ރާއްޖޭގެ ޚަބަރު ޕާކިސްތާނާއި ސައުދިޢަރަބިޔާގެ "މަދަރުސާ"ތަކަށް ކިޔަވަން ދިވެހިންދާތީ އެމެރިކާއިން ކަންބޮޑުވުންފާޅުކޮށްފި

ޕާކިސްތާނާއި ސައުދިޢަރަބިޔާގެ "މަދަރުސާ"ތަކަށް ކިޔަވަން ދިވެހިންދާތީ އެމެރިކާއިން ކަންބޮޑުވުންފާޅުކޮށްފި

ޕާކިސްތާނާއި ސައުދިޢަރަބިޔާގެ "މަދަރުސާ"ތަކަށް ކިޔަވަން ދިވެހިންދާތީ އެމެރިކާއިން ކަންބޮޑުވުންފާޅުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނާއި ސައުދިޢަރަބިޔާގެ "މަދަރުސާ"ތަކަށް ކިޔަވަން ދިވެހިންދާތީ އެމެރިކާއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ސްޓޭޓުން ނެރެފައިވާ2011 ވަނަ އަހަރުގެ ޓެރަރިޒަމް ރިޕޯޓްގައި ހާމަކޮށްފައިވާގޮތުގައި ޕާކިސްތާނާއި ސައުދިޢަރަބިޔާގެ "މަދަރުސާ"ތަކަށް އެތަކެއް ސަތޭކަ ދިވެހިންދާކަމީ އެއީ އެމެރިކާއިން ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި ދަނީގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުތައް ފެތުރެމުންދާކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާގެ ކޮންގްރެސްގައި އަންގާރަދުވަހު ނެރުނު މިރިޕޯޓުގައި ބުނެފައިވާގޮތުގައި ދީނީގޮތުން ހައްދުފަހަނައަޅައިދިއުމާއިދެކޮޅަށް މުޖްތަމަޢު ހޭލުންތެރިކުރުވުމަށާއި އަދި ރާއްޖޭގެ ސަލާމަތީބާރުތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިސަރުކާރުދަނީ އެމެރިކާއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

"ނޮވެމްބަރު 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުންވަނީ އިންޓަގްރޭޓަޑް ޑޭޓާބޭސްއަކާއި އެކު މުޅިން އާބޯރޑަރ ކޮންޓްރޯލް ސިސްޓަމެއް އިންސްޓްލްކުރުމަށް މެލެޝިއާގެ ނެކްސްބިސް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ސަބަބުން އެމައްސަލަ ކޯޓު މަރުހަލާގައި އޮތުމުގެ ސަބަބުން މިސިސްޓަމް އިންސްޓޯލް ކުރެވޭނީ ކޮން ދުވަހަކުކަމެއް އަދި ނޭނގެއެވެ،" އެމެރިކާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި "ރާއްޖޭގެ މިހާރު ޢަމަލުކުރެވުންދާ ޤާނޫނުގައި ފުލުހުންނަށް ޓެރަރިޒްމްގެ މައްސަލަތައް ޕްރޮސެކިއުޓްކުރުމަށް އެންމެ އެކަށީގެންވާވަރަށް ޤާބިލިއްޔަތުކަން ލިއްބައިދީފައިނުވުމުގެ ސަބަބުން 2011 ވަނަ އަހަރުގައި ރާއްޖޭގައި ހިނގައިދިޔަ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރުކުރެވުނު އެއްވެސް މީހެއްގެ ކާމިޔާބުކަމާއިއެކު ޕްރޮސެކިއުޓްކުރެވިފައެއް ނުވެއެވެ."
ނަމަވެސް، އެރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި "ރާއްޖޭގައި އެންމެ ވޯންޓެޑް ޓެރަރިސްޓުން ބޭރުޤައުމުތަކުގައ ހައްޔަރުކުރެވިފައިވަނީ ބޭރުޤައުމުތަކުގެ ފުލުހުންގެ އެއްބާރުލުން ލިބިގެންނެވެ." މިގޮތުން އިންޓަރޕޮލްގެ 'މޯސްޓް ވޮންޓަޑް' ލިސްޓުގައި ހިމެނޭ ދިވެހި "ޓެރަރިސްޓެއް" ލަންކާގެ ކޮލަމްބޯގައި ލަންކާގެ ކަމާއިބެހޭފަރާތްތަކުން ހައްޔަރުކޮށްފައިވާގޮތުގެ މައްޗަށް މިރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވަނީ ވަގު ޕާސްޕޯޓުތަކެއް ގެންގުޅެނިކޮށްކަމަށްވެސް ބުނެފައިވެއެވެ. 2007ގެ ސަލްޓަން ޕާކްގައި ބޮމެއް ގޮއްވާލުމުގެ މައްސަލާގައި ހައްޔަރުކުރެވުނު މީހާ ހައްޔަރުކޮށްފައިވަނީ ލަންކާ، އިންޑިއާ އަދި ރާއްޖޭގެ ސަރުކާރުން ކޮށްފައިވާ ތަޙްޤީޤެއްގައެވެ. ނަމަވެސް، ބޭނުންވާވަރަށް ހެކި ހުށަހެޅިފައިނުވުމުގެ ސަބަބުން އެމީހާ ދޫކޮށްލާފައިވާކަން އެމެރިކާގެ މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ދިވެހި މުޖްތަމަޢުގައި ހިނގަމުން އަންނަ ހުރިހާ ވައްތަރެއްގެ މާރާމާރީއާއި، އަދި މާރާމާރީއަށް މަގުފަހިކުރާ ދީނީ ހަރުކަށިކަމާއި ދެކޮޅަށް ދީނީ ޢިލްމުވެރިންނާއި އިޖްތިމާޢި ލީޑަރުންމެދުވެރިކޮށް މަސައްކަތްކުރުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިންދަނީ ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ. ދީނީ ޢިލްމުވެރިންނާއި، ތަޢުލީމީ ދާއިރާގެ އެކިފަރާތްތަކާއި،ސަރުކާރުގެ އެކި އޮފިޝަލުންގެ މެދުގައި 15ވަރަކަށް ސެމިނަރ އަދި ވޯކްޝޮޕްތަކެއް މިނިސްޓްރީން ވަނީ ކުރިއަށްގެންދަވާފައެވެ. މިވޯކްޝޮޕްތަކުގައި ރާއްޖޭގެ އެކި ފަންތީގެ މީހުންވަނީ ބައިވެރިވެފައެވެ.،" މިރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.