ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓަރުގެ "މިސްކިތް ފަންޑު"!

އިސްލާމިކް މިނިސްޓަރުގެ "މިސްކިތް ފަންޑު"!

އިސްލާމިކް މިނިސްޓަރުގެ "މިސްކިތް ފަންޑު"!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ފޮޓޯ: އަޝްވާގު

ޒަމާނުއްސުރެ މިރާއްޖޭގެ ވެރިކަމުގައިތިބޭބަޔަކު ޢާންމުން ވާވެއްދުމަށްޓަކައި ދައްކާވާހަކައެއް އޮވެއެވެ. މިޤައުމުގެ ޤުދުރަތީ ވަޞީލަތްތައް މަދުކަމާއި ފަޤީރުކަމުގެ ވާހަކައެވެ. އެއްގާބުރި މަތީގައި އަނެއްގާބުރި ބޭއްވުނަސް އެއީ ވެރިކަމުގެ ތަޚުތުގައި ރެނދަލި ކުރައްވައިގެން ހުންނަވާ 'ސާހިބަކު' ބައިނަލްއަޤުވާމީ މަސްރަޙުގައި ނަންހިނގާތީޔޯލައެވެ. މެދުފަންތީގެ އިޤްތިސާދެއް މިޤައުމުގައި ކޮޅަށްޖެހުމަކީ ފަސާދައިންއެއްކިބާވެފައިވާ ސަރުކާރަކަށް ކޮށްލަން އުނދަގޫ ކަމެއްނޫނެވެ. ބޭރުދުނިޔޭގެ އެކިފަރާތްތަކުން ލިބޭއެހީތަކަކީ ރައްޔިތުންނަށް އެއިންކުރާ މަންފާޔަށްވުރެބޮޑަށް، ވަކިބަޔަކު ތަނަވަސްވުމަށްޓަކައިހޯދާ އެއްޗެއްކަމުގައި ބެލެވޭނެ ޖާގައެބައޮތެވެ.

ލިޔަންމިއުޅެނީ މުޅިން އެހެންވާހަކައެއް ކަމުގައިވެސް ބެލެވިދާނެއެވެ. މިސްކިތްތަކަކީ އުޑުހިޔާދަށުގައި ލެއްވިގެންވާ އެންމެމާތް ތަންތަނެވެ. އިސްލާމްދީނުގެ ބުރުސޫރައާއި ވައްޓަފާޅި ދައްކުވައިދޭ އެންމެ މުހިންމު މަރުކަޒެވެ. މުސްލިމުންގެ ޝާނާއި ޝައުކަތު ހާމަކޮށްދޭ އެންމެބޮޑު ކިއްލާއެވެ. އިސްލާމްދީނުގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ އެންމެހައި ސިޔާސަތުތައް އެކަށައަޅާ މަޝްވަރާ މަޖިލީހުގެ އިދާރާއެވެ. ދީނީ އަދި މަދަނީ ތަޢުލީމުގެވެސް މަދަރުސާއެވެ. ވަކިން ޚާއްސަގޮތެއްގައި ދިވެހީންނަށް ވިސްނިފައި އޮންނަހެން ދީނުގެ ގިނައަޅުކަންތައް ގުޅިފައިވާ ތަނަކީވެސް އެއީއެވެ.

