މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އިއްޔެ ގާތްގަނޑަކަށް 100،000 މުސްލިމުން މަސްޖިދުލް އަޤްސާއަށް ޖަމާވިކަމުގައި އިޒްރޭލުގެ ފުލުހުންގެ ތަރުޖަމާނަކު ހާމަކޮށްފިއެވެ.
ހުޅަނގުއައްސޭރިން ގާތްގަނޑަކަށް 100،000 ފަލަސްތީނުގެ ރައްޔިތުން މަސްޖިދުލް އަޤްސާއަށް ހުކުރު ކުރުމަށް ޖަމާވެފައިވާއިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށް އިޒްރޭލުގެ ފުލުހުންގެ ތަރުޖަމާނު މިކީ ރޮސެންފީލްޑް މީޑިއާއަށް މަޢުލޫމާތުދީފައިވެއެވެ.
ރޯދަމަހު މަސްޖިދުލް އަޤްސާގައި ނަމާދުކުރުމަށް އެދެމުންދާ މުސްލިމުންނަށް އެކަން ކުރެވޭނެ ގޮތް ހަދާދޭނެކަމުގެ އިޝާރާތެއް އިޒްރޭލުގެ ފުލުހުންވަނީ ދީފައެވެ. އެފަރާތުން ހާމަކުރާގޮތުގައި މުޅި ރޯދަމަހު ކޮންމެ ދުވަހަކު މަސްޖިދުލް އަޤްސާގައި އަޅުކަންކުރުމަށް ހުޅަނގު އައްސޭރިން 5000 މީހުންނަށް ދަތުރުކުރެވޭނެގޮތަށް ހަދާދޭނެކަމަށާއި އަދި ގާތްތިމާގެ މީހުންނާއި ބައްދަލުކުރުމަށް އެދޭ ފަލަސްތީނުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައިވާ ފަސޭހަގޮތްތަކެއް އިންތިޒާމުކޮށްދޭނެކަމަށެވެ.
އިޒްރޭލުން މިހެން ހާމަކޮށްފައިވީނަމަވެސް އުމުރުން 40 އަހަރަށް ވުރެ ދަށުގެ ފަލަސްތީނުގެ ރައްޔިތުންނަށް މަސްޖިދުލް އަޤްސާއަށް ވަނުން އަދިވެސް ވަނީ މަނާކޮށްފައެވެ.
އެއްވެސް ހަމަނުޖެހުމެއް ހިނގާފާނެތީ މަސްޖިދުލް އަޤްސާގެ ވަށައިގެން ހާހެއްހާ ސަލާމަތީ ފުލުހުންނާއި ސިފައިން ފޯރިމަރަމުން ދާނެކަމުގައި ރޮސެންފީލްޑް ބުނެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...