
މުސްލިމް ބްރަދަހުޑްގެ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ މުހައްމަދު މުރްސީ އިއްޔެ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިޞްރުގެ އައު ރައީސް މުޙައްމަދު މުރްސީގެ މުސާރައަކަށް ހަމަޖެހިފައިވަނީ 1650 އެމެރިކާ ޑޮލަރުކަމުގައި އެޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
ރައީސް މުރްސީއަށް ހަމަޖެހިފައިވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ރަސްމީ މުސާރައަކަށް ލިބިވަޑައިގެންނެވި މުސާރައަށް ވުރެ އެތަކެއް ގުނަ ކުޑަ މުސާރައެކެވެ. މިޞްރުގެ އެޑްމިނިސްޓްރޭޓިވް ޕްރޮސެކިއުޝަން ކޯޓުން މިދިޔަ އަހަރު ފެބްރުއަރީ މަހު ހާމަކޮށްފައިވާ ގޮތުގައި ރައީސް މުބާރަކްގެ މުސާރައަކަށް ލިބިވަޑައިގެންނެވީ 4000 އެމެރިކާ ޑޮލަރެވެ.
މިޞްރުގެ އައު ރައީސްއަށް ހަމަޖެހިފައިވާ މުޞާރައަކީ ފަލަސްތީނުގެ ބިމަށްވެރިވެގަނެގެން އުޅޭ ޒަޔަނިސްޓް ޔަހޫދީންގެ އިސްތިއުމާރީ ދައުލަތުގެ އެންމެ ކުޑަ މުސާރައެއް ލިބޭމިހާގެ މުސާރައާއި އެއް ވަރު މުސާރައެއްކަމަށް އިޒްރޭލުގެ ބައެއް ނޫސްތަކުގައި ހައިރާންކަމާއި އެކު ބުނެފައިވެއެވެ.
މިޞްރުގެ ސަރުކާރުން އައު ރައީސްގެ މުސާރަ މިހާ ބޮޑަށް ކުޑަކޮށްފައިވަނީ ކުރީގެ ރައީސް މުބާރަކް އާއި މުބާރަކްގެ ގާތްތިމާގެމީހުންނާއި އެކުވެރިން ދައުލަތުގެ ރައުސުލްމާލުން ކުރައްވާފައިވާ ޚަރަދުބަރަދާއި އަދި ނަންގަވާފައިވާ ޢަދަދުތަކުގެ ބޮޑުމަކުން އޭގެ ބަދަލެއްގެ ގޮތުން ކަމުގައި ބައެއް ސިޔާސީ މާހިރުން ހާމަކުރެއެވެ. ޤައުމުން ބޭރުގައިވާ މުބާރަކްގެ އާއިލާގެ އެކައުންޓުތަކުގައި ގާތްގަނޑަކަށް 70 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.
މިޞްރުގެ އައު ރައީސް މުރްސީގެ މުސާރައަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ރައީސުންގެ މުސާރައާއި އަޅާބަލާއިރު ވަރަށް ބޮޑުތަން ކުޑަ މުސާރައެކެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މުސާރައކީ 33000 އެމެރިކާ ޑޮލަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...