އެބައިމީހުން އޮތީކޮށްފައެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އީމާންކަން ބިންމަތީގައި އޮތްހާދުވަހަކު އެއާއެކު މުނާފިޤުކަން ޖަމަޢުވެފައި އޮންނާނެކަމެވެ. ނަބީބޭކަލުންގެ ޒަމާނާ އަދުގެ ޙާލަތާއި މެދު ހުރިފަރަޤަކީ އެޒަމާނުގައި ވަޙީގެ ޒަރީޢާއިން މުނާފިޤުންގެ ހިތްތަކުގައި ފޮރުވައިގެން އުޅޭ ޣަދަރުވެރި ރޭވުންތައް ފަޟީޙަތްކުރައްވާކަމެވެ. ނަމަވެސް އުޑުން ބާވައިލެއްވެމުންއައި ވަޙީގެ ސިލްސިލާ ހުއްޓުމާހަމައިންފެށިގެން މުނާފިޤުންގެ ޣަދަރުވެރިކަން ފާޅުވާނީ އެބައިމީހުންގެ ޢަމަލުތަކުންނާއި ބަސްތަކުން ހާމަވުމުންނެވެ. އެއިރަށް އޮންނާނީ އިސްލާމްކަމުގެ ދާއިރާ ފަހަނައަޅައި މުރުތައްދުވެފައެވެ.
މާތްވެގެންވާ އިސްލާމްދީނުގެ ޙިމާޔަތުގައި ތެދުވެ އަޑުއުފުލައި، އިސްލާމްދީނުގެ ޝިޢާރުތައް ދިރުވައި، އިސްލާމްދީނާދެކޮޅަށް ހިންގޭ ޖަރީމާތައް ހުޓުވުމަށްޓަކައި އެމާތްދީނުގެ ދިފާޢުގައި ނިކުންނަ މުޖާހިދުންނާމެދު ބައެއްފަރާތްތަކުން ދައްކާފައިހުންނަ ނުރައްކާތެރި ވާހަކަތައް އިވުމުން ހައިރާންވާންޖެހެނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ބަނގުރަލާ ދެކޮޅަށްތެދުވި މުމިނުންނާއި، އިސްލާމުންގެ ތިންވަނަ ޙަރަމަށް ނުޙައްޤުން އަތްގަދަކޮށްގަނެ އެތަނުގެ އަހުލުވެރިންގެ މައްޗަށް އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައިވާ ޞިޙްޔޫނީންނާ ގުޅުންބަދަހިކުރުމާ ދެކޮޅަށް ނިކުތް މީސްތަކުންނާއި، އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ގޮވާލާ ނިކުތް މުޞްލިޙުންނާއި އަދި ޑިސެމްބަރު ތޭވީސްވަނަދުވަހު ނަސްރުގެ މައިދާނަށް އެއްވި އެތައްހާސް ދިވެހިންނާ ދެކޮޅަށް ހިންގުނު ޕްރޮޕެގެންޑާއަކީ މިތަނުގައި ޛިކުރުނުކޮށް ދޫކޮށްލެވެން އޮތް ވާހަކައެއްނޫނެވެ. "ކަލޭމެން ކޮންސަކަރާތެއްހޭ ތިޖަހަނީ! ﷲ ގެ ދީން އެކަލާނގެ ޙިމާޔަތް ކުރައްވާނެޔޭ!" ބުނެ ފުރައްސާރަކުޅަ މީސްތަކުންނާ ސަލާމްލެއްވި މޫސާގެފާނާ ޖަދަލުކުޅަ ބަނީއިސްރާއީލުބާގައިގެ މީހުންނާ ހުރިއެއްވެސް ތަފާތެއް ނުވިސްނޭއެވެ.
