ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް މިޞްރުގެ ރައީސް މުޙައްމަދު މުރްސީއާއި އިއްޔެ ބައްދަލުކުރައްވާފިއެވެ. މިބައްދަލުވުން އޮތީ މިޞްރުގެ ވެރިރަށް ޤާހިރާގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ.
ކުރީގެ ރައީސް ހުސްނީ މުބާރަކުން ފަލަސްތީނާއި އެކު ބާއްވާފައިވާގުޅުމަށް ވުރެ ބަދަހި ގުޅުމެއް މިޞްރުން ފަލަސްތީނާއި އެކު ބާއްވާނޭކަމުގެ ޔަޤީންކަން ރައީސް މުރްސީ މިބައްދަލުވުމުގައި ރައީސް އައްބާސްއަށް އެރުވިއެވެ. ނަމަވެސް ޔަހޫދީ ދައުލަތާއި އެކު 1979 އަހަރު ވެފައިވާ ސުލްހައިގެ އެއްބަސްވުމަށް އިޙްތިރާމް ކުރައްވާނެކަމަށް ރައީސް މުރްސީ ވިދާޅުވިއެވެ.
މިބައްދަލުވުމަށްފަހު މީނާ ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީޤަތުމެއްގައި ރައީސް އައްބާސް ހާމަކުރެއްވިގޮތުގައި މިޞްރުގެ ރައީސްއާއި އެކު އޮތް ބައްދަލުވުމުގައި އިޒްރޭލާއި އެކު ކުރިއަށްދާ ސިޔާސީ ހުރިހާ މަސައްކަތްތަކުގެ ދޮރު މިހާރު ވަނީ ބަންދުވެފައިކަމަށާއި އަދި މިހާރު އެއްވެސް ކަހަލަ ސިޔާސީ މުޢާމަލާތެއް ކުރިއަށް ނުގެންދަވާކަމުގައި ރައީސް މުރްސީއަށް ދެންނެވިކަމަށެވެ.
2007 ވަނަ އަހަރު ޤާޒާގެ ކޮންޓްރޯލް ހޯދާފައިވާ ހަމާސް ޖަމާޢަތާއި އައްބާސްގެ ފަތަޙް ޖަމާޢަތް ސުލްހަކުރެވޭތޯ ރައީސް މުބާރަކްގެ ވެރިކަމުގައި މިޞްރުންވަނީ ވިލަރެސްކުރުމަށް މަސައްކަތްކޮށްފައެވެ.
ރައީސް މުރްސީއަކީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް މިޞްރުގައި 2011 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު މުޒާހަރާތަކުގައި އިސް ސަފުގައި ބައިވެރިވެފައިވާ އިޚްވާނުލް މުސްލިމީންގެ ކުރީގެ އިސް އޮފިޝަލެކެވެ. ފަލަސްތީނުގެ އިޚްވާނުލް މުސްލިމީން ޖަމާޢަތުން އުފެދުނު ހަމާސްއާއިއެކު މިޞްރުގެ އިޚްވާނުލް މުސްލިމީން ވަރަށް ގާތް ގުޅުމެއް އޮންނަ ކަމުގައި ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...