ލިޔެވިދިޔަ ސަބަބުތަކާއި އެހެންވެސް ސަބަބުތަކަށްޓަކައި މިސްކިތްތަކަކީ އިސްލާމީ މުޖުތަމަޢުތަކުގައި ވަރަށްބޮޑު އަހަންމިއްޔަތަކާއި އިޙްތިރާމެއް ދެވިފައިވާ މާތްމަތިވެރި ބިނާއެކެވެ. ޒަމާނުއްސުރެ ދިވެހިންނަށް ޤަބޫލުކުރެވިފައި އޮންނަނީ، މިމަތިވެރި ބިނާތައް ޢިމާރާތްކޮށް އާބާތުރަފިލުވައި ބެލެހެއްޓުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއްކަމަށެވެ. ނަމަވެސް މިފަހަކަށްއައިސް އެންމެބާރަށް ދަނަބޭކަލުންގެ ދޫފުޅުތަކުން އިވެމުންއަންނަ އެއްވާހަކަޔަކީ މިސްކިތްތައް ބިނާކޮށް އެތަންތަން އާބާދުކުރުމުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކައެވެ. ޤިޔާމްތަދުވަހުން ޖަންނަތުގެ މަތިވެރި މަޤާމުތަކުގައި އެފަދައަޅުތަކުން ދެމިތިބޭނޭ ނިޢުމަތްތަކުގެ ވާހަކައެވެ. އަޅުގަނޑަކީ މިވާހަކަތައް ތަފްސީލުކުރަން އެކަށީގެންވާ މީހެއްކަމުގައި ނުދެކެމެވެ. ނަމަވެސް ޔަޤީންކުރެވޭކަމަކީ މިއީވެސް އެހެނިހެންބައެއްވާހަކަތައްފަދައިން ވޭތުވެދިޔަ ދިގުމާޒީގައި ކޮންމެވެސް ސަބަބަކަށްޓަކައި 'ހިފެހެއްޓިފައި' ހުރިވާހަކަތަކެއްކަމެވެ.
ކޮންމެއަކަސް މިރާއްޖޭގައި ޒަމާނުއްސުރެ ބޮޑެތި މިސްކިތްތައް ޢިމާރާތްކޮށް މަރާމާތުކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިންގެމުންއައީ ޢަރަބި މަހުޖަނުންނާއި ސަރުކާރުތައްކުގެ ފަހަތުންދުވެ ސަލާންޖަހައިގެންނެވެ. ނުވަތަ މިރާއްޖޭގެ ކޮންމެވެސް ވިޔަފާރިވެރިޔަކު ކޮންމެވެސް ސަބަބަކަށްޓަކައި އެހީތެރިވެދީގެންނެވެ. ދެންއުފެދޭ ސުވާލަކީ ދަންނަބޭކަލުން އެވިދާޅުވާ މާތްކަމާއި މަތިވެރި ނިޢުމަތްތައް ލިބެންޖެހެނީ ހަމައެކަނި ބޮޑެތި މަހުޖަނުންނަށްތޯ އުފެދޭ ސުވާލެވެ. އެހެންނޫންނަމަ ޢާންމު އިސްލާމުންނަށްވެސް އެފުރުސަތު ކޮންމެވެސް ސިފައެއްގައި ލިބެންއެބަޖެހޭނޫންތޯއެވެ؟