އިސްލާމުގެ ސަރުދާރުގެ މަޤާމުގައި ހުރެމެ، މީސްތަކުން އެއްކޮށްގެން ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެ ފާނުގެ ކައިވެނިފުޅުތަކާ ގުޅުވައިގެން ފުރައްސާރަ ކުޅަމީހާއާއި އިތުރުއެކަލޭގެފާނުންގެ ލޮބުވެތި އަނބިކަނބަލުންގެ އިސްތަށިފުޅުގައި ޒިނޭގެތުހުމަތު އެޅުވި މުނާފިޤުންގެ ސަރުދާރާ ދެމީހުންކުރެ ނުބައިކަންބޮޑީ ފަހެކާކުހެއްޔެވެ؟ އިހުޒަމާނުގެ ޖާހިލުންކުރެ "މާތް ﷲ ރިޒުޤުދެއްވާ މަޚްލޫޤަކަށް ތިމައުރެން ކާންދޭންވީ ފަހެކީއްވެހެއްޔޭ؟" ސުވާލުކުރި މީހުންނާ، މާތް ﷲގެ ދީން އެއިލާހު ޙިމާޔަތްކުރައްވާ ހިނދު ތިމައުރެން އެކަމާއުޅެންވީ ކީއްވެހެއްޔޭ ބުނެ އިންސާނާ ދުނިޔެއަށް ފޮނުއްވި މަތިވެރި މަޤްޞަދު ހަނދުމަނެތިކޮށްލިމީހުން ފަރަޤުކުރެވޭހުށީ ކޮންގޮތަކުން ހެއްޔެވެ؟
ނިފާޤުކަމަކީ ހުރިހާޒަމާނެއްގައިވެސް ދާދިއެއްގޮތަކަށް ފެތުރޭ، އެއްގޮތް ސިފަތަކެއް ލިބިގެންވާ ނުބައިކަންބޮޑު ބަލިމަޑުކަމެކެވެ. މިޒަމާނުގައި މުނާފިޤުންގެ ލަޝްކަރު ބޮޑުވެ، ޢަދަދުގިނަވެފައިވާ އެއްސަބަބަކީ އެބައިމީހުންގެ ޙަޤީޤީސޫރައާއި މެދު ޣާފިލުވެފައިވާ އީމާންތެރިކަމުގައި ބަލިކަށި ބައެއް އިސްލާމިންވެސް ލިޔެވިދިޔަފަދަ ސަރުދާރުންގެ ވަށައިގެން އެނބުރެމުންދާތީއެވެ. ތިމާގެ ދީނާއި ދުނިޔެ ރައްކާތެރިކުރުމަށް އަދައިގެންހުރި ކޮންމެ އިސްލާމަކުމެ އެންމެ ބޮޑުއަހަންމިއްޔަތުކަމެއް ދޭންވާނީ ތިމާގެ އީމާންތެރިކަން ރައްކާތެރިކޮށް، ތިމާގެ ދީން ނިފާޤުކަމާ ގަޑުބަޑުވެ ޚަރާބުވެދާނެ ކަންކަމުން ދުރުހެލިވެހުރުމަށެވެ. މާއްދީ ދަޅަތަކަށްހެއްލި ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަން އިސްކޮށްފިނަމަ ނިފާޤުކަމުގެ ސުންޕާ ބަލީގެ ޝިކާރަޔަކަށްވެ ދީނާއި ދުނިޔެ ފަނާވެދާއިރު އެކަން ރޭކާވެސްނުލާނެއެވެ.
މުނާފިޤުންނާއި މުޝްރިކުން ކިތަންމެ ނުރުހުނަސް އަދި ނަފުރަތު ކުޅަޔަސް، ޢާލަމް ތަކުގެވެރި ސާހިބުވަންތަ މާތް ﷲ އެއިލާހުގެ ދީން ފުރިހަމަޔަށް ޤާއިމުކުރައްވާ އެދީނަށް ނަޞްރުދެއްވާނެތެވެ. އަދި އެކަމުގައި މެދުވެރިކުރައްވާހުށީވެސް އެއިލާހުގެ ކިޔަމަންތެރި އަޅުތަކުންނެވެ. އެއީ ކާފިރުކަން ހިތުރޭގައި ވަންހަނާކޮށްގެން އިސްލާމުންކަމަށް ހެދިގެންއުޅޭ މުނާފިޤުނާއި، ތެދުވެރި މުއުމިނުން ވަކިކުރައްވާ ދުނިޔޭގެ ލޯތަކަށް ކަޝްފުކުރެއްވުމަށްޓަކައެވެ. އިސްލާމީ މުޖުތަމަޢުތަކުގައި އުޅޭ އެފަދަ މުނާފިޤުންނަށް ޖެހޭނީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ޒަމާނުގައި އުޅުނު މުނާފިޤުންފަދައިން އިސްލާމީ މުޖުތަމަޢުގެ ހަވާސާގައި ތާށިވެފައި ތިބޭށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...