މިސަބަބަށްޓަކައި އިސްލާމިކް މިނިސްޓަރުގެ މިސްކިތް ފަންޑުވީ އަޅުގަނޑު ވަރަށްބޮޑަށް ގަޔާވި މަޝްރޫޢަކަށެވެ. އެކަމަށްޓަކައި ޚަރަދުކުރާނޭ ބޮޑު ޚަޒާނާއެއް އަޅުގަނޑަށް ލިބިގެންވާތީއެއްނޫނެވެ. ދީން ބިންމަތިގައި ޤާއިމުކޮށް ނެގެހެއްޓުމުގެ ޒިންމާ ދައުލަތުގެ މައްޗަށް ލެއްވިފައިވާކަމާމެދު އިންކާރުކުރަނީއެއްނޫނެވެ. މުދަލުގެ އަހުލުވެރީންގެ ދާއިރާ ހަނިކުރަނީއެއްވެސް ނޫނެވެ. އާދައިގެ މީހާޔަށްވެސް ހެޔޮކަމުގެދޮރު ހުންނަންވާނީ ހުޅުވި، ހަމަރަގަޅަށް ފަހިވެފައެވެ. އިސްލާމީ ދައުލަތެއްގެ އެންމެއިސް އެއްޒިންމާޔަކަށްވާންވާނީ މީސްތަކުން ޖަހަންނަމައިން ސަލާމަތްކޮށް އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުދެއްކުމެވެ. މިނަޒަރުންބަލާއިރު އެއީ ހަދަހާބަޔަކަށް އެފުރުސަތު ހުޅުވިގެންދިޔަ އަދި އެކަމަށް ބާރުއެޅުނު މަޝްރޫއެކެވެ. މިސްކިތްތައް ޢިމާރާތްކުރުމުގެބާބު އިސްލާމީ ތާރީޚުގައި ލިޔެވިގެން އަންނަނީވެސް އެފަދައިންނެވެ. އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ޤުބާ މިސްކިތެވެ. އެއީ އިސްލާމީ ދައުލަތް އުފެދުމުގެ ކުރިން ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ހިޖުރައިގެ މާތް ދަތުރުފުޅުގައި މަދީނާޔަށް ވަޑައިގެންނެވުމުގެ ކުރިންކުރެއްވި މަސައްކަތްޕުޅެކެވެ. މުސްލިމުން އެބައިމީހުންގެ ދަލާއި އަމިއްލަމުދާ ޤުރުބާންކޮށްގެން ހިންގި ތަޤުވާގެ މަޝްރޫޢެކެވެ. އެއަށްފަހު ހިޖުރަޔަށް ވަޑައިގެން އެންމެ ފުރަތަމަ ހިންގެވީީ މަދީނާގައި ނަބަވީ މިސްކިތް ބިނާކުރެއްވުމުގެ މަސައްކަތްޕުޅެވެ. އެއީވެސް ހަމައެފަދަ މަސައްކަތްޕުޅެކެވެ. އޭގެ ޒަމާންތަކެއްފަހުން ރުއްސުންލެއްވި ޢުޘްމާން ޒުއްނޫރައިނިގެ ޚިލާފަތުގައި މަދީނާގެ އާބާދީ ގުނަގުނަޔަށްއިތުރުވެ ނަބަވީ މިސްކިތް ބާވެ، ޖާގަދަތިވީމާ، ތިޔާގިވެ ބަންޑުންވަމުންދިޔަ އިސްލާމުންގެ ޚަޒާނާގެ ތަޅުދަނޑި އެކަލޭގެފާނުގެ އަތްޕުޅުގައި އޮވެމެ، އެއިން ޚަރަދުކުރެއްވޭނޭ އެންމެހައި ސަބަބުތަކެއް މެދުވެރިވީމާވެސް އެބިޔަމަޝްރޫޢު ހިންގެވީ އެކަލޭގެފާނުންގެ އަމިއްލަފުޅު މާލިއްޔަތުންނެވެ. ދައުލަތުގެ ޚަޒާނާ އަކުންނޫނެވެ.

މިފަހުގެ ދުވަސްތަކުގައި މިޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭމީހުން އެންމެގިނައިން ދައްކާ އެއްވާހަކަޔަކީ އެވެނިސަރުކާރެއްގެ މިވެނިމީހަކު ރައްޔިތުންގެ ޚަޒާނާ ހަފުސްކޮށްލިވާހަކައާއި އެކަމާހުރެ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ކަންކަންވެސް ފޯރުކޮށްދެވެން ނެތްވާހަކައެވެ. ނަމަވެސް މިސްކިތު ފަންޑުގެ މަޝްރޫޢުއިން އެނގިހާމަވަނީ ބަހަނާތަކުގެ ނިވަލުގައި ފިލާނުތިބެ އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރާން ތައްޔާރަށްތިބޭ މީހުން އުގެނިދަސްކުރަން ޖެހޭފިލާވަޅުތަކެވެ. މުޚްލިސުންނަށް މަގުބަންދުނުވާނެކަމެވެ. ކޮންމެއަކަސް ފަސާދައިގެ މައްސަލަތައް ތަޙުޤީޤުކޮށް ޝަރީޢަތްކުރާ ފަރާތްތަކުންއެކަން ކުރަންވާނެއެވެ. ނަމަވެސް ރައްޔިތުންގެ ޚާދިމުންނަށް ގޮތްހުސްވެއްޖެއްޔާ ރައްޔިތުންގެ ވަޒީފާގައި ދެމިތިބެން ހެޔޮނުވާނެއެވެ.

އިސްވެލިޔެވުނު މަޝްރޫޢު ހިނގަމުންދިޔަ ދުވަސްތަކުގައި ފެނިގެންދިޔަ އެއްމަންޒަރަކީ އެބައެއްގެ ހިތުގައި ކޮންމެވެސް ޒާތެއްގެ ބަލިމަޑުކަމެއްއުފެދި މުޅިހައްޓަށް އޭގެ ނޭދެވެއަސަރުކުރަމުންއައި ދެތިންމީހަކު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ތިމާމެންގެ ފުރެދުންތެރިކަން ފާޅުކުރަމުން މީސްތަކުން މަގުފުރައްދަން ގަދައަޅާ މަސައްކަތްކުރަމުންދިޔަ މަންޒަރެވެ. މިފަދަ ހުރިހާ ގޮންޖެހުންތަކަކާއެކުވެސް މިރާއްޖޭގެ ތާރީޚުގައި ހިންގުނު މިފަދައެންމެ ކާމިޔާބު މަޝްރޫޢު އެއޮތީ ނިމިފައެވެ. އިސްލާމްދީނަށްޓަކައި ދިވެހިންގެހިތުގައި އުފެދިހައިވާ ޖޯޝުދައްކާލި އާސިލްސިލާއެއް ނިމިގެންދިޔައީއެވެ. ގޯޅިގޯޅި ކަންމައްޗަށްނިކުމެ އާޑަފުރައްސާރަކުރަންތިބަމީހުން ކަޅިއެރީއެވެ. އެފަދަމީސްމީހުންނަށާއި އެބައިމީހުންގެ އިސްލީޑަރަށް ދޭންއޮތްމެސެޖަކީ 'ބޮލުގައި ބަޑިޖައްސާފައި' ﷲގެ މަގުގައި ހޭދަކުރަން އެއްވެސް މީހަކު އަމުރެއްނުކުރެއެވެ. އެހެންކަމުން އިޚްލާސްތެރި ޢަމަލެއްކޮށް ދެދުނިޔޭގެ ބާއްޖަވެރިކަން ބެއިނުންނުވާމީހާ ދެޖީބުގައި އަތްއަޅާ ފިއްތައިގެއް ހިނގައިދިޔުމަކުން ﷲއަށްދެވޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. ބާރަށް ހިނގާދާށެވެ.

މިނިސްޓަރަށް ދަންނަވާލަން އޮތްވާހަކަޔަކީ، އެއްވެސް ލަހެއްފަހެއްނެތި މަނިކުފާނުގެ ގޮވާލުމަކަށް މާލީގޮތުން ބޮޑު ނުތަނަވަސް ކަމެއްގެތެރޭގައި އުޅެމުންވެސް ދިހަމިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ މަނިކުފާނާ ދިވެހިން ޙަވާލުކޮށްފިއެވެ. އެއީ ދަތިޙާލުގައި އުޅެމުންވެސް ﷲގެ ވަޖުހުފުޅުއަދައިގެން ކުރި ހެޔޮޚައިރާތެކެވެ. އަޅުގަނޑު އުންމީދުކުރަނީ މަނިކުފާނުގެ ޒިންމާއާއިމެދު ސުވާލުކުރެވޭނޭދުވަހު ދެއްވާނޭ ފުރިހަމަ ޖަވާބެއް މަނިކުފާނު ތައްޔާރު ކުރައްވާނެކަމަށެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.